Roadha Mihaaru
މާލޭގައި މީޓަރު ޕާކިން ސިސްޓަމް ތައާރަފުކުރަނީ

މާލޭގައި މީޓަރު ޕާކިން ސިސްޓަމް ތައާރަފުކުރަނީ

28 ޖުލައި 2021

މާލޭގައި މީޓަރު ޕާކިން ސިސްޓަމް ބަހައްޓަން ނިންމައި, އެ ހަރުކޮށްދޭނެ ބަޔަކު ހޯދުމަށް މާލޭ ސިޓީ ކައުންސިލުން މިރޭ އިއުލާންކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގައި މީޓަރު ޕާކިން ސިސްޓަމް ބަހައްޓަން ނިންމައި, އެ ހަރުކޮށްދޭނެ ބަޔަކު ހޯދުމަށް މާލޭ ސިޓީ ކައުންސިލުން މިރޭ އިއުލާންކޮށްފި އެވެ.

މީޓަރު ޕާކިން ސިސްޓަމަކީ ވަކި ތަނެއްގައި ވަކި ވަަގުތެއް ވަންދެން ވެހިކަލް ޕާކްކޮށްފައި ބޭއްވުމަށްޓަކައި ފައިސާ ދެއްކުމަށް މަގުމަތީގައި ބަހައްޓާފައި ހުންނަ މެޝިނެކެވެ. މިއީ ރާއްޖެ އަށް މުޅިން އަލަށް ތައާރަފުކުރާ ހިދުމަތެކެވެ.

މި ހިދުމަތާ ގުޅޭ އިތުރު މައުލޫމާތު ސިޓީ ކައުންސިލުން އަދި ހިއްސާކޮށްފައެއް ނުވެ އެވެ.

މި މީޓަރުތައް ބަހައްޓަން ޝައުގުވެރިވާ ފަރާތްތަކަށް ވަނީ އެ މަސައްކަތް ކުރަން ފުރުސަތު ހުޅުވާލައިފަ އެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހު 19 ގައި މި ހިދުމަތާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ފަހު، ސެޕްޓެމްބަރު 19 ގައި ސިޓީ ކައުންސިލަށް އަގު ހުށަހަޅަން ޖެހެ އެވެ.

މާލެ އަށް ދިމާވެފައިވާ ޕާކްކުރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން މާލޭގެ އެކި ސަރަހައްދުތަކުން ކުއްޔަށް ޕާކިން ޖާގަ ހޯދަން ބޭނުންވާ މީހުންނަށް އޮތީ އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމަ އަށް އެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ. އަދި ޕާކް ކުރުމަށް 211 ޖާގައެއް ކުއްޔަށް ދޫކުރަން ވަނީ ނިންމައިފަ އެވެ.