Roadha Mihaaru
ރިއާނާ ބޭނުންވަނީ އަނެއްކާވެސް އިންޑިއާ އަށް ދާން

ރިއާނާ ބޭނުންވަނީ އަނެއްކާވެސް އިންޑިއާ އަށް ދާން

04 މާޗް 2024

އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ހަގު ދަރިފުޅު އަނަންތު އަމްބާނީގެ ކައިވެނީގެ ހަފުލާތައް ފެށުމުގެ ގޮތުން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ޕާޓީގައި ޕާފޯމްކުރި ބާބޭޑޯސްގެ ލަވަކިޔުންތެރިޔާ ރިއާނާ އަނެއްކާވެސް އިންޑިއާ އަށް ދާން ބޭނުންވާ ކަމަށް އޭނާ ބުނެފި އެވެ.

މިއީ ރިއާނާ އިންޑިއާ އަށް ދިޔަ ފުރަތަމަ ފަހަރެވެ.

އިންޑިއާގެ ޖާމްނަގަރުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ޝޯ އަށް ފަހު ރިއާނާ ވަނީ އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ މެލިސާ ފޯޑްއާ އެކު އިންސްޓަގްރާމް ލައިވްއަކަށް އަރައިފަ އެވެ.

އެ ލައިވްގައި ރިއާނާ ބުނި ގޮތުގައި، އޭނާ ޝޯ ނިންމައިފައި އިންޑިއާ އިން ފުރީ ދާ ހިތަކުން ނޫނެވެ. އޭނާ ދިރިއުޅެނީ އެމެރިކާގަ އެވެ.

"އިންޑިއާގައި އަހަރެން ވަރަށް މަޖާކޮށްފިން. އަހަންނަށް ލިބުނީ އެންމެ ދެ ދުވަސް. ކުދިން ކައިރިއަށް ދާން ޖެހޭތީ އެކަނި އަނބުރާ މި ދަނީ... ބޭނުން އަނެއްކާވެސް އިންޑިއާއަށް އަންނަން،" އޭނާ ބުންޏެވެ.

އެ ރޭ ބޭއްވި ޝޯގައި ރިއާނާ ވަނީ ފޯރިގަދަ ހުށަހެޅުންތަކެއް ހުށަހަޅައިފަ އެވެ. އޭނާއާ އެކު ބޮލީވުޑްގެ ތަރިން ވެސް ނަށާ މަންޒަރު ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯތަކުން ފެނެ އެވެ.

ރިއާނާ ފުރަން އެއާޕޯޓަށް ދިއުމުން އިންޑިއާގެ ޕަޕަރާޒީން ވަނީ އޭނާ ވަށާލައިފަ އެވެ. އަދި އެމީހުންނާ އެކު ވެސް ރިއާނާ ވަނީ ވަރަށް މަޖާކޮށް، ފޮޓޯތައް ވެސް ނަގައިފަ އެވެ. އެ ފޮޓޯތަކަށް އާންމުންގެ ބޮޑު ސަމާލުކަމެއް ވެސް ލިބުނެވެ.

އަނަންތު އަމްބާނީ، 28، އާއި އޭނާގެ ޒަމާންވީ ލޯބިވެރިޔާ ރާދިކާ މާޗެންޓް، 29، ކައިވެނި ކުރަނީ އަންނަ ޖުލައި މަހު އެވެ. ނަމަވެސް، އެމީހުންގެ ކައިވެނީ ހަފުލާތައް ފަސް މަސްދުވަސް ކުރިން މި ވަނީ ފަށައިފަ އެވެ. އެމީހުން ވަނީ މިދިޔަ ހަފުތާ ބަންދުގައި ޖާމްނަގަރުގައި ދެ ރޭ މަތިން ބޮޑު ޕާޓީއެއް ބާއްވައިފަ އެވެ.