Roadha Mihaaru
ހިމަބިހި ޖެހުނީ ވެކްސިން ފުރިހަމަކުރި ކުއްޖަކަށް

ހިމަބިހި ޖެހުނީ ވެކްސިން ފުރިހަމަކޮށްފައިވާ ކުއްޖަކަށް: އިކުއިޓޯރިއަލް ހޮސްޕިޓަލް

04 އެޕްރީލް 2023

ހިމަބިއްސަށް ޕޮޒިޓިވްވީ ވެކްސިންގެ ޑޯޒުތައް ފުރިހަމަ ކޮށްފައިވާ ކުއްޖަކަށް ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހިމަބިއްސަށް ޕޮޒިޓިވްވީ ވެކްސިންގެ ޑޯޒުތައް ފުރިހަމަ ކޮށްފައިވާ ކުއްޖަކަށް ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

އެ ހޮސްޕިޓަލްގެ ސީއީއޯ ޑރ. މުހައްމަދު ސޯލިހު "މިހާރު" އަށް ވިދާޅުވީ ހިމަބިއްސަށް ކުއްޖަކު ޕޮޒިޓިވްވިއަސް، އެ ކުއްޖާ އަށް ދޭންޖެހޭ ހުރިހާ ވެކްސިނެއް އަދި އޭގެ ޑޯޒްތައް ނިންމާފައިވާ ކަމަށެވެ.

އެކަމަކު، ވެކްސިން ފުރިހަމަކުރިޔަސް ހިމަބިހި ޖެހުމުގެ ކުޑަ ފުރުސަތެއް އޮވެ އެވެ.

ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ، ހިމަބިއްސަށް އައްޑޫން ކުއްޖަކު އިއްޔެ ޕޮޒިޓިވްވެ، އެ ބައްޔަށް އިތުރު ކުއްޖަކު ޝައްކުކުރެވިގެން ދަނީ ޓެސްޓުކުރަމުންނެވެ.

އެ ދެ ކުދިންގެ ހާލު ވެސް ރަނގަޅު ކަމަށް ސޯލިހު ވިދާޅުވި އެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި އެ ކުދިންގެ ގައިން ބަލި ފެތުރޭ މުއްދަތު ފާއިތުވެފައިވާތީ އެ ކުދިންގެ ފަރާތުން އެހެން މީހަކަށް އެ ބަލި ފެތުރުމުގެ ފުރުސަތެއް ނެތެވެ. އެކަމަކު އެ ބައްޔަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔަކަށްވާތީ، އެންމެ ކޭސްއެއް ފެނުނު ނަމަވެސް އެ ވާނީ އައުޓްބްރޭކަކަށް ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

ހިމަބިހީގެ އަލާމާތްތައް

- ހުން އައުން

- ހަމުގައި ރަތް ބިހިތަކެއް ނެގުން

- ކެއްސުން

- ނޭފަތުން އަރިދަފުސް ފޭބުން

- ލޯ ރަތްވުން

ރާއްޖެއިން ހިމަބިހި ނައްތާލީ 2018 ވަނަ އަހަރުގަ އެވެ. އެކަމަކު އޭގެ ފަހުން، 2020 ވަނަ އަހަރުގެ ތެރޭގައި ވެސް ރާއްޖެއިން ހިމަބިހީގެ ކޭސްތަކެއް ފެނިފައިވެ އެވެ.