Roadha Mihaaru
ޕާކިން ޒޯނުތައް ކުއްޔަށް ދޫކުރުން މަޑުޖައްސާލައިފި

ޕާކިން ޒޯންތައް ކުއްޔަށް ދޫކުރުން މަޑުޖައްސާލައިފި

09 ފެބުރުއަރީ 2021

މާލޭގެ ބައެއް މަގުތަކާއި ގޯޅިތަކުގައި ހުރި ޕާކިން ޒޯން ކުއްޔަށް ދޫކުރަން މާލެ ސިޓީ ކައުންސިލުން ކުރި އިއުލާން ބާތިލްކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މާލޭގެ ބައެއް މަގުތަކާއި ގޯޅިތަކުގައި ހުރި ޕާކިން ޒޯން ކުއްޔަށް ދޫކުރަން މާލެ ސިޓީ ކައުންސިލުން ކުރި އިއުލާން ބާތިލްކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން މިދިޔަ އާދީއްތަ ދުވަހު ކުރި އިއުލާނެއްގައި ބުނީ މަގުމަތީގައި ހުންނަ ޕާކިން ޒޯންތައް ކުއްޔަށް ދޫކުރުމުގެ މަސައްކަތް މަޑުޖައްސާލީ އެކަމާ ގުޅިގެން އިތުރަށް ކުރަންޖެހޭ ބައެއް މަސައްކަތް ހުރުމުން ކަމަށެވެ. އަދި ވީހާ ވެސް އަވަހަށް އެ ފުރުސަތު އަލުން ހުޅުވާލާނެ ކަމަށް ކައުންސިލުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި މަގުމަތީ ޕާކިން ޒޯންތައް ކުއްޔަށް ދިނުން މަޑުއްސާލީ އެކަމާ ގުޅޭ ގަވައިދަށް ބަދަލު ގެނައުމަށެވެ. މިހާރު ގަވައިދު އޮތް ގޮތުން މީހަކު ކުއްޔަށް ނަގާފައިވާ ޕާކިން ޒޯނެއްގައި އެހެން މީހަކު ޕާކު ކޮށްފި ނަމަ އެޅޭނެ ފިޔަވަޅެއް ނެތެވެ. އެހެންވެ ކައުންސިލުން އަންނަނީ ފުލުހުންނާ އެކު އެކަމާ ބެހޭ މަޝްވަރާތައް ކުރަމުންނެވެ.

ސިޓީ ކައުންސިލުން މިހާތަނަށް ކުއްޔަށް ދޫކުރަން ނިންމާފައި ވަނީ އަމީނީމަގާ ގުޅިފައި އޮތް 13 މަގާއި ގޯޅިއެކެވެ. އެ ގޯޅިތަކުން، ހަތަރު ފުރޮޅުލީ އުޅަނދުތަކަށް މިފަހަރު ދޫކުރާނީ 292 ޖާގަ ކަމަށާއި އެ ޒޯނުން ޖާގަ ދޫކުރަނީ، ކާރަށާއި 350 ކިލޯއިން ދަށުގެ ޕިކަޕަށް ކަމަށް ކައުންސިލުން ބުންޏެވެ.

މަގުމަތިިން ޕާކިން ސްލޮޓެއް ދޫކުރަނީ މަހަކު 1،500 ރުފިޔާއަށެވެ. އަދި ސްލޮޓްތައް ކުއްޔަށް ދޭނީ މާލޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށް ކަމަށް މާލެ ސިޓި ކައުންސިލުން ބުންޏެވެ. އަދި އެ ޖާގަތައް ގަތުމަށް ސިޓީ ކައުންސިލުން ވަނީ "ޕާކިން ޕޯޓަލް" އެއް ހަދައިފަ އެވެ.