Roadha Mihaaru
ޑޮލަރު ވިއްކި ބިދޭސީ އަތުން ގިނަ އަދަދެއްގެ ބޭރުފައިސާ

ޑޮލަރު ވިއްކި ބިދޭސީއެއްގެ އަތުން ގިނަ އަދަދެއްގެ ބޭރު ފައިސާ ފެނުނު: ފުލުހުން

21 ޖެނުއަރީ 2022

ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމުގެ މުއާމަލާތެއްގެ ތެރެއިން ފުލުހުން ހައްޔަރުކުރި ބިދޭސީމީހާގެ އަތުން ގިނަ އަދަދެއްގެ ބޭރު ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމުގެ މުއާމަލާތެއްގެ ތެރެއިން ފުލުހުން ހައްޔަރުކުރި ބިދޭސީމީހާގެ އަތުން ގިނަ އަދަދެއްގެ ބޭރު ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

ޑޮލަރު މާރު ކުރުމަށް ފަހު، އޭޓީއެމަށް ޖަމާކުރަން ހުއްޓާ މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކުރި އެމްޑީ މަނިކް މިއާ ނަމަކަށް ކިޔާ ބަންގްލާދޭޝްގެ އެ މިހާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރުކުރުމަށް ފަހު، ފުލުހުން ވަނީ އިތުރު ހެކި ހުށަހަޅައިފަ އެވެ.

އޭގެ ތެރޭގައި ޑޮލަރު އޭޓީއެމް ސަރަހައްދުން އޭނާ ހިފަހައްޓައި، ބަލައި ފާސްކުރި އިރު، ގިނަ އަދަދެއްގެ ޑޮލަރާއި ކެނޭޑިއަން ޑޮލަރާއި ރަޝިއަން ރުބެލް އާއި ޔޫރޯ އަދި ދިވެހި ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެއީ ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރާ މީހެއް ކަން ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުން އެނގޭ ކަމަށް ވެސް ފުލުހުން ކޯޓުގައި ބުންޏެވެ.

އޭނާ އިތުރު 10 ދުވަހަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމުގެ ހުއްދަ ވެސް ކޯޓުން މިއަދު ފުލުހުންނަށް ދިނެވެ.

މަނިކް މިއާ އަކީ ބޭރު ފައިސާ ގަނެވިއްކާ މީހެއް ކަމަށް ފުލުހުން ބުންޏަސް އޭނާ ކޯޓުގައި ވަނީ އެކަމާ އިންކާރުކޮށްފަ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ރާއްޖޭގައި ބޭރު ފައިސާގެ ކަޅު ބާޒާރުގައި އިސްކޮށް އުޅޭ ކަމަށް ތުހުމަތު ކުރެވޭ ހަތަރު ބިދޭސީއަކު ހައްޔަރުކޮށް ދުވަހަކު ވެސް ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓްކޮށްފަ އެވެ. ބަންގްލަދޭޝްގެ އެ ހަތަރު މީހުންނަކީ ރޮބީއުﷲ 29، އާއި މުހައްމަދު ފިރުދައުސް 31، އާއި މުހައްމަދު އިގްބާލު ހޮސައިނާއި ޝޮހެލް އެވެ.

މި މީހުންގެ ތެރޭގައި ޑޮލަރުގެ ކަޅު ބާޒާރުގައި އަގު ކަނޑައެޅުމުގައި އުޅޭ މީހުން ވެސް ހިމެނޭ ކަމަށް ވެ އެވެ.