Roadha Mihaaru
ލޯންޗް ފެރީތައް އެތަންމިތަނަށް، ޓްރެފިކް ތޮއްޖެހިއްޖެ

ލޯންޗް ފެރީތައް އެތަންމިތަނަށް، ޓްރެފިކް ތޮއްޖެހުން ވީ ގޯސް

14 ފެބުރުއަރީ 2022

އެމްއެމްއޭ ކުރިމަތިން ރަށްރަށަށް ފުރާ ލޯންޗު ފެރީތަކުގެ ސަބަބުން އެ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހޭ މައްސަލަ ހައްލުކުރުމުގެ ގޮތުން އެ އުޅަނދުތަކަށް ނަސަންދުރާ ކުރިމަތީ ޖެޓީ ހަމަޖެއްސި ނަމަވެސް އެތަން ބޭނުން ނުކޮށް ބަނދަރުގެ އެކި ސަރަހައްދުތަކަށް ކައިރިކުރާތީ ޓްރެފިކްގެ މައްސަލަ އިތުރަށް ބޮޑުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ލޯންޗުތަކަށް ނަސަންދުރާ ކުރިމަތީ ޖެޓީ ހަމަޖެއްސި ނަމަވެސް ލޯންޗުތައް މިހާރު ގާތްކުރަނީ ބޭންކް އޮފް ސިލޯން ކުރިމަތިން ފެށިގެން މަސްވެރިންގެ ޕާކާ ދެމެދުގައި އޮންނަ ޖެޓީއަށެވެ. ނަސަންދުރަ ކުރިމައްޗަށް އެއްވެސް ލޯންޗެއް ނުދެ އެވެ.

ނަސަންދުރަ ކުރިމަތީ ޖޭޓީ ބޭނުން ނުކޮށް ލޯންޗުތައް މިހާރު ކައިރިކުރާ ހިސާބަކީ ވަރަށް ގިނަ އޮފީސްތައް ވެސް ހުންނަ ހިސާބަކަށް ވުމުން، އޮފީސްތައް ނިމޭ ގަޑި އާއި ފެރީތައް ފުރާ ގަޑި ދިމާވުމުން އެ މަގުގައި ޓްރެފިކަށް ވަރަށް ބާރު ބޮޑުވެ އެވެ.

ބޭންކް އޮފް ސިލޯން ކުރިމައްޗަށް އިއްޔެ ގާތްކޮށްފައި އޮތް ލޯންޗު ފެރީއަކުން ފުރަން ދިޔަ ބަޔަކު، ލޯންޗަށް އަރަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ބޭންކް އޮފް ސިލޯން ކުރިމައްޗަށް އިއްޔެ ގާތްކޮށްފައި އޮތް ލޯންޗު ފެރީއަކުން ފުރަން ދިޔަ ބަޔަކު، ލޯންޗަށް އަރަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

"ކުރިން ވެސް ސިލޯނު ބޭންކް ކުރިމަތިން ލޯންޗުތައް ފުރާ. އެކަމަކު އާންމުކޮށް މާލެ އަތޮޅު ރަށްރަށާއި ރިސޯޓް ލޯންޗުތައް މިތަނަށް ގާތްކުރަނީ. އެކަމަކު މިހާރު އެހެން ރަށްރަށުގެ ލޯންޗުތައް ވެސް މިތަނަށް އަންނަން ފެށީމާ އިތުރަށް ބާރުބޮޑުވެފައި އޮންނަނީ،" ލޯންޗެއްގެ ކައްޕިއަކު ބުންޏެވެ.

މާލޭ ސިޓީ ކައުންސިލްގައި މާލޭގެ ފަޅާ ގުޅޭ ކަންކަމުގައި އިސްކޮށް ހުންނަވާ ހެންވޭރު މެދު ދާއިރާގެ ކައުންސިލް މެމްބަރު އާދަމް ރަމީޒް މިއަދު "މިހާރު" އަށް ވިދާޅުވީ، ނަސަންދުރަ ކުރިމަތިން ލޯންޗު ފެރީތައް ފުރާ ގޮތަށް ހަމަޖެއްސި ނަމަވެސް، އެތަނަށް އެއްވެސް ލޯންޗެއް ގާތް ނުކުރާ ކަމަށާއި އެހެންވެ އެކަން ބަލަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު ވާނީ އެމްއެމްއޭ ކުރިމަތިން ލޯންޗު ފެރީތައް ފުރުމުގެ ހުއްދަ އަނެއްކާ ވެސް ދީފަ އެވެ. އެކަމަކު މިހާރު އެތަނަށް ވެސް ގާތްކުރަނީ ވަރަށް މަދު ލޯންޗެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ފޮރިން މިނިސްޓްރީ ކުރިމައްޗަށް ގާތްކޮށްފައި އޮތް ލޯންޗު ފެރީއަކުން ފުރަން ދިޔަ ބަޔަކު، ތޮއްޖެހިފައި އޮތް ޓްރެފިކް ތެރެއިން ލޯންޗަށް އަރަން ދަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ފޮރިން މިނިސްޓްރީ ކުރިމައްޗަށް ގާތްކޮށްފައި އޮތް ލޯންޗު ފެރީއަކުން ފުރަން ދިޔަ ބަޔަކު، ތޮއްޖެހިފައި އޮތް ޓްރެފިކް ތެރެއިން ލޯންޗަށް އަރަން ދަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

"ފޮރިން މިނިސްޓްރީ ކުރިމަތިން އެ އޮންނަ ހިސާބުން ފުރަން އެއްވެސް ލޯންޗަކަށް ހުއްދައެއް ނުދެން. ނަސަންދުރަ ކުރިމައްޗާއި އެމްއެމްއޭ ކުރިމަތިން ލޯންޗު ފެރީތަކަށް ލަފާފުރޭނީ،" ރަމީޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ސަރަހައްދުގެ ޓްރެފިކް ބާރުބޮޑުވާ ކަމުގެ ޝަކުވާ ކައުންސިލަށް ލިބޭތީ މިއަދު ވެސް އެ ސަރަހައްދަށް ކައުންސިލްގެ ޓީމެއް ގޮސް، ވެގެން އުޅޭ ގޮތް ބަލާފައިވާ ކަމަށެވެ. އަދިވެސް ލޯންޗުތައް ދުއްވާ ގިނަ ފަރާތްތަކަށް، ކައުންސިލުން ގެނައި ބަދަލު ސާފުނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން ކުރިން ބުނެފައި ވަނީ މިގޮތަށް ބަދަލު ގެންނަން ނިންމީ ވަރަށް ބޮޑަށް ދިރާސާކުރުމަށް ފަހުގައި ކަމަށާއި ނަސަންދުރަ ކުރިމަތިން ލޯންޗު ފެރީތައް ފުރާ ގޮތަށް ހަމަޖެއްސުމުން ދަތުރުވެރިންނަށް ވެސް ވަރަށް ބޮޑު ލުޔަކަށް ވާނެ ކަމަށެވެ.

ހަވީރު ލޯންޗު ފެރީތައް ފުރާ ގަޑީގައި، ބޮޑުތަކުރުފާނު މަގުގައި ފޮރިން މިނިސްޓްރީ ކުރިމަތީ ޓްރެފިކް ތޮއްޖެހިފައި.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ހަވީރު ލޯންޗު ފެރީތައް ފުރާ ގަޑީގައި، ބޮޑުތަކުރުފާނު މަގުގައި ފޮރިން މިނިސްޓްރީ ކުރިމަތީ ޓްރެފިކް ތޮއްޖެހިފައި.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ނަސަންދުރަ ކުރިމަތިން މިހާރު ލަފާ ފުރަނީ އެއާޕޯޓާއި ހުޅުމާލެއަށް ދާ މަދު ފެރީތަކެވެ. މަސްވެރިންގެ ޕާކާ ދިމާލުން ކުރިން އެ ފަޅު ތެރޭގައި ފެރީ ދޯނިތައް އަޅާފައި ބޭއްވިޔަސް، ލޯންޗު ފެރީތަކަށް އެ ސަރަހައްދު ހާއްސަކުރުމުން ސިޓީ ކައުންސިލުން މިދިޔަ ހަފުތާގައި ވަނީ އެތަނުން އެ ދޯނިތައް ނަގަން ވެސް އަންގައިފަ އެވެ. އެކަމަކު އަދިވެސް އެތަނުގައި އެ ދޯނިތައް ވެސް އޮވެ އެވެ.

އެމްއެމްއޭ ކުރިމަތިން ލޯންޗު ފެރީތައް ފުރުން ކުރިން މަނާކުރީ ބާރާޒުމަތި ސަރަހައްދަށް ވުމުން އެ ސަރަހައްދުގައި ކޮންމެ ދުވަހަކު ވެސް ޓްރެފިކް ބާރުބޮޑުވެ، އާންމުންނަށް އުނދަގޫތަކާ ކުރިމަތިވަމުން ދާތީ އެ މައްސަލަ ހައްލުކުރަން ކަމަށް ބުނެ އެވެ. ނަމަވެސް ބައެއް މީހުން ބުނަނީ އެމްއެމްއޭ ކައިރިން ލޯންޗްތައް ބޭނުންކުރާ ހިސާބަކީ އެއްކޮޅަށް ދުއްވޭ ގޮތަށް އޮންނަ ހިސާބަކަށް ވުމުން ކުރިމަތިވާ އުނދަގުލަށް ވުރެ، ނަސަންދުރާ ކައިރިން މާ އުނދަގޫވާނެ ކަމަށެވެ. އެއީ އެ ސަރަހައްދަކީ ހުޅުމާލެއަށް ދާ މީހުން ވެސް ހިމެނޭ ގޮތުން ގިނަ އަދަދެއްގެ ވެހިކަލް ދެކޮޅަށް ދުއްވާ ހިސާބަކަށް ވާތީ އެވެ.