Roadha Mihaaru
ނަދީމްގެ މަރު: މަފާޒުގެ މައްޗަށް ކުށް ސާބިތެއް ނުވި

ނަދީމްގެ މަރު: މަފާޒުގެ މައްޗަށް ކުށް ސާބިތުނުވެ، ސަލާމަތްވެއްޖެ

14 ނޮވެމްބަރ 2022

މާލޭގައި ކެފޭއެއްގެ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގައި ދައުވާ ލިބުނު މުހައްމަދު މަފާޒު ހުސައިން ސަލީމްގެ މައްޗަށް ކުށް ސާބިތު ނުވެ، މިއަދު ސަލާމަތްވެއްޖެ އެވެ.

މާލޭގައި ކެފޭއެއްގެ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގައި ދައުވާ ލިބުނު މުހައްމަދު މަފާޒު ހުސައިން ސަލީމްގެ މައްޗަށް ކުށް ސާބިތު ނުވެ، މިއަދު ސަލާމަތްވެއްޖެ އެވެ.

ޖުލައި 2017 ގައި ޓާމިނަލް ކެފޭ ތެރޭގައި ނަދީމަށް ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ގ. ޝާރާޒް ހުސައިން މަފާޒް ސަލީމާއި ލ. ގަން ވިދާތަރި، އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ، ހުސެއިން ޝާމީން އާއި ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ.

މަފާޒަށް ތުހުމަތު ކުރީ ނަދީމަށް ހަމަލާދީ މަރާލި ކަމުގެ ތުހުމަތެވެ. ދެން ތިބި މީހުންނަށް ކުރީ އެކަމުގައި ބައިވެރިވުމުގެ ތުހުމަތެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަވަމުން، އެ މައްސަލަ ބެއްލެވި ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ، މަފާޒުގެ މައްޗަށް ކުށް ސާބިތުވާ ވަރުގެ ހެއްކެއް ނެތް ކަމަށެވެ.

ނަދީމަށް، މަފާޒް ހަމަލާދިން މަންޒަރު ފެނުނު ކަމަށް ބުނެ ދެ ހެއްކަކު ކޯޓުގައި ކުރިން ހެކިބަސް ދިނެވެ. އެކަމަކު ފަހުން އެ މީހުން ކޯޓަށް ފޮނުވި ސިޓީއެއްގައި ބުނީ، ނަދީމަށް ހަމަލާދިނީ މަފާޒުކަން ޔަގީން ނުވާ ކަމަށާއި އަލުން ހެކިބަސް ނަގައިދޭން އެދޭ ކަމަށެވެ.

އެ ސިޓީތަކުގައި ސޮއިކުރީ އަސްލު ސިއްރު ހެކިންތޯ ބެލުމަށް ފޮރެންސިކް ތަހުލީލު ހެދިއިރު ވެސް، އެ މީހުންގެ ފިންގަޕްރިންޓާއި ސޮއި ދިމާވެ އެވެ.

އެ މައްސަލަ ބެއްލެވި ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ، މަރުގެ އަދަބު ކަނޑައެޅޭ ކުށްތައް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާން ޖެހޭއިރު، އެ މައްސަލާގައި ސިއްރު ދެ ހެކިން ފަހުން ހެކިބަސް އަނބުރާ ގެންދަން ސިޓީ ފޮނުވާފައިވާތީ އެ ކަންކަމަށް ރިއާޔަތް ކުރަންޖެހޭ ކަމަށެވެ.

ނަދީމް

ނަދީމް

ގާޒީ ވިދާޅުވީ ސިއްރު ދެ ހެކިން ހެކިބަސް އަނބުރާ ގެންދިއުމުގެ ކުރިން ވެސް، އެ ދެ މީހުންގެ ހެކިބަހާ މެދު ސުވާލު އުފެދޭ ކަންކަން ހުރި ކަމަށެވެ. އެހެންވެ، އެ މީހުންގެ ހެކިބަހާ މެދު އުފެދޭ ޝައްކު އިތުރު ވަރުގަދަ ވެފައިވާ ކަމަށާއި މަފާޒުގެ މައްޗަށް ކުށް ސާބިތު ނުކުރެވޭނެ ގާޒީ ފާއިޒް ވިދާޅުވި އެވެ.

ދައުލަތުން ބުނެފައިވާ ގޮތުން ސިއްރު ހެކިންގެ ހެކިބަސް އަނބުރާ ގެންދިޔައީ ސިއްރު ހެކިންނަށް ބަޔަކު ބިރު ދެއްކުމުންނެވެ. އޭރު އެކަމާ ގުޅިގެން ސިލްސިލާ މާރާމާރީތަކެއް ވެސް ހިނގި ކަމަށް ބުނެ އިންޓެލިޖެންސް ރިޕޯޓެއް ދައުލަތުން ހުށަހެޅި އެވެ.

އެކަމަކު މިކަމާ ބެހޭ އެއްވެސް ތަހުގީގެއް ހިންގާފައިވާ ކަން އެނގެން ނެތް ކަމަށާއި އަދި ހެކިންނަށް ހިމާޔަތް ދޭން ދައުލަތުން ކުރި ކަމެއް އެނގެން ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ.

"ފެންނަން އޮތީ ދައުލަތުން ބުނާ ބުނުމަކާއި އިންޓެލިޖެންސް ރިޕޯޓެއް،" ގާޒީ ވިދާޅުވި އެވެ.

ތަހުގީގު ބަޔާންތަކަށް ބުރަދަން ނުދެވޭނެ

އެ މައްސަލާގައި ތަހުގީގަށް ބަޔާންދިން ބައެއް ސިއްރުން ހެކިން ކޯޓުގައި ހެކިބަސް ދޭން ހާޒިރެއް ނުވެ އެވެ.. އެހެންވެ، މީހުން ތަހުގީގަށް ދިން ބަޔާނަށް ރިއާޔަތް ކުރަން ދައުލަތުން އެދިފައިވެ އެވެ.

އެކަމަކު ގާޒީ ފާއިޒް ވިދާޅުވި ގޮތުގައި ހެކިން ތަހުގީގަށް ދިން ބަޔާނަށް ބުރަދަނެއް ނުދެވޭނެ އެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ ތަހުގީގު ބަޔާންތައް ދައުލަތުން ދައުވާއާ އެކު ހުށަހަޅާފައި ނެތުމެވެ. އަދި އިބްތިދާއީ މަރުހަލާގައި ދައުވާ އިސްލާހުކުރަން ދައުލަތުން އެދިގެން ފުރުސަތު ދިނަސް، ހެކިންގެ ތަހުގީގު ބަޔާންތައް ހުށަހަޅަން ދައުލަތުން އެދިފައި ނުވާ ކަމަށާއި އެހެންވެ، އެ މަރުހަލާގައި އެ އަށް ރިއާޔަތް ނުކުރެވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ ސިއްރު ހެކިންގެ ތަހުގީގު ބަޔާންތައް ދިފާއީ ވަކީލުންނަށް ސިއްރު ކޮށްފައި ވާތީ އެ ބަޔާންތަކާ ގުޅިގެން ވާހަކަ ދެއްކުމުގެ ފުރުސަތު ގެއްލިގެންދާނެ ކަމަށާއި އެއީ ގާނޫނުއަސާސީއާ ހިލާފު ކަމަކަށް ވާނެ ކަމަށެވެ.

ދައުލަތުން ހުށަހެޅި، ބައެއް ގޭގެއިން ހޯދި ވީޑިއޯ ފުޓޭޖްތަކުގެ ގަޑިތަކުގައި ދިމާނުވާ ކަންކަން ހުރި ކަމަށް ގާޒީ ވިދާޅުވި އެވެ. އެއީ ކެމެރާގައި ސެޓްކޮށްފައި ހުރި ގަޑިތަކެއް ކަމަށް ފުލުހުން ބުންޏަސް، އަސްލު ގަޑި ދެނެގަނެވިފައި ނުވާ ކަމަށާއި އެހެންވެ، އޭގެ ސައްހަކަމާ މެދު ސުވާލު އުފެދޭ ކަމަށް ގާޒީ ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ ވީޑިއޯތައް ހޯދާފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަން ނުވަތަ ގޭގައި ވެރިފަރާތުގެ ރުހުމުގައި ދީފައިވާ ވީޑިއޯތަކެއްކަން އެނގެން ނެތް ކަމަށެވެ. އެކަންކަން އެނގެން ނެތުމުން އޭގެ ސައްހަކަމާ މެދު ސުވާލު އުފެދޭ ކަމަށް ގާޒީ ވިދާޅުވި އެވެ.

ދެން ތިބި ތިން މީހުންގެ ބައިގެ ހުކުމް އިއްވުން މިހާރު ދަނީ ކުރިއަށެވެ.