Roadha Mihaaru
ނާގޯށީގެ މަސައްކަތް އެމްޓީޑީސީން ފަށައިފި

ނާގޯށި ހަވާލުކުރީ ދުބާއީގެ ރޯ ގަލަދާރީއާ، މަސައްކަތް ފަށައިފި

03 މާޗް 2022

ދުބާއީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ރޯ ގަލަދާރީއާ ހަވާލުކޮށްގެން، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ހދ. ނާގޯށި ތަރައްގީކުރަން ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދުބާއީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ރޯ ގަލަދާރީއާ ހަވާލުކޮށްގެން، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ހދ. ނާގޯށި ތަރައްގީކުރަން ފަށައިފި އެވެ.

އެ ރަށުގައި މިހާރު ކުރަނީ ރަށް ސާފުކުރުމާއި މަގުތައް ހެދުމާއި ލޭންޑްސްކޭޕްގެ މަސައްކަތްތަކެވެ. ކޮންސްޓްރަކްޝަންގެ މަސައްކަތް ފަށާނީ އީޕީއޭއިން އެ ރަށުގެ އީއައިއޭ އެޕްރޫވް ކުރުމުންނެވެ.

އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު "މިހާރު" އަށް ވިދާޅުވީ ރަށުގެ މާސްޓަ ޕްލޭން ތައްޔާރުކޮށް މިހާރު ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އީއައިއޭ ތައްޔާރުކޮށް އީޕީއޭ އަށް ވެސް ހުށަހަޅާފައިވާ ކަމަށާއި ރަށުގެ ކޮންސެޕްޓުގެ ގޮތުން އީއައިއޭ އެޕްރޫވްވާން ވަގުތު ނަގަނީ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި އެޕްރޫވަލް ލިބި ކޮންސްޓްރަކްޝަން މަސައްކަތް ފެށޭނެ ކަމަށް ތަޒްމީލް ލަފާކުރެއްވި އެވެ.

"ރަށް އަޅުގަނޑުމެން ޑިޒައިން ކޮށްފައިވާ ގޮތުން ރަށުގެ މެދުތެރެއިން ޕޮންޑުތައް ހިމެނޭ ވޯޓާ ތީމް ޕާކެއް އޮންނާނެ. އަދި ރަށުގެ ބައެއް ހިއްކަން ވެސް ޖެހޭ. އެހެންވެ އެކަންކަމަށް އީއައިއޭ އެޕްރޫވް ކުރަން ވަގުތު ނަގަނީ،" ތަޒްމީލް ވިދާޅުވި އެވެ.

ރޯ ގަލަދާރީން ނާގޯށި ތަރައްގީކުރަނީ އެމްޓީޑީސީއާ ގުޅިގެން ޖޮއިންޓް ވެންޗާއެއް އުފައްދައިގެންނެވެ. މިއީ އެމްޓީޑީސީން އެގޮތަށް ތަރައްގީކުރާ ފުރަތަމަ ރަށެވެ. އެ ކުންފުނީގެ ދަށުން ހުރި އެހެން ރަށްތައް ދޫކޮށްފައިވަނީ ލީސް އަށެވެ.

އެމްޓީޑީސީން ލަފާކުރާ ގޮތުގައި ނާގޯށި ތަރައްގީކޮށް ނިމޭއިރު 300-400 މިލިއަން ޑޮލަރު ހަރަދުވާނެ އެވެ. މިއީ އެންމެ ރަށެއް ތަރައްގީކުރަން އެހާ ބޮޑު އިންވެސްޓަމަންޓެއް ކުރާ ފުރަތަމަ ފަހަރެވެ.

ނާގޯށި އެމްޓީޑީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން: ރިސޯޓްގެ މަސައްކަތް ލަސްވަނީ އީއައިއޭ އެޕްރޫވް ނުވެގެން ކަމަށް ވިދާޅުވި-- ފޮޓޯ: އެމްޓީޑީސީ

ނާގޯށި އެމްޓީޑީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން: ރިސޯޓްގެ މަސައްކަތް ލަސްވަނީ އީއައިއޭ އެޕްރޫވް ނުވެގެން ކަމަށް ވިދާޅުވި-- ފޮޓޯ: އެމްޓީޑީސީ

ނާގޯށި ޕްރޮޖެކްޓަކީ ބޮޑު ޕްރޮޖެކްޓަކަށްވުމުން އެތަން ތަރައްގީ ކުރަން ރާާވާފައިވަނީ ފޭސްތަކަކަށް ބަހާލައިގެންނެވެ.

އެ ކުންފުނީގެ ޑީއެމްޑީ އަހުމަދު ނިޔާޒު "މިހާރު" އަށް ވިދާޅުވީ ނާގޯށީގައި ތަަރައްގީ ކުރާ ރިސޯޓު ވެގެންދާނީ ރާއްޖޭގެ އެންމެ ބޮޑު އެއް ޓޫރިޒަމް ޕްރޮޖެކްޓަށް ކަމަށެވެ. އެ ރިސޯޓުގައި 835 ކޮޓަރި ތަރައްގީ ކުރާއިރު އެއީ 1670 އެނދެވެ. ރާއްޖޭގައި އާއްމުކޮށް އެއް ރިސޯޓެއްގައި ތަަރައްގީ ކުރާނީ 300 އެއްހާ އެނދެވެ. އެހެންވެ، އެ ރިސޯޓުގަައި އެކަނިވެސް ހަ ރިސޯޓުގެ އެނދު ތަރައްގީކުރެވޭ ކަމަށް ނިޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އަސްލު އެންމެ ރިސޯޓެއްގައި މި ހުޅުވެނީ ރާއްޖޭގެ ހަ ރިސޯޓުގެ އެނދު. މިއާއެކު ގިނަ ވަޒީފާގެ ފުރުސަތުތައް އުފެދިގެންދާނެ. މިއީ މުޅިން ތަފާތުކޮށް، ބޮޑު އިންވެސްޓްމަންޓަކާއެކު ތަަރައްގީ ކުރާ ރިސޯޓެއް،" ނިޔާޒު ވިދާޅުވި އެވެ.

ނާގޯށީގައި ދެ ގިންތިއެއްގެ ވިލާތައް ތަރައްގީ ކުރަން ވަނީ ނިންމާފަ އެވެ. އެއީ ފަސް ތަރީގެ ކޮޓަރިތަކާއި ހަ ތަރީގެ ކޮޓަރިތަކެވެ. އަދި ރިސޯޓް ހުޅުވުމުން ދުނިޔޭގެ ބޮޑެތި ބްރޭންޑުތައް އެ ރިސޯޓުގައި އޮޕަރޭޓް ކުރަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެމްޓީޑީސީން މައުލޫމާތުދެ އެވެ.

ނާގޯށި އަކީ އެމްޓީޑީސީ އުފައްދައި އެންމެ ފުރަތަމަ އެ ކުންފުންޏާ ހަވާލު ކުރި ރަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ކުރީގެ ސަރުކާރުތަކަށް އެ ރަށް ތަރައްގީއެއް ނުކުރެވުނެވެ. އެ ރަށް ތަރައްގީކޮށް މި ދައުރުގައި ހުޅުވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

އެ ރަށުގެ މަސައްކަތް އަލުން އެމްޓީޑީސީއާ ހަވާލު ކުރީ 2020 ވަނަ އަހަރު އެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލު ކުރީ ތިން އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.