Roadha Mihaaru
އައްޑޫގައި ޕީޕީއީގެ ދަތިކަމެއް ނެތް: ސަރުކާރު

289 ގައުން، 1،300 އަށް ވުރެ ގިނަ މާސްކް އައްޑޫގައި އެބަހުރި

10 މެއި 2020

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން އައްޑޫގައި ކުރާ މަސައްކަތަށް ބޭނުންވާ ރައްކާތެރި ކަމުގެ ތަކެތި އައްޑޫގައި އެކަށީގެންވާ ވަރަށް އެބަހުރި ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން އައްޑޫގައި ކުރާ މަސައްކަތަށް ބޭނުންވާ ރައްކާތެރި ކަމުގެ ތަކެތި އައްޑޫގައި އެކަށީގެންވާ ވަރަށް އެބަހުރި ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި މީޑިއާ ބްރީފިންގައި، ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް އެހެން ވިދާޅުވިއިރު، އައްޑޫ ހޮސްޕިޓަލްގެ މެނޭޖަރު ޝަރަފުއް ސާދާތު ކުރިން ވިދާޅުވެފައި ވަނީ އެކަށީގެންވާ އަދަދަކަށް ޕްރޮޓެކްޓިވް ޕާސަނަލް އިކުއިޕްމަންޓްސް (ޕީޕީއީ) ނެތް ކަމަށެވެ.

ސާދާތު އެ ގޮތަށް ވިދާޅުވި މައްސަލަ ހޫނުވެފައި ވަނިކޮށް، މަބްރޫކް ވިދާޅުވީ، އައްޑޫގައި ރައްކާތެރި ކަމުގެ ސާމާނު ނެތް ކަމުގެ ރިޕޯޓްތަކެއް ފެތުރެނީ ކީއްވެ ކަަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އައްޑޫ ހޮސްޕިޓަލްގައި ހުރި ރައްކާތެރިކަމުގެ ތަކެތީގެ އަަދަދުތަކުގެ ތަފްސީލް އޭނާ ދެއްވި އެވެ.

އައްޑޫގައި ހުރި ތަކެތީގެ ލިސްޓު:

-289 ގައުންސް (ރައްކާތެރި ވުމަށް އަޅާ ހެދުން)

-1،306 ސާޖިކަލް މާސްކް

- 59 އެން-95 މާސްކް

- 133 ފުޅި ސެނިޓަައިޒާ

މަބްރޫކް ވިދާޅުވީ އެއީ މިރޭގެ މީޑިއާ ބްރީފިންގެ ކުރިން އައްޑު އަށް ގުޅުއްވައިގެން ހޯއްދެވި އަދަދުތައް ކަމަށެވެ.

އައްޑޫން ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން، އެ ސިޓީ ވަނީ މިހާރު 14 ދުވަހަށް ލޮކްޑައުން ކޮށްފަ އެވެ. އެއީ ހިތަދޫން އިއްޔެ ރޭ ދަންވަރު މާލެ ގެނައި ހިތުގެ ބަލީގެ، މެދުއުމުރުގެ ފިރިހެނެކެވެ. ރިސޯޓެއްގައި މަސައްކަތް ކުރާ އެ މީހާ އައްޑު އަށް ދިޔައީ މާޗް 30 ގައި ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފައި ވެ އެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި، އެ މީހާ ޕޮޒިޓިވްވުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ކަންކަން ވެސް އައްޑޫގައި ކުރިއަށް އެބަދެ އެވެ.

އެގޮތަށް އެކަން ކުރީ ކީއްވެތޯ، ހަމަ އަޅުގަނޑުމެންގެ ހެދިފައި އޮންނަ އެސްއޯޕީއަކާ ހިލާފަށް މަސައްކަތްތަކެއް ކުރެވިފައިވާ ނަމަ ނުވަތަ ގޮތަކަށް ގޮސްފައި ވާނަމަ [އެޗްޕީއޭ އިން] ކޭސް ރިވިއު ހައްދަވާނެ،" މަބްރޫކް

އޭނާ ވިދާޅުވީ އައްޑޫގައި އާއްމުންގެ ތެރޭގައި ހަލުވިކަމާ އެކު ބަލި ފެތުރޭ ހާލަތެއް އަޔަނުދިނުމަށްޓަކައި އެ ސިޓީގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށައި އުއްމީދަކީ އާއްމުންގެ ތެރެއަށް ހަލުވިކޮށް ބަލި ފެތުރޭ ހާލަތެއް ނައުން ކަމަށެވެ.

އައްޑޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާއާ އެ ސިޓީގެ ހޮސްޕިޓަލުގެ މުވައްޒަފުން މުއާމަލާތް ކުރިއިރު ޕީޕީއީ ބޭނުން ނުކުރާ ކަަމަށް އެ ހޮސްޕިޓަލްގެ މެނޭޖަރު ވިދާޅުވެފައިވާ ކަމަށާއި އެސްއޯޕީއާ ހިލާފުވާ އެހެން މައްސަލަތަކެކޭ އެއްގޮތަށް އެ މައްސަލަ ވެސް ބަލާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

"...އަދި އެގޮތަށް އެކަން ކުރީ ކީއްވެތޯ، ހަމަ އަޅުގަނޑުމެންގެ ހެދިފައި އޮންނަ އެސްއޯޕީއަކާ ހިލާފަށް މަސައްކަތްތަކެއް ކުރެވިފައިވާ ނަމަ ނުވަތަ ގޮތަކަށް ގޮސްފައި ވާނަމަ [އެޗްޕީއޭ އިން] ކޭސް ރިވިއު ހައްދަވާނެ،" އައްއިން ކޮވިޑަށް ޕޮޒިޓިވްވި މީހާއާ މުއާމަލާތް ކުރީ ޕީޕީއީ ނުލާ ކަމަށް ބުނެ ކުރި ސުވާލަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވި އެވެ.