Roadha Mihaaru
ކާންޔޭ ނުތޮޅޭ މީހެއް ނެތް

ކާންޔޭ ނުތޮޅޭ މީހެއް ނެތް

18 ފެބުރުއަރީ 2022

ސޯޝަލް މީޑީއާގައި އުޅޭ މީހަކަށް މިހާރު މި ސަކަރާތްގަނޑު އޮންނާނީ ފެނިފަ އެވެ. އެމެރިކާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އަދި ފެޝަން ޑިޒައިނަރު ކާންޔޭ ވެސްޓް ފާޑުފާޑުގެ ޕޯސްޓުތައްކޮށް، އެކި މީހުންނަށް އުނދަގޫ ކުރާތަން މިފަހުން ފެނެ އެވެ. މައްސަލަ ހޫނުވެ، އެކި ކަހަލަ ވާހަތަކައް ދެކެވެން ފެށި އިރު އެއް ބަޔަކު އަދިވެސް ތިބީ ވާނުވާ ނޭނގި އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

ސޯޝަލް މީޑީއާގައި އުޅޭ މީހަކަށް މިހާރު މި ސަކަރާތްގަނޑު އޮންނާނީ ފެނިފަ އެވެ. އެމެރިކާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އަދި ފެޝަން ޑިޒައިނަރު ކާންޔޭ ވެސްޓް ފާޑުފާޑުގެ ޕޯސްޓުތައްކޮށް، އެކި މީހުންނަށް އުނދަގޫ ކުރާތަން މިފަހުން ފެނެ އެވެ. މައްސަލަ ހޫނުވެ، އެކި ކަހަލަ ވާހަތަކައް ދެކެވެން ފެށި އިރު އެއް ބަޔަކު އަދިވެސް ތިބީ ވާނުވާ ނޭނގި އެވެ.

މި ކަންތައްގަނޑެއް ފެށުނުތާ ހަފުތާއެއްހާ ދުވަސް ވެއްޖެ އެވެ. ކާންޔޭ އޭނާގެ އިންސްޓަގްރާމްގައި ތަފާތު އެކި މީހުންނަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރި އެވެ. އޭގެ ތެރޭގައި އޭނާގެ ކުރީގެ އަންހެނުން ކިމް ކާޑޭޝިއަން ވެސް ހިމެނެ އެވެ.

ކިމް އާއި ކާންޔޭ ވަރިވި ފަހުން ދެމީހުން ވެސް މިހާރު އުޅެނީ އެހެން މީހުންނާ ރައްޓެހިވެގެންނެވެ. ކިމް، އެކްޓަރު ޕީޓް ޑޭވިޑްސަން އާ ރައްޓެހިވެގެން އުޅޭއިރު، ކާންޔޭ އުޅެނީ މޮޑެލް ޖޫލިއާ ފޮކްސްއާ ރައްޓެހިވެގެންނެވެ. އަދި ސޯޝަލް މީޑިއާގައި ކާންޔޭ އާއި ޖޫލިއާގެ ގުޅުން ޕަބްލިކް ކުރާ ވަރުން އެންމެން ގަބޫލުކުރީ ކާންޔޭ މިހާރު "މޫވް އޮން" ކުރަން ރެޑީ ކަމަށެވެ.

އެ ވިސްނުން ބަދަލުވީ މި ފަހަކަށް އައިސް ކާންޔޭ ކުރަން ފެށި ޕޯސްޓުތަކަކާ އެކުގަ އެވެ. ކާންޔޭ ޕޯސްޓުކުރަން ފެށީ ކުރީގެ އާއިލާ އަލުން ބޭނުންވާ ކަމަށެވެ. އަދި ކިމް އާއި ދަރިންނާ އެކު އެކުގައި އުޅެން ބޭނުންވާ ކަމަށް އެތައް ފަހަރެއްގެ މަތިން އޭނާ ބުންޏެވެ.

އެންމެނަށް ފެންނަ ގޮތަށް ކާންޔޭ ކިމް އަށް ބަހުގެ ހަމަލާތައް ފޮނުވަން ފެށީ ދެމީހުންގެ ދަރި ނޯތު ވެސްޓް ޓިކްޓޮކް ބޭނުންކުރުމުގެ ހުއްދަ ކިމް ދިނުމުންނެވެ.

އެމެރިކާގެ މަޝްހޫރު ބައެއް ސެލެބްރީޓިން ކަމަށްވާ ބިލީ އައިލިޝް އާއި ކިޑް ކޫޑީ އަށް ވެސް އެކި ކަހަލަ ބަހުގެ ހަމަލާތައް ކާންޔޭ ފޮނުވަން ފެށި އެވެ. މި ހުރިހާ ވާހަކަތަކެއް ކާންޔޭ ދައްކަމުން ދިޔައީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ސްކްރީންޝޮޓުތަކެއް ލައިގެންނެވެ. އެމީހުންނަށް އެކި ސަބަބުތަކާ ހުރެ ފާޑުކިޔާފައިވާ އިރު، ބިލީ އަށް ފާޑުކީ ޓްރެވިސް ސްކޮޓަށް ރައްދުވާ ގޮތަށް އޭނާ ފާޑުކީ ކަމަށް ބުނެ އެވެ.

އަދި އެ ހުރިހާ ކަމެއްގެ ތެރެއިން ޕީޓް އެންމެ ފަހުން ކާންޔޭ އަށް މެސެޖު ކުރި އެވެ. ޕީޓް ކުރި މެސެޖުގައި ބުނީ ކިމްއާ ރައްޓެހިވެގެން އުޅުނަސް ދަރިންނާ ބައްދަލުކުރުމުގެ ހުރަހެއް ނޯންނާނެ ކަމަށެވެ. އަދި ބޭނުންވަނީ އެންމެން އެކުގައި ދަރިން ބެލުމުގައި ވެސް ގުޅިގެން އުޅުމަށް ކަމަށެވެ. ނަމަވެސް ކާންޔޭ އެއަށް ވެސް ކުރީ މަލާމާތެވެ. އަދި ސޯޝަލް މީޑިއާގައި އެ އާންމުކޮށް ޕީޓް އަށް އުނދަގު ކުރުމަށް ކާންޔޭ ގޮވާލި އެވެ.

މި ކަންތައްގަނޑު ހިނގުމަށް ފަހު ކާންޔޭގެ ކުރީގެ ޕޯސްޓުތައް މިހާރު ވަނީ ޑިލީޓް ކޮށްލައިފަ އެވެ. އަދި އޭނާގެ އަމަލުތަކަށް ވަނީ މަފާށް ވެސް އެދިފަ އެވެ.

ކާންޔޭ ވަނީ މީގެ އަހަރެއް ކުރިން އޭނާ އަކީ ބައިޕޯލާ ޑިސްއޯޑާ ހުރި މީހެއް ކަން ހިއްސާކޮށްފަ އެވެ. އޭނާގެ އަމަލުތަކާ އެ ބައްޔާ ގުޅުން ހުރި ކަމަށް ބައެއް މީހުން ބުނެ އެވެ.