Roadha Mihaaru
ޕެލެޓް ނަގަން ފެށުން ހޮނިހިރަށް ފަސްކޮށްފި

ޕެލެޓް ނަގަން ފެށުން ހޮނިހިރު ދުވަހަށް ފަސްކޮށްފި

09 މާޗް 2022

މާލޭގެ އެކި މަގުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ ޕެލެޓްތައް ނެގުމުގެ މަސައްކަތް ފަށާނީ އަންނަ ހޮނިހިރު ދުވަހު ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގެ އެކި މަގުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ ޕެލެޓްތައް ނެގުމުގެ މަސައްކަތް ފަށާނީ އަންނަ ހޮނިހިރު ދުވަހު ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

ގަރާޖާއި ގުދަނާއި ފިހާރަތައް ހިންގާ ފަރާތްތަކަށް ފުރުސަތު ދިނުމަށް ފަހު، މާލޭގެ އެކި މަގުތަކުގައި ބަހައްޓާފައިވާ ޕެލެޓްތައް މިއަދުން ފެށިގެން ނަގަން ސިޓީ ކައުންސިލުން ކުރިން އޮތީ ނިންމައިފަ އެވެ.

އެކަމަކު ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް މަރިޔަމް ޝިއުނާ "މިހާރު" އަށް ވިދާޅުވީ ޕެލެޓްތައް ނަގަން ދީފައިވާ މުއްދަތު މިއަދަށް ހަމަވި ނަމަވެސް، ކައުންސިލުން މިހާރު ނިންމާފައި ވަނީ ހޮނިހިރު ދުވަހުން ފެށިގެން ރަސްމީކޮށް އެ މަސައްކަތް ފަށަން ކަމަށެވެ.

ގަރާޖު، ގުދަން، ވޯކްޝޮޕް އަދި ފިހާރަ ފަދަ ތަންތަނުގެ ކުރިމަތީގައި ޕެލެޓް ބަހައްޓައިގެން ޕާކިން ޒޯންތައް ބްލޮކްވާ ގޮތަށް މަސައްކަތް ކުރަމުންދާ ފަރާތްތަކުން ހުށަހެޅުމުން ޕާކްކުރުން މަނާކަން އަންގައިދޭ "ޑަބަލް ލައިން" އެ ތަނުގައި ކުރަހައިދޭނެ ސިޓީ ކައުންސިލުން ވަނީ ނިންމައިފަ އެވެ.

ލަކުޑި ގުދަނެއް ކުރިމަތީގައި ޕާކް ނުކުރެވޭ ގޮތަށް ބަހައްޓާފައި ހުރި ޕެލެޓްތަކެއް.-- ފައިލް ފޮޓޯ: ނިޝާން އަލީ / މިހާރު

ލަކުޑި ގުދަނެއް ކުރިމަތީގައި ޕާކް ނުކުރެވޭ ގޮތަށް ބަހައްޓާފައި ހުރި ޕެލެޓްތަކެއް.-- ފައިލް ފޮޓޯ: ނިޝާން އަލީ / މިހާރު

"ވަކި ކަމަކަށް އިމާރާތް ބޭނުންކުރުމުގެ ހުއްދަ" އަށް އެދި މިއަދާ ހަމަ އަށް ސިޓީ ކައުންސިލަށް ހުށަހެޅުމުން "ޑަބަލް ލައިން" ކުރަހައިދޭ ގޮތަށް ވެސް އޮތީ ހަމަޖައްސައިދީފަ އެވެ. ނަމަވެސް، އެގޮތަށް ހުށަހެޅި ފަރާތްތަކުގެ އަދަދެއް އަދި ނޭނގެ އެވެ.

ސިޓީ ކައުންސިލް ބުނީ މުދާ އަރުވައި ބޭލުމަށް ޕާކިން ޒޯންތަކުގައި ޕެލެޓް ބަހައްޓާފައިވާ ސަރަހައްދުތައް ޗެކް ކުރުމަށް ފަހު، އެ ސްލޮޓް ހަމަޖައްސައިދޭނީ ކުލި ދައްކަން ޖެހޭ ގޮތަށެވެ. ކައުންސިލުން ދިން މުއްދަތުގައި ހުއްދަ ނުހޯދައި ޕާކިން ޒޯންތަކުގައި ޕެލެޓް ބަހައްޓާ ނަމަ، އެ އެއްޗެހި ނަގާނެ ކަމަށް ވެސް ބުންޏެވެ.

މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ކައުންސިލްގެ އަމާޒަކީ ރޯދަ މަސް ފެށެންވާއިރަށް މާލެތެރެއިން ޕެލެޓުތައް ނެގުން ކަމަށެވެ.

އެހެން އުޅަނދުތައް ޕާކް ނުކުރެވޭ ގޮތަށް ގަރާޖާއި ފިހާރަތަކުގެ ދޮރުމަތީގައި ޕެލެޓްތައް ބަހައްޓައި، ބަންދުކޮށްފައި ހުންނަ މައްސަލަ އަބަދު ވެސް ވަރަށް ބޮޑެވެ. މި ފަހުން އެ މައްސަލަ ބޮޑުވެ، އާންމުންގެ ފާޑުކިޔުން ބޮޑުވީ އެކަމާ ގުޅޭ ގޮތުން "މިހާރު" އިން ގެނެސްދިން ފޮޓޯ ސްޓޯރީ އަށް ފަހު އެވެ.