Roadha Mihaaru
އަފްރާޝީމްގެ ހަނދާނީ އިސްލާމީ މަރުކަޒު މަޝްރޫއު ފަށަނީ

އަފްރާޝީމްގެ ހަނދާނުގައި އިމާރާތްކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފި

02 މާޗް 2017

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝިމް އަލީގެ ހަނދާނުގައި އުނގޫފާރުގައި އިމާރާތްކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތް، 25 މިލިއަން ރުފިޔާ އަށް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ މިއަދު ހަވާލުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝިމް އަލީގެ ހަނދާނުގައި އުނގޫފާރުގައި އިމާރާތްކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތް، 25 މިލިއަން ރުފިޔާ އަށް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ މިއަދު ހަވާލުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު އެވެ. އެސްޖޭ ކޮންސްޓްރަކްޝަން އިން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝާހިދު އެވެ.

އަފްރާޝީމްގެ ހަނދާނުގައި އުނގޫފާރުގައި މިސްކިތެއް އިމާރާތް ކުރުމަކީ ރ. އިފުރު އެއާޕޯޓް ހުޅުވުމަށް މޭ، 2015 ގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން ވެވަޑައިގެންނެވި ވައުދެކެވެ. އެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ އަފްރާޝީމްގެ ހަނދާނުގައި، އޭނާގެ އުފަން ރަށުގައި އިސްލާމީ މަރުކަޒެއް އަޅުއްވާނެ ކަމަށެވެ.

ބަޔަކު މީހުން ދިން ރަހުމްކުޑަ ހަމަލައެއްގައި ދީނީ އިލްމުވެރިޔާ އަފްރާޝީމް އަވަހާރަކޮށްލީ އޮކްޓޯބަރު 1، 2012ގަ އެވެ.

އަފްރާޝީމްގެ ހަނދާގައި އިމާރާތްކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ. ޒިޔާދު ވިދާޅުވީ އެ މިސްކިތް އަޅަނީ ރައީސް ޔާމީންގެ އިސްނެންގެވުމާއެކު ކަމަށާއި އެކަމަށް އެމަނިކުފާނު ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އަދި އެއީ އުތުރުގެ ސަރަހައްދުތަކުގައި ދީނީ ރޫހު ދިރުވައިދޭ މަރުކަޒަށް ވާނެ ކަމަށް ވެސް މިިނިސްޓަރު ވިދާޅުވި އެވެ.

އުނގޫފާރުގައި އަޅާ އިސްލާމީ މަރުކަޒުގެ މަސައްކަތްތަކުގެ އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް (މ) މިއަދު ވާހަކަ ދައްކަވަނީ-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އުނގޫފާރު އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ރ. އަތޮޅަށް ނިސްބަތްވާ ދެ ބޭފުޅުން ކަމަށްވާ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި އުނގޫފާރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޖައުފަރު ދާއޫދު ވެސް ބައިވެރިވެވަޑައިގަތެވެ. މި ދެ ބޭފުޅުން ވެސް ވިދާޅުވީ ރ. އަތޮޅުގައި އިސްލާމީ މަރުކަޒެއް އިމާރާތް ކުރުމަކީ އަތޮޅަށް ލިބުނު ބޮޑު އުފަލެއް ކަމަށެވެ.

އުނގޫފާރޫގައި އިމާރާތްކުރާ އިސްލާމީ މަރުކަޒަކީ 1،000 މީހުންގެ ޖާގައިގެ ތަނެކެވެ. އެއްބަސްވުމުގައި ސޮއިކުރާތާ 510 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭއިރު، ނަމާދުކުރާ ބައިގެ އިތުރުން ކްލާސްރޫމާއި މަލްޓި ޕާޕަސް ހޯލް އަދި ނުުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ބައެއް ވެސް ހުންނާނެ އެެވެ.

މިއީ ރާއްޖޭގައި އަޅާ ތިން ވަނަ އިސްލާމީ މަރުކަޒެވެ. މާލޭގެ އިތުރުން ގދ. ތިނަދޫގައި ވެސް އިސްލާމީ މަރުކަޒެއް އިމާރާތް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.