Roadha Mihaaru
ހަމަހުގައި އުފަންވި ޓުވިންސް ސަލާމަތްކޮށް ބޮޑު އުފަލެއް

ހަ މަހުގައި އުފަންވި އެއްމާބަނޑު ދެ ކުދިން ސަލާމަތްކޮށްދީ ބޮޑު އުފަލެއް

10 މާޗް 2022

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް އިއްޔެ ލިބުނީ އާދަޔާ ޚިލާފު އުފަލެކެވެ. ދުވަސްނުފުރައި، އެންމެ ހަ މަހުގައި (27 ހަފުތާގައި) އުފަންވި އެއްމާބަނޑު ދެ ކުދިން ފަރުވާއަށް ފަހު ކާމިޔާބުކަމާ އެކު އެންއައިސީޔޫން ނެރެވުމެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް އިއްޔެ ލިބުނީ އާދަޔާ ޚިލާފު އުފަލެކެވެ. ދުވަސްނުފުރައި، އެންމެ ހަ މަހުގައި (27 ހަފުތާގައި) އުފަންވި އެއްމާބަނޑު ދެ ކުދިން ފަރުވާއަށް ފަހު ކާމިޔާބުކަމާ އެކު އެންއައިސީޔޫން ނެރެވުމެވެ.

ހޮސްޕިޓަލުން ސިފަކުރާ ގޮތުގައި، އެތަނުން ފޯރުކޮށްދޭ ސިއްހީ ހިދުމަތުގައި އެއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. ހޯދުނު އިތުބާރާއި ޔަގީން ކަމެކެވެ.

ދެ ފިރިހެން ކުދިންނާ އެކު ނަރުހުން: އެ ހޮސްޕިޓަލަށް އެ ދެ ކުދިން ފޮނުވާލީ ފުވައްމުލަކު ހޮސްޕިޓަލުން.

ދެ ފިރިހެން ކުދިންނާ އެކު ނަރުހުން: އެ ހޮސްޕިޓަލަށް އެ ދެ ކުދިން ފޮނުވާލީ ފުވައްމުލަކު ހޮސްޕިޓަލުން.

އިކުއަޓޯރިއަލް ހޮސްޕިޓަލުން ވާހަކަ ދެއްކެވި ޑރ. ފާތުމަތު އަމާނީ ނަސީރު މިއަދު ވިދާޅުވީ އެއްމާބަނޑު ދެ ފިރިހެން ކުދިން މީގެ ތިން މަސް ކުރިން އެ ހޮސްޕިޓަލަށް ފޮނުވާލީ އުފަންވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ފުވައްމުލަކު ހޮސްޕިޓަލުން ކަމަށެވެ. ކުއްލި ގޮތަކަށް ވިހެއި ދެ ކުދިންގެ ބަރުދަނުގައި ކިލޯއެއް ވެސް އޭރު ހަމައެއް ނުވެ އެވެ.

އެއް ކުއްޖެއްގެ ބަރުދަނުގައި ހުރީ 825 ގްރާމެވެ. އަނެއް ކުއްޖާގެ ބަރުދަނުގައި ހުރީ 926 ގްރާމެވެ. އެންއައިސީޔޫއަށް ވައްދާ ކުދިންގެ ބަރުދަން ހަމަވެ، ހެޔޮހާލުގައި އެތަނުން ނެރުމަށް ހޭދަވާ ކޮންމެ ދުވަހަކީ ވެސް ހިތްދަތި، ދިގު އިންތިޒާރެކެވެ. ކެތްތެރިކަމާއި ފަރުވާތެރިކަމާ އެކު ނަރުހުންގެ ބުރަ މަސައްކަތެކެވެ.

މި އިންތިޒާރު، ދެ ކުދިންގެ މައިންބަފައިންނާއި ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ހޮސްޕިޓަލްގެ މެނޭޖްމަންޓުން ކުރި އެވެ. އެންއައިސީޔޫގެ ފަރުވާއަށް ފަހު 64 ދުވަސް ފަހުން ދެ ކުދިން މަންމަގެ ގާތަށް ވޯޑަށް އިއްޔެ ބަދަލުކުރިއިރު، ކިލޯއަކަށް ވުރެން ބަރެވެ.

އެ އުފަލުގައި ހޮސްޕިޓަލުގައި އިއްޔެ ވަނީ ކުޑަ ހަފުލާއެއް ވެސް ބާއްވައިފަ އެވެ.

"ހާލު ވެސް ރަނގަޅު، މިއީ އުފަލެއް،" އަމާނީ ވިދާޅުވި އެވެ.

ދުވަސް ނުފުރާ އުފަންވި ދެ ކުދިން ސަލާމަތްކުރެވުމުން އެކަމުގެ އުފަލުގައި އިއްޔެ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ބޭއްވި ހަފްލާގައި އެ ދެ ކުދިން އުރާލައިގެން ފޮޓޯއަކަށް ހުއްޓިގެން.

ދުވަސް ނުފުރާ އުފަންވި ދެ ކުދިން ސަލާމަތްކުރެވުމުން އެކަމުގެ އުފަލުގައި އިއްޔެ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ބޭއްވި ހަފްލާގައި އެ ދެ ކުދިން އުރާލައިގެން ފޮޓޯއަކަށް ހުއްޓިގެން.

އޭނާ ސިފަކުރެއްވި ގޮތުގައި ނުވަ މަސް ވަންދެން މަންމަގެ ބަނޑުގައި އޮވެ އުފަންވާން ޖެހޭ ކުދިން އޭގެ ކުރިން އާޓިފިޝަލް އެންވަޔަރެންޓެއްގައި ގެންގުޅުމަކީ އުނދަގޫ، ގޮންޖެހުން ބޮޑު ކަމެކެވެ. އެކަމަކު ހޮސްޕިޓަލުގައި މިހާރު ހުރި ވަސީލަތްތަކާއި ޑޮކްޓަރުންނާއި ނަރުހުންގެ މަސައްކަތުން އެކަމުގައި ކުރިއެރުންތަކެއް ހޯދެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ދުވަސް ނުފުރައި ވިހެއި ކުއްޖަކު އެންއައިސީޔޫގައި ގިނަ ދުވަސްތަކެއް ވަންދެން ބޭއްވުމަށް ފަހު މައިންބަފައިންނާ ހަވާލުކޮށްފައިވެ އެވެ. އަދި ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި 193 ކުއްޖަކަށް އެންއައިސީޔޫގައި ފަރުވާ ދީފައިވެ އެވެ.

ރާއްޖޭގައި ދުވަސް ނުފުރާ އުފަންވާ ކުދިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މި ކަންބޮޑުވުން ކުޑަކުދިންގެ ޑޮކްޓަރުންގެ އެބައޮތެވެ.

ދުވަސް ނުފުރާ ކުދިން ކަމަށް ބަލަނީ މައިމީހާގެ ބަނޑަށް 37 ހަފުތާ ނުވަނީސް ވިހޭ ނަމަ އެވެ. ރާއްޖޭގައި ވެސް ދިހަ ޕަސެންޓް ކުދިން އުފަންވަނީ ދުވަސް ފުރުމުގެ މާކުރިންނެވެ. މިއީ ދުނިޔޭގައި ވެސް ޅައުމުރުގައި ތުއްތު ކުދިން މަރުވާ އެންމެ ބޮޑު ސަބަބެވެ.

ރަނގަޅު ސިއްހީ ފަރުވާއާ އެކު ފުރާނަ ސަލާމަތް ކުރެވޭ އެންމެ ޅަ އުމުރަކީ 22 ހަފުތާ ނުވަތަ ފަސް މަހެވެ.

ރާއްޖޭގައި ވެސް ދުވަސްނުފުރާ އުފަންވާ ކުދިންގެ އަދަދު އިތުރުވާތީ މިކަމަށް ހާއްސަ ދުވަހެއް ފާހަގަކުރެ އެވެ.

ދުވަސް ނުފުރާ އުފަންވާ ކުދިންގެ ދުވަހެއް ފާހަގަ ކުރަނީ ވެސް މައިންބަފައިންގެ ހިތްވަރު ފާހަގަކޮށް، އެކަމާ ގުޅޭގޮތުން މީހުން ހޭލުންތެރިކުރުމުގެ ބޭނުމުގަ އެވެ. ތުއްތު ދަރިފުޅާ ވަކިން އެ މީހުން ހޭދަކުރާ ދުވަސްތަކުގެ އަގުވަޒަންކޮށް، ވިހެއުމުގެ ތެރޭގައި އާއި ވިހެއުމަށް ފަހު މަރުވާ ކުދިންގެ އާއިލާއަށް ހިތްވަރެއްގެ ގޮތުގަ އެވެ.