Roadha Mihaaru
ލަތާ މަރުވުމުން އިންޑިއާގެ ސަރުކާރު ބަންދު

ލަތާ މަރުވުމުގެ ހިތާމައިގައި އިންޑިއާގެ ސަރުކާރު ބަންދުކޮށްފި

07 ފެބުރުއަރީ 2022

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ، އަދި މިއުޒިކީ ދާއިރާގެ ލެޖެންޑް ލަތާ މަންގޭޝްކަރު އިއްޔެ މަރުވުމާ ގުޅިގެން އެ ގައުމުގެ ދިދަ ބައިދަނޑިއަށް ތިރިކޮށް، އެ ހިތާމާގައި ބައިވެރިވުމަށް މި ހަފުތާގެ ބައެއް ދުވަސްތައް އެކި ސްޓޭޓްތަކުގައި ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި އެވެ.

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ، އަދި މިއުޒިކީ ދާއިރާގެ ލެޖެންޑް ލަތާ މަންގޭޝްކަރު އިއްޔެ މަރުވުމާ ގުޅިގެން އެ ގައުމުގެ ދިދަ ބައިދަނޑިއަށް ތިރިކޮށް، އެ ހިތާމާގައި ބައިވެރިވުމަށް މި ހަފުތާގެ ބައެއް ދުވަސްތައް އެކި ސްޓޭޓްތަކުގައި ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި އެވެ.

އިންޑިއާގެ އެކި ސްޓޭޓްތަކުން ވަނީ ސަރުކާރު ބަންދުކުރަން ނިންމާފައިވާ ކަން އިއުލާންކޮށްފަ އެވެ.

އުމުރުން 92 އަހަރުގައި ލަތާ މަރުވީ ކޮވިޑާ އެކު، ނިއުމޯނިއާ ޖެހިގެން ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަނިކޮށެވެ. އޭނާ އައިސީޔޫގައި އެޑްމިޓްކުރީ މިދިޔަ މަހު ކުރީކޮޅެވެ.

އިންޑިއާގެ މަހަރާސްތުރާ ސްޓޭޓްގެ ސަރުކާރުން ވަނީ މިއަދަކީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފަ އެވެ. ރަސްމީ އިއްޒަތުގައި އިއްޔެ ލަތާގެ ޖަނާޒާ ވެސް ބޭއްވީ އެ ސްޓޭޓުގެ ސިޓީއެއް ކަމަށްވާ މުމްބާއީގަ އެވެ. އެ ޖަނާޒާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އިންޑިއާގެ މަޝްހޫރު އެކްޓަރުންނާއި ލަވަކިޔުންތެރިން ވެސް ލަތާގެ އާއިލާއާ އެކު މި ޖަނާޒާގައި ބައިވެރިވި އެވެ.

އިންޑިއާގެ އެހެން ބައެއް ސްޓޭޓްތައް ކަމަށްވާ ވެސްޓް ބެންގަލްގައި މިއަދު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވާ އިރު، މަދިޔަ ޕްރަދޭޝް، ކަރްނާޓާކާ، ސިކިމް އަދި ޗައްޓީގަރުގައި މިއަދާއި މާދަމާ އަކީ ވެސް ބަންދު ދުވަހެއް ކަމަށް ވަނީ އިއުލާންކޮށްފަ އެވެ. އަދި ގޯއާގައި ކުރިއަށް އޮތް ތިން ދުވަހު ވެސް ސަރުކާރު ބަންދުވާނެ އެވެ.

ބޮލީވުޑްގެ އެތައް ޖީލަކަށް ލަވަތައް ކިޔައިދީފައިވާ ލަތާ އަކީ، މުޅި ދުނިޔެ ވެސް ދަންނަ މަޝްހޫރު ލަވަކިޔުންތެރިއެކެވެ. އޭނާ އަކީ، އިންޑިއާގައި އެންމެ އިހުތިރާމް ލިބިފައިވާ ލަވަކިޔުންތެރިޔާ ވެސް މެ އެވެ.

އިންޑިއާގެ "ރަންއަޑުގެ ވެރިޔާ" ގެ ނަމުން މަޝްހޫރު، އަދި އެ ފަންނާކަކަށްޓަކައި މުޅި އިންޑިއާ ފަހުރުވެރިވާ ލަތާ އަކީ އެތައް ހާސް ލަވައެއް ކިޔާފައިވާ އިންޑިއާގައި އުފެދުނު އެންމެ މޮޅު އެއް އަންހެން ލަވަކިޔުންތެރިޔާ އެވެ.