Roadha Mihaaru
އަފްރާޝީމްގެ ހަނދާނީ މިސްކިތް ހުޅުވައިފި

އަފްރާޝީމްގެ ހަނދާނުގައި އުނގޫފާރުގައި އިމާރާތްކުރި އިސްލާމީ މަރުކަޒު ހުޅުވައިފި

17 ޑިސެމްބަރ 2021

މީގެ ހަތް އަހަރު ކުރިން އަވަހާރަ ކޮށްލާފައިވާ ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް ޢަލީގެ ހަނދާނުގައި. އޭނާގެ އުފަންރަށް، ރ. އުނގޫފާރުގައި ބިނާކުރި އިސްލާމީ މަރުކަޒުގެ މަސައްކަތް ނިމިފައި ހުންނަތާ ގިނަ ދުވަސްތަކެއް ވީ ފަހުން މިއަދު އެ ތަން ރަސްމީކޮށް ހުޅުވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މީގެ ހަތް އަހަރު ކުރިން އަވަހާރަ ކޮށްލާފައިވާ ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް ޢަލީގެ ހަނދާނުގައި. އޭނާގެ އުފަންރަށް، ރ. އުނގޫފާރުގައި ބިނާކުރި އިސްލާމީ މަރުކަޒުގެ މަސައްކަތް ނިމިފައި ހުންނަތާ ގިނަ ދުވަސްތަކެއް ވީ ފަހުން މިއަދު އެ ތަން ރަސްމީކޮށް ހުޅުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރުކަމުގައި ހުންނަވަނިކޮށް އަފްރާޝީމް އަވަހާރަކޮށްލުމުން، އޭނާގެ ހަނދާނުގައި ބިނާކުރި އިސްލާމީ މަރުކަޒާއި އެ އެތަނުގެ މިސްކިތް، "މަސްޖިދުއް ދުކްތޫރު އަފްރާޝީމް އަލީ" މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ހުޅުއްވައި ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ. އެ ރަސްމިއްޔާތުގައި އަފްރާޝީމްގެ އާއިލާ އާއި އުނގޫފާރުގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެވެ. އެ މިސްކިތުގައި މިއަދުގެ ހުކުރު ނަމާދު އިމާމުވެ ކުރެެއްވީ މިނިސްޓަރެވެ.

އެ ރަސްމިއްޔާތުގައި، އަފްރާޝީމްގެ ބޭބެ އަދި އުނގޫފާރު ކައުންސިލްގެ ކުރީގެ ރައީސް، އަބްދުއް ނާސިރު އަލީ ވިދާޅުވީ، އަފްރާޝީމް ލިޔުއްވާފައިވާ ފޮތްތައް. ހޯދައި އުނގޫރު އިސްލާމީ މަރުކަޒުގެ ލައިބްރަރީގައި ބަހައްޓައިދޭން އާއިލާ އިން އެދޭ ކަމަށެވެ. އެ ފޮތްތައް ކުރިން ހުރީ އޭނާ ވިދާޅުވި ގޮތުގައި އިސްލާމިކް ޔުނިވާސިޓީގެ ލައިބްރަރީގަ އެވެ.

"އެހެން ނަމަވެސް މިހާރު އެ ފޮތްތައް އަޅުގަނޑަކަށް ނޭނގޭ ދެން ވީ ހިސާބެއް. އެހެންވީމާ [ކައުންސިލްގެ] ރައީސް އެ ފާހަގަކުރެއްވި ފަދައިން މި ތަނުގެ ލައިބްރަރީގައި އެ ފޮތްތައް ބަހައްޓައި ދެއްވައި އަދި އޭގެ އިތުރުން ވެސް ލައިބްރަރީ ވީ އެންމެ ފުރިހަމައެއް ކޮށްދެއްވުމަކީ އާއިލާގެ ފަރާތުން އަޅުގަނޑު ވަރަށް ބޮޑަް އެދޭ ކަމެއް،" ނާސިރު ވިދާޅުވި އެވެ.

ޑރ. އަފްރާޝީމް އަލީގެ ހަނދާނުގައި އުނގޫފާރުގައި ބިނާކުރި އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި އަފްރާޝީމްގެ ބޭބެ އަބްދުއް ނާސިރު އަލީ (ކ) އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަރިހުގައި ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޑރ. އަފްރާޝީމް އަލީގެ ހަނދާނުގައި އުނގޫފާރުގައި ބިނާކުރި އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި އަފްރާޝީމްގެ ބޭބެ އަބްދުއް ނާސިރު އަލީ (ކ) އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަރިހުގައި ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ކޮށްކޮގެ ހަނދާނުގައި އެފަދަ ބިނާއެއް އަޅައިދިނީތީ ސަރުކާރުތަކަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް ނާސިރު ވިދާޅުވި އެވެ.

"އެ މަނިކުފާނު [ޑރ. އަފްރާޝީމް] ޝަހީދު ކޮށްލުމުގެ ހިތާމަ އިން އަޅުގަނޑުމެންނަށް ތަސައްލީއެއް ގެނުވައި ދިނުމަށް، ނުވަތަ އެ މަނިކުފާނުގެ ފުރާނަފުޅަށް ސަވާބާއި ދަރުމަ އަށް އެދި ކަމަށް އަަޅުގަނޑު ގަބޫލު ކުރާނީ މިފަދަ ބިނާއެއް ކުރައްވާނީ،" ނާސިރު ވިދާޅުވި އެވެ.

އައިޔޫއެމް އާއި ގުރުއާނާ ބެހޭ މަރުކަޒުން ކްލާސްތައް ހިންގާނެ

އުނގޫފާރު އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ، އެ ތަން ޑިޒައިން ކޮށްފައި ހުންނަނީ ގިނަ ހިދުމަތްތަކެއް ލިބޭ ގޮތަށް ކަމަށާއި އެ ހިދުމްތްތަކުގެ ބޭނުން އެންމެ ފުރިހަމަ އަށް ހިފާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"މި ތަން [ރަނގަޅު] ތަނެއްގެ ގޮތުގައި ހުންނާނީ ތިޔަބޭފުޅުން [މި ތަނުގެ] ބޭނުން ކުރައްވާ ގޮތަކުން،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އުނގޫފާރު އިސްލާމިކް ސެންޓަރުގައި ކްލާސްތައް ހިންގަން އިސްލާމިކް ޔުނިވާސިޓީ އާއި ޤުރުއާނާ ބެހޭ މަރުކަޒުން ވެސް ޝައުގުވެރިވާ ކަމަށެވެ. އެ ތަނުގެ ހުރިހާ ކްލާސްރޫމެއް އިސްލާމިކް ޔުނިވާސިޓީ އަށް ދޫކުރަން އެ ޔުނިވާސިޓީން އެދުނު ކަމަށާއި ނަމަވެސް، ޤުރުއާނާ ބެހޭ މަރުކަޒަށް ފުރުސަތު ނޯންނަ ގޮތަކަށް ޖާގަ ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޔުނިވާސިޓީން ބޭނުން ވަންޏާ އެ ބޭފުޅުންނަށް ވެސް ހަމަ ފުރުސަތު ހުޅުވާނަން. ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ކްލާސްތައް ހިންގަން އަޅުގަނޑުމެން ރާވަމުން މި އަންނަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އުނގޫފާރުގައި އިސްލާމީ މަރުކަޒެއް އިމާރާތްކުރަން އެސްޖޭއާ ހަވާލުކުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާޗު 2، 2017 ގަ އެވެ. ދައުލަތުގެ ބަޖެޓުން 25 މިލިއަން ރުފިޔާ ހަރަދު ކޮށްގެން މި ސެންޓަރުގެ މަސައްކަތް ނިންމަން އޭރު ހަވާލުކުރީ ދޮޅު އަހަރު ދުވަހުގެ ތެރޭގަ އެވެ.

އުނގޫފާރޫގެ އިސްލާމިކް ސެންޓަރަކީ އެއްފަހަރާ 1،000 މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ ތަނެކެވެ. އަދި މި ސެންޓަރުގައި 400 މީހުންގެ ޖާގައިގެ މަލްޓިޕާޕަސް ހޯލަކާއި ކްލާސްރޫމާއި ލައިބްރަރީއެއް ވެސް ހިމެނެ އެވެ.