Roadha Mihaaru
ގަވާއިދު ފުރިހަމަ، އެކަމަކު އޮތީ އިނގިރޭސި ބަހުން!

މުބާރާތުގެ ގަވާއިދެއް ފެނިއްޖެ، ގަވާއިދު ފުރިހަމަ، އެކަމަކު އޮތީ އިނގިރޭސި ބަހުން!

16 މާޗް 2022

ދިވެހި ލީގްގެ ގަވާއިދު އޮތީ އިނގިރޭސި ބަހުންނެވެ. ގަވާއިދުގެ ސުރުހީއަކީ "ނޯތު، ސެންޓްރަލް އެންޑް ސައުތު ލީގް 2022، ރޫލްސް އެންޑް ރެގިއުލޭޝަންސް" އެވެ. ރާއްޖެ ބިނާވެފައި އޮންނަނީ އަތޮޅުތަކެއްގެ މައްޗަށެވެ. ފުޓުބޯޅައަކީ "ޔުނިވާސަލް ކަލްޗަ" ކަން އެނގެ އެވެެ. ނަމަވެސް ގައުމެއްގެ ތޮބީއީ ނިޒާމަށް ރިއާޔަތް ނުކޮށް ފުޓުބޯޅަ ވިޔަސް އަދި އެހެން ހަރަކާތެއް ވިޔަސް ހިންގިދާނެ ބާވަ އެވެ؟ އޮޅުމެއްގެ ތެރޭގައި ނަމަވެސް، އެކަން ވާނެ ކަމަކަށް ނުފެނެ އެވެ. ފުޓުބޯޅަ ވެސް އެ ގައުމެއްގެ ތަބިއްޔަތަށް ރުޖޫއަވާނެ އެވެ. އެއި އަތޮޅާއި ސިޓީއަށެވެ. އަތޮޅާއި ސިޓީ ފެންވަރުގައި ފުޓުބޯޅަ ލީގްތައް ލާމަރުކަޒުކޮށް އުފެދޭނެ އެވެ.

ހާމިދު އަބްދުލް ޣަފޫރު ހާމިދު އަބްދުލް ޣަފޫރު

ދިވެހި ލީގްގެ ގަވާއިދު އޮތީ އިނގިރޭސި ބަހުންނެވެ. ގަވާއިދުގެ ސުރުހީއަކީ "ނޯތު، ސެންޓްރަލް އެންޑް ސައުތު ލީގް 2022، ރޫލްސް އެންޑް ރެގިއުލޭޝަންސް" އެވެ. ރާއްޖެ ބިނާވެފައި އޮންނަނީ އަތޮޅުތަކެއްގެ މައްޗަށެވެ. ފުޓުބޯޅައަކީ "ޔުނިވާސަލް ކަލްޗަ" ކަން އެނގެ އެވެެ. ނަމަވެސް ގައުމެއްގެ ތޮބީއީ ނިޒާމަށް ރިއާޔަތް ނުކޮށް ފުޓުބޯޅަ ވިޔަސް އަދި އެހެން ހަރަކާތެއް ވިޔަސް ހިންގިދާނެ ބާވަ އެވެ؟ އޮޅުމެއްގެ ތެރޭގައި ނަމަވެސް، އެކަން ވާނެ ކަމަކަށް ނުފެނެ އެވެ. ފުޓުބޯޅަ ވެސް އެ ގައުމެއްގެ ތަބިއްޔަތަށް ރުޖޫއަވާނެ އެވެ. އެއި އަތޮޅާއި ސިޓީއަށެވެ. އަތޮޅާއި ސިޓީ ފެންވަރުގައި ފުޓުބޯޅަ ލީގްތައް ލާމަރުކަޒުކޮށް އުފެދޭނެ އެވެ.

ގަވާއިދުގެ ހުރިހާ ވެސް އުނިކަމަކީ އައު ފޯމެޓެވެ. ސެކްޝަން 2 ގެ "ލީގް ސިސްޓަމް އެންޑް މެޗް ޝެޑިއުލް" ގެ ދަށުގައި އެކަށައަޅާފައިވާ "ކޮމްޕެޓިޝަން ފޯމެޓް"ގެ އުނިކަމެވެ. ނަސީބު ދެރަކަމުން، ދިވެހި ލީގްގެ އާ ފޯމެޓް އެކުލަވާލެވިފައި ވަނީ ކަތި ބިންގަލެއްގެ މައްޗަށެވެ. އެއީ މާލެ (ޒޯން-4)، މެދުގައި ބައިންދައި، މާލޭގެ އުތުރާއި (ޒޯން-1)، މާލެ ވަށައިގެން އޮތް މެދު ރާއްޖެތެރެ އާއި (ޒޯން-2)، އަދި ތ. އަތޮޅުގެ ދެކުނު (ޒޯން-3) އަށް ބެހޭ ގޮތަށް އަތޮޅުތަކާއި ސިޓީތައް ގްރޫޕް ކުރުމެވެ.

ޒޯން ހަތަރެކޭ މި ކިޔާ ގްރޭޓަ މާލެއަކީ އެއްފަސްކޮށް އޮތް ސިޓީއެކެވެ. އަނެއް ތިން ޒޯނަކީ އެތައް ސަތޭކަ ކިލޯމީޓަރަށް ދެމިގެންދާ ޖަޒީރާ ރަށްތަކެކެވެ. ގަވާއިދުގެ ހަ ވަނަ މާއްދާގައި ތަފްސީލް ކޮށްފައިވާ ކޮމްޕެޓިޝަން ފޯމެޓު އެކަށައަޅަނީ މާލޭގެ މޮޑެލް ކޮންމެ ޒޯނެއްގެ މައްޗަށް ފައްތާށެވެ. އާދެ، ބާރު ތޮތްޕެއްހެން ފައްތާށެވެ. މި އޮތީ ތޮފި އަޅަން ޖެހިފަ އެވެ! ގަވާއިދު ބައްލަވާލައްވާށެވެ.

އާ ފޯމެޓް ހިންގަން ގަސްދުކުރާ ގޮތް

އިނގިރޭސިން އޮތް ގަވާއިދުގެ ހަ ވަނަ މާއްދާ އިން އަޅުވާ ތޮފި ބާރަށް ފެއްތުމަށް ފަހު، މިއިން ޒޯނަކަށް މި ކިޔަނީ ލީގެއް ކަމަށެވެ. އެއީ "މާލޭ ލީގް" ގެ ހަމައިންނެވެ. ދެން އޮންނާނީ، މާލޭ ލީގާއި އުތުރު ލީގާއި މެދު ލީގާއި ދެކުނު ލީގެވެ. މާލެ ފިޔަވައި ރަށެއް ވެސް ސިޓީއެއް ވެސް އޮތް ކަމަކަށް އާ ފޯމެޓް ނުދެނަހުއްޓެވެ! މާލޭ ލީގް ފިޔަވައި އެހެން ސިޓީ ލީގެއް، އަތޮޅު ލީގެއް ނެތެވެ. މިއީ ދިވެއްސެއްގެ ވިސްނުންތޯ ސުވާލު އުފެދެ އެވެ. ޔޫރަޕްގެ ކޮންސަލްޓަންޓެއް ނަމަ ލީގްގެ މަފްހޫމް މި ގޮތަށް އޮޅުވާލާކަށް ނޭނގުނީހެވެ!

ލ. ގަމުގެ ތިއްތި ސްޕޯޓްސް ކްލަބް ކުޅުނު މެޗެއްގެ ތެރެއިން

ލ. ގަމުގެ ތިއްތި ސްޕޯޓްސް ކްލަބް ކުޅުނު މެޗެއްގެ ތެރެއިން

އާ ފޯމެޓްގެ އަނެއް އަޖާއިބުވަނިވި ސިފައަކީ، ލީގް ހިންގަން އެކަށައަޅާފައިވާ މަރުކަޒީ ނިޒާމެވެ. ލާމަރުކަޒު ކުރަނީ ކަމަށް ބާރަށް ބުނެ އެވެ. އެކަމަކު، ހުރިހާ ލީގެއް ވެސް ހިންގަނީ މާލޭގައި ހުންނަ އެފްއޭއެމްގެ އޮފީހުގައި އޮންނަ "ލީގް ސެކްރެޓޭރިއޭޓް" އިންްނާއި "ލީގް ކޮމިޓީ" ންންނެވެ. އެފްއޭއެމުން މަސައްކަތް މި ކުރަނީ، މާލޭގެ އޮފީހެއްގެ ތެރޭގައި ތިބޭ ބަޔަކު އަށެއްކަ އަތޮޅުގެ ބިޔަ ޒޯނެއް، ހަތަރު ޑިވިޝަނަށް ތަރުތީބު ކުރާށެވެ. އެއީ 15 ޓީމްގެ ތިންވަނަ ޑިވިޝަނަކާއި 10 ޓީމްގެ ދެވަނަ ޑިވިޝަނަކާއި 8 ޓީމްގެ އެއްވަނަ ޑިވިޝަނަށެވެ (ގަވާއިދުގެ 6.2). ކުދި ރައްތަކަކަށް ބެހިފައި އޮތް ނަމަވެސް ކުޅެން ޖެހެނީ ހަމަ މާލޭގައި ކުޅޭ ގޮތަށް ސެންޓްރަލައިޒްޑް ކޮށެވެ. ދިވެހިރާއްޖޭގެ ޓޮޕޮގްރަފީއަކީ އަތޮޅުތަކަކަށް ބެހިފައި އޮތް ކުދި ރަށްތަކެއް އެކުލެވޭ ޖަޒީރާ ގައުމެއް ކަމެއް އެފްއޭއެމް ނުދެނަހުއްޓެވެ!

މުބާރާތުގެ މެނޭޖްމެންޓް އޮންލައިން ކުރުން ރަނގަޅު

އެފްއޭއެމުން ފުޓުބޯޅަ މެނޭޖްމެންޓް އޮންލައިންކޮށް، ހިންގަން ކަނަޑައަޅާފައިވާކަން ގަވާއިދުން ސާފުވެ އެވެ. އެފްއޭއެމުން ޓެކްނޮލޮޖީ ހިޔާރު ކުރިކަން ކިތަންމެހާ ވެސް ރަނގަޅެވެ. ނަމަވެސް ޓެކްނޮލޮޖީއާ އެއްހަމައެއްގައި ކަންކަން ހިންގޭ ވަރާ މެދު ސުވާލު އުފެދެ އެވެ. މިސާލަކަށް މުބާރާތުގެ ގަވާއިދު އީމެއިލް ކުރެވުނީ މުބާރާތް ފެށެން ދެ ތިން ދުވަހަށް ވެފައި ވަނިކޮށެވެ. ގަވާއިދު އެހާ މުހިންމު ކަމަކަށް ދެކިގެން އުޅޭ ކަމަކަށް ނުފެނެ އެވެ. ގަވާއިދުގެ ފުރިހަމަ ކަމަކީ އެ ހިންގަން ނުކުޅެދުމުގެ އެންމެ ބޮޑު ސަބަބަބު ކަމަށް ވެސް މެ އެވެ.

ދިމާވާ މައްސަލައަކީ، "ކޮމްޕެޓިޝަން ފޯމެޓް" ފިޔަވައި، ގަވާއިދުގެ އާއްމު މާއްދާތައް އެކުލަވާލާފައިވަނީ ފީފާގެ މިންގަނޑަށް ކަމަށްވީ ނަމަވެސް ގަވާއިދު ތަންފީޒު ކުރަން އޮތް އެފްއޭއެމްގެ "ލީގް ސެކްރެޓޭރިއޭޓް" އާއި "ލީގް ކޮމިޓީ" އަށް މިހާރު ވެސް އޮތީ ގަވާއިދު ފަހަތުން ދުވަން ޖެހިފައި ކަމަށް ވުމެވެ.

ފުރަތަމަ ކަމަކަށް މި ހަފުތާގައި ނިމުނު ލ. ގަމު ގެ "އޯޕަން ޑިވޝަން" ގްރޫޕްގެ ބައެއް ޓީމަށް ގަވާއިދު ލިބުން ލަސްވުމުން، ޖާޒީ ނަމްބަރު ތަރުތީބު ހުރީ ގަވާއިދުގެ 25.2.2 އިން ބުނާ ގޮތަކަށްް ނޫނެވެ. ގަވާއިދުގެ 20.1.1 ގެ ދަށުން ރެޖިސްޓްރޭޝަން ވިންޑޯ-1 އިން ބުނަނީ ފުރަތަމަ މެޗްގެ 30 ދުވަސް ކުރިން ކްލަބް ރަޖިސްޓަރީ ވާން ޖެހޭނެ ކަމަށެވެ. އެއީ މިދިޔަ ފެބްރުއަރީ 6 ގަ އެވެ. ނަމަވެސް ގަވާއިދު ލިބުނީ މެޗު ކުޅެން ދެ ތިން ދުވަހަށް ވެފައި ވަނިކޮށެވެ. ދެން ކިތަންމެ ކުރިން ބައިވެރިވި ނަމަވެސް ޖާޒީ ނަމްބަރު ހުންނަންވީ ގޮތް ޔަގީން ކުރާނީ ކިހިނަކުންތޯ އެވެ.

މިއީ އަދި ހަމަ ފަށައިގަތުމުގައި ދިމާވި ކަންކަމެވެ. މިހާތަނަށް މި ކުޅެވުނީ އޯޕަން ޑިވިޝަންގެ އެންމެ ބުރެކެވެ. ރޯދައިގެ ކުރިއަށް ލ. ކުނަހަންދު އާއި އައްޑޫ ހިތަދު އާއި ފޭދޫން ކްލަބެއް ބާކީ ކޮށްލުން އެބައޮތެވެ. ރޯދައިގެ ފަހުން އޮތީ ބ. އަތޮޅާއި ށ. އަތޮޅުން ޓީމު ބާކީ ކުރާށެވެ.

ލ. ގަމުން އެއް ކްލަބަށް ވުރެ ގިނަ ކްލަބް ބައިވެރިވެފައިވާތީވެ، އަނެއް ތިން ކްލަބް ބޭރުކޮށްލަން ކުޅުނު އޯޕަން ޑިވިޝަން ބުރުގެ މޮޅުވި ކްލަބް ތިއްތި ސްޕޯޓްސް އަށް އެފްއޭއެމުން މަރުހަބާ ކިޔެވެ. އޯޕަން ޑިވިޝަނޭ ކިޔައި ބާކީ ކޮށްލި ގަމުގެ އަނެއް ތިން ކަލަބަށް މުބާރާތް ނިމުނީ އެވެ!

ގަވާއިދުގެ ފުރިހަމަކަން

ފުރަތަމަ މާއްދާގައި ވެސް ބުނަނީ، މުބާރާތުގައި ބައިވެރިވެވޭނީ މެމްބަރު ކްލަބްތަކަށް ކަމަށެވެ. އެކަމަކު ވޯޓުލުމުގެ ހައްގެއް ނޯވެ އެވެ! ވީމާ، ގަވާއިދު ލިޔުނު މީހާ އެފްއޭއެމްގެ އަސާސީ ގަވާއިދު ކިޔާފައި ނުވަނީތާ އެވެ. ގަވާއިދު 4.1 ގައި ދެން ބުނަނީ، ކްލަބަކީ ކޮމިޝަނަރު އޮފީހުގައި ރަޖިސްޓަރީ ކޮށްފައި އޮތް ކްލަބަކަށް ވާން ޖެހޭނެ ކަމަށެވެ. މިހެން ކަމަށް ވަނީ ނަމަ، ބައިވެރިވެފައިވާ 61 ކްލަބްގެ ގާނޫނީ ހައިސިިއްޔަތު ޔަގީން ކުރެވޭ ކަމަށް ބަލަން ވާނެ އެވެ. އެއީ ސަރުކާރަށް އިތުބާރު ކުރާތީ އެވެ. ކޮމިޝަނަރަށް އިތުބާރު ކުރާތީ އެވެ. ކޮމިޝަނަރު ދޭ ޔަގީން ކަމެއްގެ މައްޗަށް ބަލައި، އަދިވެސް ވޯޓްލުމުގެ ހައްގެއް ނުލިބެ އެވެ!

ގަވާއިދުގެ ފުރިހަމަ ވަރަކީ، ވިޔަފާރީގެ އެއްބަސްވުމަކާ ވަރަށް ގާތް ގޮތަކަށް އެ އެކުލަވާލާފައި ވުމެވެ. ވިޔަފާރީގެ އެއްބަސްވުމަކަށް ވުރެ ވެސް ހަރުކަށްޓެވެ. ވޯޓުލުމުގެ ހައްގު ނުލިބޭތާ، ރަށު ފެންވަރުގައި މުބާރާތުން ވަކިވެވޭނީ 5،000ރ. ގެ ޖޫރިމަނާއެއް ދެއްކުމަށް ފަހު އެވެ. ގަވާއިދުގެ 3.4 ގައި ބުނަނީ ދަތުރާއި ތިބުމުގެ ހަރަދު ކުރަން ޖެހޭނީ ކްލަބުން ކަމަށެވެެ. ނަމަވެސް، ގަވާއިދުގެ 44 ވަނަ މާއްދާއިން ދެވަނަ ޑިވިޝަން ކްލަބަކަށް "ޓްރެވެލް ކޮންޓްރިބިއުޝަން" ގޮތުގައި މެޗަކަށް 2،000ރ. އަދި އެއްވަނަ ޑިވިޝަނަށް ނަމަ 4،000ރ. ދޭނެ ކަމަށް ބުނެ އެވެ. އެކަމަކު މި ފައިސާ ދެވޭނީ ފަހުންނެވެ!

ކައުންސިލްތަކުން ފުޓުބޯޅަ ހިންގުން

ކައުންސިލްތައް މުބާރާތް ހިންގުމުގެ ތެރެއަށް ވައްދަން އެފްއޭއެމުން ބާރުއަޅަ އެވެ. މިއީ ފުޓުބޯޅައިގެ މަސްލަހަތު ފުށުއަރާނެ ކަމެކެވެ. މި އުސޫލަކީ، ކުރީގައި އަތޮޅުވެރިންނާއި ކަތީބުން މެދުވެރިކޮށް މުބާރާތް ހިންގަން އުޅުން ޒާތުގެ ކަމެކެވެ. ދިމާވާ ފުށުއެރުންތައް އަނެއްކާވެސް ތަކުރާރު ވާނެ ފިޔަވަޅެކެވެ.

ފުޓުބޯޅައިގެ މަސްލަހަތަށް ބަލައި، ލާމަރުކަޒު ކުރުމުގެ ނިޔަތުގައި އަތޮޅު ފެންވަރުގައި ލީގް ސެކްރެޓޭރިއޭޓްތައް ގާއިމް ކުރުމުގެ ވިސްނުމެއް ނެތެވެ. ފުޓުބޯޅަ ހިންގަން ޖެހޭނީ ފުޓުބޯޅަ "ބޮޑީ" ތަކުން ކަމަށް އެފްއޭއެމުން ނުދެކޭއިރު، ދެން މި ކަމާ އުޅޭނީ ވަކި އިތުރު ކޮން ފަރާތަކުން ބާވަ އެވެ؟ މި ދަންނަވާ އަތޮޅު ލީގް ކޮމިޓީއަކީ ގަވާއިދުގެ ދެވަނަ މާއްދާގައި އެ ބުނާ މާލޭގައި އޮންނަ މަރުކަޒީ ލީގް ކޮމިޓީއެއް ނޫނެވެ. މަރުކަޒީ ލީގް ކޮމިޓީއަކަށް މި ކަމެއް ނުވެސް ވާނެ އެވެ. މި ކަން ކުރެވޭނީ ގާތުން ހިދުމަތްދޭ ފަރާތަކަށެވެ. އެއީ އަތޮޅާއި ސިޓީ ކްލަބްތަކުގެ ވޯޓުން އިންތިހާބުކުރާ އަތޮޅާއި ސިޓީތަކުގެ ލީގް ކޮމިޓީތަކެވެ. އެފްއޭއެމަށް އެންމެ ފައިދާ ހުރި ގޮތަކަށް ވާނީ އަތޮޅު ފެންވަރުގައި ލީގް ހިންގަން އަތޮޅު ކޮމިޓީތަކަށް "އައުޓްސޯސް" ކުރުމެވެ. ލޯކަލް ކައުންސިލްތަކާ ދާދި އެއްހަމައަކުންނެވެ. މި އަހަރު ވެސް ގާތުން ކަންކަން ފޫބައްދަން މަޖުބޫރު ވާނެތީވެ، ފޮނުވަނީ ބޮޑު ލީގް ކޯޑިނޭޓަރެކެވެ.

ލ. ގަމުގައި ކުޅުނު މެޗެއްގެތެރެއިން

ލ. ގަމުގައި ކުޅުނު މެޗެއްގެތެރެއިން

ލާމަރުކަޒު، ޖަޒީރާ ލީގްގެ މަފްހޫމަކީ، އަތޮޅާއި ސިޓީ ފެންވަރުގައި ހޯމް އެންޑް އަވޭ ލީގްތަކެއް ގާއިމުކުރުމެވެ. އަދި މިހާރު އެ ހުރި ވަރަށް ވުރެ ކުދި ޒޯންތަކެއް އެކުލަވައިލައި، ޒޯނެއްގައި ހިމެނޭ ދެ ތިން އަތޮޅުގެ ޗެމްޕިއަނާއި ދެވަނަ ޓީމް އެކުލެވޭ ހޯމްއެންޑް އަވޭ އެއްވަނަ ޑިވިޝަނެއް ގާއިމްކުރުމެވެ. އަދި ޒޯން ޗެމްޕިއަނުން ޕްރެމިއާ ލީގަށް ކޮލިފައި ކުރުމެވެ.

ޖަޒީރާ ގައުމެއްގެ ތަބީއަތާ އެއްގޮތަށް، މިހާ ސީދާސާދާ ހަމައެއް އެޅެން އޮއްވައި، ނުވަ އަތޮޅުގެ ބޮޑު ބިޔަ ޒޯންތަކެއްގެ ތެރެއަށް، އެއްފަސްކޮށް އޮތް މާލޭގައި އުފެދިފައި މިވާ މޮޑެލް ބާރު ތޮތްޕެއްހެން ފައްތަން އުޅުމަކީ ގަވާއިދުގައި ލިޔުނު ނަމަވެސް ކުރެވޭނެ ކަމެއް ކަމަކަށް ނުފެނެ އެވެ. ވީމާ، ގަވާއިދުގެ އެންމެ ބޮޑު އުނިކަމަކީ ކުޅެން ކަންޑައަޅާފައިވާ ފޯމެޓެވެ. އެފްއޭއެމުން އެ ބުނާ އާ ފޯމެޓެވެ. އެންމެ ފަހުން ގަވާއިދު އަދި ބަދަލު ކުރާނެ އެވެ.