Roadha Mihaaru
ލުޔެއް ނުދީ 100 މިލިއަން ދައްކަން 15 ދުވަސް!

ލުޔެއް ނުދީ ފުށިދިއްގަރުގެ 100 މިލިއަން 15 ދުވަސް ތެރޭގައި ދައްކަން އަންގައިފި

08 މާޗް 2022

ކ. ފުށިދިއްގަރު ފަރަށް 2015 ގައި ބާޖަކާއި ޓަގް ބޯޓެއް އެރި މައްސަލައިގައި 100 މިލިއަން ރުފިޔާ އިން ކުރި ޖޫރިމަނާ އަށް ލުޔެއް ދޭން އެދުނަސް، މާފު ކޮށްނުދީ، 15 ދުވަސް ތެރޭގައި އެ ފައިސާ ދައްކަން އީޕީއޭ އިން އަންގައިފި އެވެ.

ކ. ފުށިދިއްގަރު ފަރަށް 2015 ގައި ބާޖަކާއި ޓަގް ބޯޓެއް އެރި މައްސަލައިގައި 100 މިލިއަން ރުފިޔާ އިން ކުރި ޖޫރިމަނާ އަށް ލުޔެއް ދޭން އެދުނަސް، މާފު ކޮށްނުދީ، 15 ދުވަސް ތެރޭގައި އެ ފައިސާ ދައްކަން އީޕީއޭ އިން އަންގައިފި އެވެ.

މުތާ ރޯޔަލް ނަމަކަށް ކިޔާ ޓަގް ބޯޓާއި މުތާ ގްރޭސް ނަމަކަށް ކިޔާ ބާޖު ޑިސެމްބަރު 2015 ގައި ފުށިދިއްގަރު ފަރަށް އެރި މައްސަލައިގައި މެއިންލޭންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކުރީ، މާޗް، 14، 2018 ގަ އެވެ. އެއީ ތިމާވެށި ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ކުރެވޭނެ އެންމެ ބޮޑު ޖޫރިމަނާ އެވެ.

އެ ހާދިސާގައި އެ ފަރުގެ 4،370 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތައް ލިބިފައި ހުރި ކަމަށާއި އެ ގެއްލުންތަކުގެ އަގުވަޒަން ކުރުމުން ޖޫރިމަނާގެ އަސްލު އަދަދު 110 މިލިއަނަށް އަރާ ކަމަށް އީޕީއޭ އިން ބުނެފައި ވެ އެވެ. އެކަމަކު ތިމާވެށްޓާބެހޭ ގާނޫނުގެ ދަށުން ކުރެވޭނެ އެންމެ ބޮޑު ޖޫރިމަނާއަކީ 100 މިލިއަން ރުފިޔާ ކަމަށް ވާތީ އަދަދު 100 މިލިއަން ރުފިޔާއަށް ދަށްވީ އެވެ.

ފުށިދިއްގަރު

ފުށިދިއްގަރު

މި ފައިސާ ނުދައްކައި ހަތަރު އަހަރު ތިބުމަށް ފަހު، ކުންފުނިން ލުޔެއް ދޭން އެދި އެންވަޔަރްމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ އަށް ހުށަހެޅުމުން ނިންމެވީ ޖޫރިމަނާ ދައްކަން ޖެހޭނެ ކަމަށެވެ. އެހެންވެ، އީޕޭއޭ އިން މިިދިޔަ ހަފުތާގައި އެ ކުންފުންޏަށް އެންގީ 15 ދުވަސް ތެރޭގައި 100 މިލިއަން ދެއްކުމަށެވެ.

މި ޖޫރިމަނާ ދައްކަން އެންގިއިރު، ށ. ނޫމަރާގެ ފަރަށް 2019 ގައި ބާޖެއް އަރައި ލިބުނު ގެއްލުމަށް ކުރި ޖޫރިމަނާގެ ގޮތުގައި 61.6 މިލިއަން ރުފިޔާ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ވަނީ ދައްކައިފަ އެވެ. ރަސްފަރީ ފަރަށް ބޯޓެއް ފަރަށް އަރައި ފަރަށް ލިބުނު ގެއްލުމުގެ ބަދަލަށް މިިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި 154 މިލިއަން ރުފިޔާ ވަނީ ދައްކައިފަ އެވެ.