Roadha Mihaaru
އަބްދުއްރައްޒާގު އީޔޫ އަށް ބަދަލުކުރަން ފާސްކޮށްފި

ލަންކާގެ ސަފީރު އަބްދުއްރައްޒާގު އީޔޫ އަށް ބަދަލުކުރަން މަޖިލީހުން ރުހުން ދީފި

07 މާޗް 2022

ސްރީ ލަންކާގައި ހުންނަވާ ދިވެހި ސަފީރު އުމަރު އަބްދުއްރައްޒާގް، ބެލްޖިއަމާއި ޔޫރަޕިއަން ޔޫނިއަން އަށް ކަނޑައަޅާ ރާއްޖޭގެ ސަފީރު ކަމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ސްރީ ލަންކާގައި ހުންނަވާ ދިވެހި ސަފީރު އުމަރު އަބްދުއްރައްޒާގް، ބެލްޖިއަމާއި ޔޫރަޕިއަން ޔޫނިއަން އަށް ކަނޑައަޅާ ރާއްޖޭގެ ސަފީރު ކަމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

އަބްދުއްރައްޒާގަށް މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާތީވެ، މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވި 58 މެމްބަރުން ވެސް ވޯޓު ދެއްވީ އޭނާއާ އެއްކޮޅަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވީ، ބެލްޖިއަމާއި ޔޫރަޕިއަން ޔޫނިއަންގެ ސަފީރު ކަމުގައި މިހާރު ހުންނެވި ހަސަން ސޯބިރާއި ލަންކާގެ ސަފީރު އުމަރު އަބްދުއްރައްޒާގް އަނބުރާ ގެންނެވުމަށް ނިންމަވާފައިވާ ކަމަށެވެ.

ބެލްޖިއަމާއި ޔޫރަޕިއަން ޔޫނިން އަށް އަބްދުއްރައްޒާގް އަދި ޖަޕާނަށް ކަނޑައަޅާ ދިވެހި ސަފީރަކަށް ސޯބިރު އައްޔަން ކުރުމަށް ގަސްދު ކުރައްވާ ކަމަށް ވެސް އެ މަނިކުފާނުގެ ސިޓީފުޅުގައި ވެ އެވެ.

އެ މައްސަލަ މަޖިލީހުގެ ހާރިޖީ ކޮމިޓީން ދިރާސާކުރިއިރު، އެ ދެ ބޭފުޅުން ބަދަލު ކުރައްވަން ރައީސް ނިންމެވި ނަމަވެސް މަގާމުގައި ތިއްބެވިއިރު، އެއްވެސް މައްސަލައެއް ދިމާވެފައި ނެތް ކަމަށް އެ ކޮމިޓީގެ މުގައްރިރު އަދި މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވި އެވެ. އަދި އެ ދެ ބޭފުޅުން އަދިވެސް އެ މަގާމަށް ފުރިހަމަ އަށް ޝަރުތު ހަމަވާތީ ރައީސްގެ އެ ހުށަހެޅުން ފާސްކުރަން ކޮމިޓީން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެ އިން ޖަޕާނަށް މިހާރު ކަނޑައަޅާފައި ހުންނަވާ ސަފީރަކީ އިބްރާހިމް އުވެއިޒް އެވެ.