Roadha Mihaaru
ބަޔަކު ނަމާދަށް ތިއްބާ ބަޑިޖަހާ ތިން މީހުން ޒަހަމްކޮށްލައިފި

ސްވިޒަލެންޑުގެ މިސްކިތެއްގައި ބަޔަކު ނަމާދަށް ތިއްބާ ބަޑި ޖަހާ ތިން މީހުން ޒަޚަމްކޮށްލައިފި

20 ޑިސެމްބަރ 2016

ޒިއުރިކް (ޑިސެމްބަރު 20) - ސްވިޒަލެންޑުގެ ޒިއުރިކުގެ މިސްކިތެއްގައި ބަޔަކު ނަމާދަށް އަރާ ތިއްބާ ބަޑިން ހަމަލާދީ ތިން މީހުން ޒަޚަމްކޮށްލައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޒިއުރިކް (ޑިސެމްބަރު 20) - ސްވިޒަލެންޑުގެ ޒިއުރިކުގެ މިސްކިތެއްގައި ބަޔަކު ނަމާދަށް އަރާ ތިއްބާ ބަޑިން ހަމަލާދީ ތިން މީހުން ޒަޚަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ އިއްޔެ އަސްރު ނަމާދަށް މިސްކިތަށް މީހުން އަރާ ތިއްބާ ގޮތް ނޭނގޭ މީހަކު މިސްކިތަށް ވަދެ ބަޑިން ހަމަލާ ދޭން ފެށި ކަމަށެވެ. އަަދި ހަމަލާ އަމާޒުވި އުމުރުން 30، 35 އަދި 56 އަހަރުގެ ތިން ފިރިހެނުން ޒަޚަމްވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ހަމަލާ ދިނުމަށް ފަހު، ހަމަލާ ދިން މީހާ ފިލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. މަންޒަރު ދުށް މީހުން ބުނީ ހަމަލާ ދީފައި ވަނީ ކަޅު ކުލައިގެ ގަމީހެއް ލައިގެން ކަޅު ތޮތްޕެއް އަޅައިގެން ހުރި އުމުރުން ގާތްގަނޑަކަށް 30 އަހަރުގެ މީހެއް ކަމަށެވެ. ހަމަލާ ދިން ކަމަށް ބެލެވޭ މީހާގެ ހަށިގަނޑު ފުލުހުން ފަހުން ވަނީ ކޯރެއްގެ އައްސޭރީގައި އޮއްވާ ހޯދައިފަ އެވެ. ހަމަލާ ދިން މީހާގެ މަގްސަދެއް ނޭނގެ އެވެ.

ފުލުހުން ވަނީ މިސްކިތުގައި ހަމަލާ ދިން އިރު އެ ސަރަހައްދުގައި ތިބި މީހުން އިތުރު މައުލޫމާތު ހިއްސާ ކުރުމަށް އެދިފަ އެވެ.

ސްވިޒަލެންޑުގެ މިސްކިތްތަކަށް ފަހަކަށް އައިސް ވަނީ ހަމަލާތައް އަމާޒުވާން ފަށައިފަ އެވެ. އޭގެ ތެރޭގައި ޖެނީވާގައި ހުންނަ އެ ގައުމުގެ އެންމެ ބޮޑު މިސްކިތް ވެސް ހިމެނެ އެވެ. އާބާދީގައި އަށް މިލިއަން މީހުން ހިމެނޭ ސްވިޒަލެންޑުގައި 450،000 މުސްލިމުން ދިރިއުޅެ އެވެ.