Roadha Mihaaru
ޖައިލަމްގެ މަރުގެ ދައުވާލިބުނު އެންމެން ސަލާމަތްވެއްޖެ

ޖައިލަމްގެ މަރު: ދައުވާލިބުނު އެންމެން ކުށް ސާބިތުނުވެ، ސަލާމަތްވެއްޖެ

10 މާޗް 2022

މީގެ ހަތް އަހަރު ކުރިން މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި ޖައިލަމް އަހުމަދު ޝާކިރުގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރި އެންމެންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުށް ސާބިތުނުވެ، މިއަދު ސަލާމަތްވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މީގެ ހަތް އަހަރު ކުރިން މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި ޖައިލަމް އަހުމަދު ޝާކިރުގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރި އެންމެންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުށް ސާބިތުނުވެ، މިއަދު ސަލާމަތްވެއްޖެ އެވެ.

ފެބްރުއަރީ، 2015 ގައި ދަރުބާރުގެ ކައިރީގައި ހ. ހަންޑްރެޑްފްލާވާސް ޖައިލަމަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ސ. ފޭދޫ ވީނަސްވިލާ ނަސީބު ސައީދާއި ވ. ސިނަމާލެ އިސްމާއިލް އަނީގާއި ޏ. ފުވައްމުލަކު ޖަމްނާ، އަލީ އިރުފާންގެ އިތުރުން ގއ. ވިލިނގިލީ ފިޔަޖަހާގޭ މުހައްމަދު ހުމައިދުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަވަމުން އެ މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ޝަފީއު ވިދާޅުވީ ދައުވާލިބޭ އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތުވާ މިންވަރުގެ ހެކި ދައުލަތުން ހުށަހަޅާފައިނުވާ ކަމަށެވެ.

ގާޒީ ވިދާޅުވީ ދައުވާލިބޭ ނަސީބު ސައީދާއި އަނީގުގެ އިތުރުން އިރުފާނާ ދެކޮޅަށް ހެކިބަސް ދިނީ އެންމެ ހެކިވެރިއަކު ކަމަށާއި ދެން ތިބި ހުރިހާ ހެކިންނަށް އެ މީހުން އެ ހާދިސާ ހިނގި ސަރަހައްދުން ފެނިފައިނުވާ ކަމަށެވެ. އަދި މަންޒަރު ދުށް ކަމަށް ބުނި ހެކިވެރިޔާ ވެސް، ފަހުން ހެކިބަސް އަނބުރާ ގެންދަން ބޭނުންވާ ކަމަށް ބުނެ ކޯޓަށް ސިޓީ ފޮނުވާފައިވާ ކަމަށް ގާޒީ ޝަފީއު ވިދާޅުވި އެވެ.

އެ ސިޓީގައި ހެކިވެރިޔާ ބުނެފައިވާ ގޮތުން ކުރިން އެގޮތަށް ހެކިބަސް ދިނީ މަސްތުވެގެން ހުއްޓާ ފުލުހުންގެ އެދުމުގެ މަތިންނެވެ. އެކަން ކަށަވަރު ކުރަން ކޯޓުން މަސައްކަތް ކުރިޔަސް، އޭނާ ހާޒިރެއް ނުކުރެވުނެވެ. އޭނާއަކީ ވައްކަމުގެ ދެ ކުށެއް ސާބިތުވެފައިވާ މީހެކެވެ.

ގާޒީ ވިދާޅުވީ އެ ހެކިވެރިޔާ ތަހުގީގުގައި ނުދައްކާ ވާހަކަތަކެއް ވެސް އޭނާގެ ހެކިބަހުގައި ބުނެފައިވާ ކަމަށެވެ. އަދި ހެކިބަހުގައި ދައްކާފައިވާ ވާހަކަތަކަށް ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ބަލާއިރު ސުވާލު އުފެދޭ ކަންކަން ހުރި ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. އަދި އޭނާގެ ވައްކަމުގެ ދެ ކުށެއް ސާބިތުވެފައި އޮތުމާއި މަސްތުގެ ހާލަތުގައި ހުރެ ހެކިބަސް ދިން ކަމަށް ބުނެ ފަހުން ސިޓީ ފޮނުވި ކަން ގާޒީ ފާހަގަ ކުރެއްވި އެވެ.

ޖައިލަމް

ޖައިލަމް

މީގެ އިތުރުން ދައުވާލިބޭ ހުމައިދާ ދެކޮޅަށް އެއްވެސް ހެއްކަކު ކޯޓުގައި ހެކިބަސް ދީފައިނުވާ ކަމަށް ގާޒީ ޝަފީއު ވިދާޅުވި އެވެ. އެ ހާދިސާއަށް ފަހު ފިލައިގެން ރާއްޖެއިން ސްރީލަންކާގައި އުޅެފައިވާތީ ގާޒީ ވިދާޅުވީ އެއީ އޭނާގެ މައްޗަށް ތުހުމަތު ކުރެވިދާނެ ސަބަބަކަށް ވިޔަސް، މަންޒަރު ފެނުނު މީހަކު ނެތީސް، އެކަމުގެ މައްޗަށް އެކަނި ބިނާކޮށް އޭނާގެ މައްޗަށް ކުށް ސާބިތު ނުކުރެވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ ދައުލަތުން 16 ހެއްކަކު ހުށަހެޅިޔަސް، 11 ހެއްކަކު ކޯޓަށް ހާޒިރުނުވާ ކަމަށެވެ. އެ މީހުން ހާޒިރު ކުރަން އެކިފަހަރު މަތިން މަސައްކަތް ކުރުމުން ވެސް އެ މީހުން ހާޒިރު ނުކުރެވޭތީ އެ މީހުން ތަހުގީގަށް ދިން ބަޔާންތަކަށް ކޯޓުން ރިއާޔަތް ނުކުރެ އެވެ. އަދި ސަރަހައްދުން ފެނުނު ފިންގަޕްރިންޓާއި ޑީއެންއޭ ވެސް ދައުވާލިބޭ މީހުންނާ ގުޅުވޭނެ ފޮރެންސިކް ހެއްކެއް ފެނިފައެއް ނުވެ އެވެ.

މާލޭގެ އެކި ސަރަހައްދުގެ ވީޑިއޯ ފުޓޭޖްތަކެއް ދައުލަތުން ހުށަހެޅިޔަސް، އޭގެ ޗެއިން އޮފް ކަސްޓަޑީއެއް ހުށަހަޅާފައި ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ. އެހެންވުމުން އެއީ ކޮން ތަނަކުން ނެގި އެއްޗެއް ކަން ކަށަވަރު ނުކުރެވޭނެ ކަމަށާއި އަދި އެ ވީޑިއޯ ތަހުލީލު ރިޕޯޓް ހެދުމަށް ފޮރެންސިކާ ހަމައަށް ދިޔަ އިޖްރައާތުގެ ސައްހަކަން ކަށަވަރު ނުކުރެވޭ ކަމަށް ގާޒީ ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ ވީޑިއޯތަކުގެ ޗެއިން އޮފް ކަސްޓަޑީ ލިބިފައި އޮތް ކަމަށް ބެލިޔަސް، އެ ވީޑިއޯތަކުން ފެންނަ މީހުންގެ މޫނު އެނގޭ މިންވަރު ނުވާ ކަމަށް އޭގެ ތަހުލީލު ރިޕޯޓުގައި ބުނާ ކަމަށެވެ. އެ ރިޕޯޓުގައި އޮތީ ދައުވާލިބޭ މީހުންނާ ދިމާވަނީ ހަމައެކަނި ހަށިގަނޑުގެ ސިފަތައް ކަމަށެވެ. އެހެންވެ، ވީޑިއޯތަކުން ފެންނަނީ ދައުވާލިބޭ މީހުންނަށް ބުނެވޭނެ ހަމައެއް ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ.

ދައުލަތުން އިންޓެލިޖެންސް ރިޕޯޓެއް ހުށަހެޅިޔަސް، ގާޒީ ޝަފީއު ވިދާޅުވީ އެ ރިޕޯޓް ހެދި މީހާ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައި ނެތުމުން އެ ރިޕޯޓަށް ބުރަދަން ނުދެވޭނެ ކަމަށެވެ. އަދި އެ ރިޕޯޓް ހެދި މީހާ ހެއްކެއްގެ ގޮތުގައި ހުށަހެޅި ނަމަ، އެ ރިޕޯޓުގައި ހުރި ކަންކަމަށް ބުރަދަން ދެވުނީސް ކަމަށް ގާޒީ ވިދާޅުވި އެވެ.

އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމް ކުރުމާ އެކު، ހަތް އަހަރު ވަންދެން ބަންދުގައި ތިބި އެ މީހުން ބަންދުން ދޫކޮށްލަން އަމުރު ކުރާނެ އެވެ.