Roadha Mihaaru
މިސްކިތު ފަންޑުން ތިން މިސްކިތަކަށް 1 މިލިއަން ރުފިޔާ

ތިން މިސްކިތެއް މަރާމާތުކުރަން މިސްކިތު ފަންޑުން ސިޓީ ކައުންސިލަށް އެއް މިލިއަން ރުފިޔާ ދީފި

05 މާޗް 2020

މާލެ އާއި ހުޅުމާލޭގެ ތިން މިސްކިތެއް މަރާމާތުކުރަން މިސްކިތު ފަންޑުން، އެއް މިލިއަން ރުފިޔާ އިސްލާމިކް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް މިއަދު ދީފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މާލެ އާއި ހުޅުމާލޭގެ ތިން މިސްކިތެއް މަރާމާތުކުރަން މިސްކިތު ފަންޑުން، އެއް މިލިއަން ރުފިޔާ އިސްލާމިކް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް މިއަދު ދީފި އެވެ.

އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަން އިއުލާން ކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ.

މި މަސައްކަތް މާލޭ ސިިޓީ ކައުންސިލާ ހަވާލުކުރަން ވީ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރެވެ. ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ޝަރީފެވެ.

މި އެއްބަސްވުމުގެ ދަށުން، މާލޭގެ ފުރްގާން މިސްކިތާއި ޝަހީދު އަލީ މިސްކިތާއި ހުޅުމާލޭގައި ހުންނަ ހަމަދް ބިން ޚަލީފާ އާލް ސާނީ މިސްކިތްތް މަރާމާތުކުރަން ހަމަޖެހިފައިވެ އެވެ.

އިސްލމާިކް މިނިސްޓްރީން ކުރި ޓްވީޓެއް

އިސްލާމިކް މިނިސްޓަރު ވިދާޅުވީ މަރާމާތަށް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށެވެ. އަދި ވަގުތުން ވަގުތަށް ކުރަން ޖެހޭ މަރާމާތުތައް ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

"މިސްކިތްތަކުގައި ވަރަށް ބޮޑެތި މަރާމާތުތައް، އެކި ވަރު ވަރުގެ މަރާމާތުތައް ހުރޭ، އެ ޝަކުވާތައް މިނިސްޓްރީ އަށް ވެސް ލިބެމުންދާތީވެ އެ މައްސަލަ ހައްލުކުރުމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފައާޒުން މިސްކިތު ފަންޑުން މާލޭ ސިޓީ ކައުންސިލަށް އެއް މިލިއަން ރުފިޔާ މި ދެނީ، އެ ކަންތައްތައް ހައްލުކުރުމަށްޓަކައި،" މިނިސްޓަރު ވިދާޅުވި އެވެ.

ރޯދަ މަސް އައުމުގެ ކުރިން މިސްކިތްތައް މަރާމާތުކޮށް ނިންމާނެ ކަމަށް އުންމީދު ކުރައްވާ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ މާލޭގެ ފުރްގާން މިސްކިތުގަ އާއި ޝަހީދު އަލީ މިސްކިތުގެ ޝީޓުގައި ވަރަށް ބޮޑު ރެނދެއް ލާފައިވާ ކަމަށެވެ. ނަމަވެސް ޝީޓު މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް ދާ އިރު މިސްކިތް ބަންދު ނުކުރާނެ ކަމަށް ވިދާޅުވި އެވެ. ހުޅުމާލޭ ބޮޑު މިސްކިތުގައި ވެސް ފެން ލީކުވާ ކަމަށާއި އެތަން މަރާމާތު ކުރާ އިރު ވެސް މިސްކިތުގައި ނަމާދުކުރުން ހުއްޓާ ނުލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ތިން މިސްކިތުގެ މަރާމާތުގެ މަސައްކަތް ރޯދަ މަސް ފެށުމުގެ ކުރިން ނިންމަން ސިޓީ ކައުންސިލުން މަސައްކަތް ކުރާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި މި މިސްކިތްތަކުގެ މަސައްކަތް ނިމޭ އިރު، ސިޓީ ކައުންސިލަށް ދިން ފައިސާގައި ބާކީ ހުރި ނަމަ، ކުރެވުނު މިންވަރަކުން މާލޭގެ އެހެން މިސްކިތްތައް ވެސް މަރާމާތުކުރާނެ އެވެ.