Roadha Mihaaru
ހޯމް އެންޑް އަވޭ އުސޫލަށް ފުޓުބޯޅަލީގް އެކުލަވައިލުމަކީ ކޮބާ؟

ހޯމް އެންޑް އަވޭ އުސޫލަށް ފުޓުބޯޅަލީގް އެކުލަވައިލުމަކީ ކޮބާ؟

16 ފެބުރުއަރީ 2022

ހޯމް އެންޑް އަވޭ އުސޫލަށް ފުޓުބޯޅަ ލީގެއް އެކުލަވައިލުމަކީ އަދި މިހާތަނަށް ރާއްޖޭގައި ކޮށްފައިވާ ކަމެއް ނޫނެވެ. މިއީ ރާއްޖެ އަށް މުޅިން އާ ކަމެކެވެ. ބައިނަލްއަގްވާމީ އުސޫލުތަކަށް ފެތޭ ގޮތަށް ރާއްޖޭގައި ފުޓުބޯޅަ އިންތިޒާމު ކުރުމަށް ފުރަތަމަ ފަހަރަށް ހުށަހެޅީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ކިޔާ ސިޔާސީ ޕާޓީއަކުންނެވެ. ލާމަރުކަޒު ކުރެވިފައި އޮންނަ ޖަޒީރާ ގައުމެއްގެ ގޮތުގައި ރާއްޖެ ސިފަކޮށްދިން ސިޔާސީ މެނިފެސްޓޯގައި، ކުޅިވަރުގެ ގައުމީ ނިޒާމު ވެސް ލާމަރުކަޒުކޮށް، ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ހުށަހެޅި އެވެ.

ހާމިދު އަބްދުލް ޣަފޫރު ހާމިދު އަބްދުލް ޣަފޫރު

ހޯމް އެންޑް އަވޭ އުސޫލަށް ފުޓުބޯޅަ ލީގެއް އެކުލަވައިލުމަކީ އަދި މިހާތަނަށް ރާއްޖޭގައި ކޮށްފައިވާ ކަމެއް ނޫނެވެ. މިއީ ރާއްޖެ އަށް މުޅިން އާ ކަމެކެވެ. ބައިނަލްއަގްވާމީ އުސޫލުތަކަށް ފެތޭ ގޮތަށް ރާއްޖޭގައި ފުޓުބޯޅަ އިންތިޒާމު ކުރުމަށް ފުރަތަމަ ފަހަރަށް ހުށަހެޅީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ކިޔާ ސިޔާސީ ޕާޓީއަކުންނެވެ. ލާމަރުކަޒު ކުރެވިފައި އޮންނަ ޖަޒީރާ ގައުމެއްގެ ގޮތުގައި ރާއްޖެ ސިފަކޮށްދިން ސިޔާސީ މެނިފެސްޓޯގައި، ކުޅިވަރުގެ ގައުމީ ނިޒާމު ވެސް ލާމަރުކަޒުކޮށް، ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ހުށަހެޅި އެވެ.

ނަތީޖާއަކަށް ވީ، ސަރުކާރުގެ 2019-2023 ގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން SAP ގައި ފުރަތަމަ ފަހަރަށް، މި މަގްސަދު ކަޅާއި ހުދުން ލިޔުމެވެ. އަދި ކޮންމެ ކައުންސިލަކަށް ސްޕޯޓްސް ޑިވެލޮޕްމެންޓް އޮފިސަރެއް ސިވިލް ސާވިސްގެ ތެރެއިން ހަމަޖައްސައި ދިނުމެވެ. ނަމަވެސް، ތިން އަހަރު ފާއިތުވެ ދިޔައިރު ވެސް މިއިން އެއްކަމެއް ވެސް ތަމްފީޒެއް ނުކުރެވުނެވެ. ދުނިޔޭގެ ބެސްޓް ޕްރެކްޓިސް އަށް ފުޓުބޯޅަ ލީގްތައް އުފައްދައި، ހޯމް އެންޑް އަވޭ އުސޫލަށް ފުޓުބޯޅަ އިންތިޒާމު ކުރުމަށް ހަވާލުކުރި މިނިސްޓަރަށާއި ފުޓުބޯޅަ އެސޯސިއޭޝަނަށް މި މަސައްކަތެއް ނުކުރެވުނެވެ. ފޭލްވީ އެވެ! މިއީ ގޮތެއް ހޯދަން ޖެހިފައިވާ ކުޅިވަރުގެ ބޮޑު މައްސަލައެކެވެ.

އެފްއޭއެމުން ލީގް މާނަކުރާ ގޮތް:

އަޅުގަނޑުމެންގެ ތެރޭގައި ލީގް އުސޫލަށް ކުޅުން މާނަކޮށް އުޅެނީ ވަރަށް ހަނިކޮށެވެ. އެފްއޭއެމްގެ ނަޒަރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލު ކުރަންޖެހޭ ގޮތަށް، ރައުންޑްރޮބިން ފޯމެޓަށް މެޗުތައް ތާވަލް ކުރުމުން ލީގެއް އުފެދުނީ އެވެ. އެކަމަކު، މި ވަރަކުން އަދި ލީގެއްގެ އިޖުތިމާއީ އުންސުރުތައް ފުރިހަމައެއް ނުވެ އެވެ. ފުޓުބޯޅަ، އޭގެ ފުރިހަމަ ގޮތުގައި، ދަނޑު ފުރައިލައި އިޖުތިމާއީ ހަރަކާތަކަށް ވަނީ، އެއްބުރު އަމިއްލަ ރަށުގައި، އަނެއް ބުރު ވާދަވެރި ރަށުގައި ކުޅުމުންނެވެ. އަދި ލީގަކީ، އޭގެ އެންމެ ފުރިހަމަ ގޮތުގައި، މައި އެސޯސިއޭޝަންގެ ރެގިއުލޭޓަރީ އިހްތިސާސް އޮތް ނަމަވެސް، މައި އެސޯސިއޭޝަނާ ވަކިން، ލާމަރުކޮށް އިންތިޒާމުކުރާ ހަރަކާތެކެވެ. ހޯމް އެންޑް އަވޭ ލީގް ކުޅޭ ގޮތަކީ މިއީ އެވެ.

ނަމަވެސް، އެފްއޭއެމްގެ ވިސްނުން ތަފާތެވެ. އެ ޖަމިއްޔާގެ ވިސްނުމަކީ "ސެންޓްރަލައިޒްޑް" ވިސްނުމެވެ. ބޯދާ ވިސްނުމެވެ! އެފްއޭއެމަށް ފެންނަނީ އެންމެ ލީގެކެވެ. ދިވެހި ޕްރެމިއަލީގް އެކަންޏެވެ. އަތޮޅާއި ޒޯނަކީ ވަކި އިދާރީ ޔުނިޓެއްގެ ގޮތުގައެއް ނުފެނެ އެވެ. ވީމާ، އެފްއޭއެމަށް ވީ ވަރަކީ، ހުރިހާ އަތޮޅުތައް ތިން ޒޯނަށް ބޮނޑިކޮށް، މާލެ އަށް ވުރެ ދެގުނަ ބޮޑު އާބާދީއެއްގެ ތެރެއިން އެންމެ ތިން ޓީމު ޕްރެމިއަލީގަށް ކޮލިފައި ކުރަން ދިމާކުރުމެވެ. އަދި ކޮލިފައިން ކުޅެން ވެސް ހަމަޖެއްސީ، ހައެއްކަ އަތޮޅު އެކުލެވޭ ބޮޑު ޒޯނެއްގެ ތެރެއިން 8-9 ޓީމު އެއް ރަށަށް ޖަމާކޮށް، ކޭމްޕް ޖަހައިގެން ތިބެ، ފެކްޓަރީ އުސޫލަށް ކުޅޭ ގޮތަށެވެ. މި ކަމަކީ، ދެ ދަންފަޅި އަށް ސްކޫލް ހިންގުމުގެ ވިސްނުމާ މާ ބޮޑު ތަފާތެއް އޮތް ކަމެއް ނޫނެވެ.

އިންސާފުވެރިކޮށް، ރަނގަޅު ފެންވަރުގައި ކަން ކުރުމަކީ އެފްއޭއެމް ދަންނަ ސިފައެއް ނޫނެވެ! އެންމެ ފަހުން ޕްރެމިއަލީގް، ހޯމް އެންޑް އަވޭ ކޮށް ކުޅެން ހަމަޖެއްސީ، ގްރޭޓަ މާލެ އިން ނުވަ ޓީމު ބައިވެރިކޮށް، ރާއްޖެތެރެ އަށް ތިން ޓީމު ދީ، ރަށު ޓީމުތަކަށް 11 ފަހަރު ރަށުން ބޭރުގައި ކުޅެން މަޖުބޫރު ކުރާ ގޮތަށެވެ. މާލޭގެ ޓީމަކަށް ރަށުން ބޭރުގައި ކުޅެން ޖެހެނީ އެންމެ ތިން ފަހަރެވެ. މިއީކީ ލީގް އުސޫލަށް، ހޯމް އެންޑްއަވޭ ކުޅުމެއް ނޫނެވެ. މިކަން ކުރާ ނަމަ ކުރަން ޖެހެނީ ހުރިހާ ޓީމަކަށް ވެސް ހަމަހަމަ ކޮށެވެ. ވީމާ މި ކަމެއް ވެސް ނުވި އެވެ. ދެން ޖެހޭނީ މާލޭގެ ޓީމަކަށް ދޭ 3،000،000ރ. އަށް ވުރެ ބޮޑު އަދަދެއް ރަށު ޓީމަށް ދީގެން ނަމަވެސް އިންސާފެއް ލިބޭތޯ ބަލާށެވެ. މިފަދަ ދެކޮޅު ނުޖެހޭ ކަންކަން ކޮށްފައި، ހަމަޔަކަށް އެޅޭނެ ގޮތެއް ވެސް ނޯންނާނެ އެވެ. އާ ފޯމެޓުން ފީފާގެ ސިޔާސަތެއް ވެސް އަދި ސަރުކާރުގެ ސިޔާސަތެއް ވެސް ތަންފީޒެއް ނުކުރެވުނެވެ.

ނިލަންދޫގައި ދާދި ފަހު ބޭއްވި އުމުރުން ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގައި އުޅެނީ.---ފޮޓޯ: އެފްއޭއެމް

ނިލަންދޫގައި ދާދި ފަހު ބޭއްވި އުމުރުން ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގައި އުޅެނީ.---ފޮޓޯ: އެފްއޭއެމް

ޖަޒީރާ ލީގްގެ މަފްހޫމް:

ޖަޒީރާ ލީގްގެ މަފްހޫމް ތަފާތެވެ. އެ މަފްހޫމްގައި، ލީގަކީ ފުޓުބޯޅަ ޗެއިންގެ ޔުނިޓެކެވެ! ޖަޒީރާ ލީގްގެ މަފްހޫމްގައި ކޮންމެ އަތޮޅެއް ބަލައިގަންނަނީ ވަކި ލީގެއްގެ ގޮތުގަ އެވެ. ކޮންމެ އަތޮޅެއްގައިި މަދުވެގެން ހަތަރެއް ނުވަތަ ގިނަވެގެން ހަ ޓީމުގެ އަތޮޅު ލީގެއް ހޯމް އެންޑް އަވޭ ކޮށް ކުޅޭނެ އެވެ. ވީމާ، މިހާރު މާލޭގައި އޮތް މާލޭ ލީގްގެ އިތުރުން ރާއްޖޭގައި 19 އަތޮޅު ލީގް އުފެދުމުގެ ފުރުސަތު އެބައޮތެވެ.

ކޮންމެ އަތޮޅަކުން ހަ ޓީމު ބައިވެރި ކޮށްފި ނަމަ، މާލެ ހިމަނައިގެން ދެވަނަ ޑިވިޝަނަށް 120 އަށް ވުރެ ގިނަ ޓީމު ހަމަކުރެވިދާނެ އެވެ. އާ ފޯމެޓާއި ޖަޒީރާ ލީގްގެ މަފްހޫމާ ހުރި އަނެއް ތަފާތަކީ، އަތޮޅު ލީގަކީ އެއް ރަށަށް ޖަމާވެ، ކޭމްޕް ޖަހައިގެން ކުޅޭ ގްރޫޕް މެޗުތަކަކަށް ނުވުމެވެ. ކޭމްޕް ޖެހުމުގެ ބަދަލުގައި، އަތޮޅު ލީގް ކުޅޭނީ ހަފުތާ ބަންދުގައި ހޯމް އެންޑް އަވޭކޮށެވެ. ކޮންމެ ރަށެއްގެ ޓީމު، ރަށު ސަޕޯޓަރުންގެ ކުރިމަތީގައި މޮޅުވުމަށް ފަހު، ކުރިއަށް އޮތް ހަފުތާގެ ބަންދެއްގައި ވާދަވެރި ޓީމުގެ ސަޕޯޓަރުންގެ ކުރިމަތީގައި ގަދަވާން މަސައްކަތް ކުރާނެ އެވެ. ރަށުގައި ދިރިއުޅުމެއް ބައްޓަން ކުރަމުން، ޒުވާނުންނަށް ބޯޅަ ވެސް ކުޅެވޭނެ އެވެ.

ފުޓުބޯޅަ ޕިރަމިޑް:

ގައުމީ ފުޓުބޯޅަ ނިޒާމެއް އެކުލެވެނީ ޕްރެމިއާ ލީގްގެ ދަށަށް އެތައް ލީގްތަކެގެ އެކުލެވޭ "ފުޓުބޯޅަ ޕިރަމިޑް" އެއް އުފެދިގެންނެވެ. ޖަޒީރާ ލީގްގެ ދެވަނަ ޑިވިޝަންގައި 120 އަށް ވުރެ ގިނަ ޓީމަށް ޖާގަ ހުޅުވޭނެ އެވެ. އަށް ޒޯނުގައި އެއްވަނަ ޑިވިޝަން ކުޅެން 48 ޖާގަ އަށް ވުރެ ގިނައިން ޖާގަ ހުޅުވޭނެ އެވެ. އަދި ޕްރެމިއަ ޑިވިޝަނަށް އަށް ޖާގަ ހުޅުވޭނެ އެވެ.

ލީގާއި އެސޯސިއޭޝަނާ އޮންނަ ގުޅުން:

ފުޓުބޯޅަ ލީގަކީ، އަތޮޅު ފެންވަރުގަ އާއި ޒޯން ފެންވަރުގައި އަދި ގައުމީ ފެންވަރުގައި ތަރުތީބު ކުރާ، ކްލަބްތަކުގެ ގްރޫޕިންތަކަށް ކިޔާ ނަމަކެވެ. ވީމާ ފުޓުބޯޅަ ލީގްތަކަކީ ކޮންމެހެން އެސޯސިއޭޝަނުން ސީދާ ހިންގަންޖެހޭ މުބާރާތަކަށް ވާކަށް ވެސް ނުޖެހެ އެވެ. މިސާލަކަށް އެ އަތޮޅެއްގެ ކްލަބްތަކުގެ ހިންގާ ކޮމިޓީއަކުން، އަތޮޅު ލީގް ހިންގިދާނެ އެވެ. މިސާލަކަށް، ހައްދުންމަތީ ލީގަކީ، ލ. އަތޮޅުގެ ކްލަބްތަކުން އިންތިހާބުކުރާ ހިންގާ ކޮމިޓީއަކުން ބަލަހައްޓާ ލީގަކަށް ވާނެ އެވެ. ހަމަ މި ގޮތަށް، ޒޯނެއް ނުވަތަ ސިޓީ ލީގެއް ހިންގާނީ ވެސް އެ ލީގެއްގެ ކްލަބްތަކުން އިންތިހާބުކުރާ ލީގް ކޮމިޓީއަކުންނެވެ. އަދި ހުރިހާ ޒޯން ޝާމިލްވާ ގޮތަށް ކުޅޭ ޕްރެމިއާލީގް ސީދާ އެސޯސިއޭޝަނުން ހިންގުން ބުއްދިވެރި އެވެ.

އެފްއޭއެމްގެ އާ ފޯމެޓްގެ ދަށުން މިފަދަ މަސައްކަތެއް ކުރުމަށް ރާވައިފައިވާ ތަނެއް ނުފެނެ އެވެ. ފުޓުބޯޅަ ލާމަރުކަޒު ކުރުމުގެ ކުޑަވެސް ވިސްނުމެއް ނެތެވެ. މާލެއާ ވަކިން، ދުރުގައި އޮތް އަތޮޅުތަކަށް ބަޖެޓް ދީ، ލޯކަލް ފެންވަރުގައި ކަންކަން އިންތިޒާމު ކުރުވުމުގެ ވިސްނުމެއް ނެތެވެ. ރާވާފައި ވަނީ، މުސްކުޅި ގޮތަށް މާލޭގައި އުފައްދާފައިވާ 70 މުވައްޒަފުންގެ ބޮޑު އޮފީހަކުން ހުރިހާ ކަމެއް ކުރާ ގޮތަށެވެ.

އާ ފޯމެޓްގައި، އަތޮޅަކީ ފުޓުބޯޅަ ލީގެއް ގާއިމު ކުރަންވީ ދާއިރާއެއް ކަމުގެ ފަހުމު ވެސް ނުވެ އެވެ. އާ ފޯމެޓްގައި، ކުރާ ކަމަކީ ހައެއްކަ އަތޮޅު ތިން ޒޯނަށް ބަހައި، ކޮންމެ ޒޯނަކުން 18 ކްލަބް ހަމަކޮށް، ސެންޓަރަލައިޒްޑް ދެ ގްރޫޕަށް ބަހައި "ފެކްޓަރީ އުސޫލުން" ކޮލިފައި ކުޅެނީ އެވެ. ރަށާއި އަތޮޅު އެކުލެވޭ ޖަޒީރާ ގައުމެއްގައި، ވާދަކުރާ ގައުމީ ނިޒާމެއް އެކުލަވައިލާއިރު، ހަމަހަމަ އުސޫލަކުން ރަށުން، އަތޮޅުން، ޒޯނުން ޕްރެމިއަލީގަށް ކޮލިފައި ވާނެ ސީދާ، ސާދާ މަގެއް ކޮށައި ދެވިފައެއް ނުވެ އެވެ. އާ ފޯމެޓަކީ ފޯމެޓެއް ނޫނެވެ

އަތޮޅު ލީގް:

ރާއްޖޭގައި ޒަމާނުއްސުރެ ބަލައިގެންފައިވާ އިދާރީ ދާއިރާއަކީ އަތޮޅެވެ. އަތޮޅަކީ، އެ އަތޮޅުތަކަށް ނިސްބަތްވާ ބައެއްގެ އައިޑެންޓިޓީއާ ގުޅިފައިވާ ކަމެކެވެ. ވީމާ ކޮންމެ އަތޮޅަކަށް ވެސް އެ އަތޮޅެއްގައި ފުޓުބޯޅަ ލީގެއް ގާއިމުކުރަން ބޭނުން ނަމަ، ފުރުސަތު އޮންނަން ޖެހެ އެވެ. ޖަޒީރާ ލީގްގެ މަފްހޫމުގައި އަތޮޅު ލީގް ވަނީ ދެވަނަ ޑިވިޝަންގެ ލީގަކަށެވެ. އެއްވަނަ ޑިވިޝަނަށް ކޮލިފައި ވެވޭނީ އަތޮޅު ލީގްގެ އެންމެ މޮޅު ދެ ޓީމަށެވެ.

އެއްވަނަ ޑިވިޝަން:

އަތޮޅު ފެންވަރުގައި ދެވަނަ ޑިވިޝަން ކުޅެ، އަތޮޅުގެ އެންމެ މޮޅު އެއް ޓީމު ނުވަތަ ދެ ޓީމު، އެ އަތޮޅު ހިމެނޭ ޒޯންގެ އެއްވަނަ ޑިވިޝަނަށް ކޮލިފައިވާނެ އެވެ. ޒޯންތައް ކުދިވާނެ އެވެ. ޒޯނެއްގައި ހިމެނޭނީ ގިނަވެގެން ހަތަރު އަތޮޅު އަދި މަދުވެގެން ދެ އަތޮޅެވެ. މި ގޮތަށް އަތޮޅާއި ޒޯން ލީގްތައް ޑިވިޝަންތަކަށް ބަހައިލުމުން، ރަށު ދިރިއުޅުމުގައި އުޅޭ ކުޅުންތެރިންނަށް ރަށުގައި ތިބެ ހަފުތާ ބަންދުގައި ކުޅެން ދަތުރުކުރެވޭނެ އެވެ. ދުރު ރަށަކަށް ގޮސް ކޭމްޕް ޖަހާކަށް ނުޖެހޭނެ އެވެ. ކުދި ރަށްތަކަކަށް ބެހިފައިވާ މިފަދަ ޖަޒީރާ ރާއްޖެއެއްގައި ސެންޓްރަލައިޒްޑްކޮށް، އެއް ރަށަށް ކްލަބްތައް ތޮއްޖައްސައިގެން ކުޅުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫނެވެ. މިހެން ކުޅެން ޖެހުމުން ލީގެއްގެ ޝަރުތު ވެސް ފުރިހަމަ ނުވެ އެވެ. ހުރިހާ ގޮތަކުން ޚަރަދު ބޮޑުވެ އެވެ. ފެކްޓަރީ އުސޫލަށް މެޗުތައް ބޮނޑިކޮށް، ދުވާލު ދެ ދަޅައަށް މެޗު ތަރުތީބު ކުރުމުން ބެލުންތެރިންގެ ޝައުގުވެރިކަމެއް ނުލިބޭނެ އެވެ. އެފްއޭއެމުން ހުށަހަޅާފައި އެ ވަނީ އިންތިހާ އަށް ބުރަހެލި ގޮތެކެވެ. ލީގެއްގެ ސިފަ ވެސް ނެތެވެ. ފޯރިއެއް ވެސް ނޯންނާނެ އެވެ.

ފުޓުބޯޅަ އިންތިޒާމްކުރާ މޮޑެލްތައް

ދުނިޔޭގެ ފުޓުބޯޅަ ރެގިއުލޭޓްކުރާ، ފެޑެރޭޝަން އިންޓަނޭޝަނަލް ޑީ ފުޓްބޯލް އެސޯސިއޭޝަން، FIFA އާއި ސްވިޓްޒަލެންޑްގެ ޔުނިވަސިޓީ އޮފް ނުޝަޓެލް ގުޅިގެން އުފައްފައިފައިވާ "ދި އިންޓަނޭޝަނަލް ސެންޓަ ފޯ ސްޕޯޓްސް ސްޑަޑީސް" CIES އިން ފީފާގެ ކުދި ބޮޑު 32 ނެޝަނަލް އެސޯސިއޭޝަން ދިރާސާ ކުރުމަށް ފަހު، ގައުމީ ފުޓުބޯޅަ ޖަމިއްޔާތަކާއި އެ ޖަމިއްޔާތަކުގެ ލީގްތައް ތަރުތީބު ކުރާ އުސޫލުތަކާއި މޮޑެލްތައް އަންގައި ދީފައިވެ އެވެ. ފުޓުބޯޅަ ދުނިޔޭގައި އެސޯސިއޭޝަންތައް ބައްޓަން ކޮށްފައިހުންނަ ތަފާތު ގާނޫނީ އޮނިގަނޑުތަކާއި ލީގްތައް އެކުލަވާލައިފައި އޮންނަ ގޮތާއި އެސޯސިއޭޝަނާއި ލީގްތަކާ އޮންނަ ގުޅުމުގެ ޒާތާއި ވޯޓް ބެހިފައިވާ ގޮތް އަދި ފުޓްބޯޅައިގެ ސަގާފަތުގައި ގެންގުޅޭނެ ބަސްތަކާއި އިބާރާތްތައް މާނަ ކޮށްފައިވެ އެވެ.

އިސްވެ ބޭނުންކޮށްފައި އެ ވަނީ ފުޓުބޯޅަ އިލްމުގައި ލީގް މާނަކުރާ ގޮތެވެ. ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ވެސް ހޯމްއެންޑް އަވޭ ލީގްގެ މަފްހޫމް ހިމަނާފައި އެ ވަނީ ބައިނަލްއަގްވާމީ އުސޫލްތަކާ އެއްގޮތަށެވެ. މި މެނިފެސްޓޯގެ ދަށުން ރާއްޖެ އަށް ފުޓުބޯޅައިގެ އިންގިލާބެއް ގެނައުމަށް އެފްއޭއެމުން ހުށަހަޅައިފައި އެވާ ފޯމެޓް ވާން ޖެހޭނީ ފީފާގެ އިލްމީ ދިރާސާތަކަށް ރިއާޔަތްކޮށް، ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާ އެއްގޮތަށް އެކުލަވައިލާ ފޯމެޓަކަށެވެ.

ވީމާ އެފްއޭއެމުން މިފަދަ އިންގިލާބީ ފޯމެޓެއް އެކުލަވައިލުމުގައި ސަރުކާރުގެ އިތުރުން ކްލަބްތައް، ކުޅުންތެރިން، މެނޭޖަރުން، ކޯޗުން، މެޗު ކޮމިޝަނަރުން، ރެފްރީން، މެޑިކަލް، މާކެޓިން، ނޫސްވެރިން، ސްޕޮންސަރުން ފަދަ ސްޓޭކްހޯލަޑަރުންނާ ފުޅާދާއިރާއެއްގައި މަޝްވަރާ ކުރުމަށް ފަހު، ނިންމަންޖެހޭ ކަންތައްތަކެއް ހުންނާނެ އެވެ. ނަމަވެސް މިހާރު ތަންފީޒު ކުރަން ފަށާފައި އެވާ އާ ފޯމެޓަކީ މިއިން އެއްވެސް މަސައްކަތެއް ނުކޮށް، އެއްވެސް މިންގަނޑަކަށް ފެތޭ ފޯމެޓެއް ނޫނެވެ. ފުޓުބޯޅައިގެ ސްޓޭކްހޯލްޑަރުންނަށް އަމާޒުކޮށް، ސަރުކާރާއި އެފްއޭއެމް ފިޔަވައި، ތިން ވަނަ ފަރާތަކުން ރަނގަޅު ގައުމީ ލީގެއް ބިނާކުރުމާ ބެހޭ ގޮތުން ކްލަބް ކޮންފަރެންސެއް އިންތިޒާމު ކުރުމަކީ މި ހާލަތުގައި ބޭނުންތެރި ކަމަކަށް ވާނެ އެވެ.