Roadha Mihaaru
އެއްވަނައިގައި ފައިނަަލަށް ދިއުމުން އިތުބާރު ބޮޑުވެއްޖެ

އެއްވަނައިގައި ފައިނަަލަށް ދިއުމުން އިތުބާރު ބޮޑުވެއްޖެ: ކުޑަހީނާ

20 ޖެނުއަރީ 2022

އެއްވަނައިގައި ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލަށް ދިއުމުން، ކްލަބް ވެލެންސިއާގެ ޓީމަށް އިތުބާރު ބޮޑުވެއްޖެ ކަމަށް އެ ޓީމުގެ ކޯޗު އިސްމާއީލް އާސިފް (ކުޑަހީނާ) ބުނެފި އެވެ.

އެއްވަނައިގައި ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލަށް ދިއުމުން، ކްލަބް ވެލެންސިއާގެ ޓީމަށް އިތުބާރު ބޮޑުވެއްޖެ ކަމަށް އެ ޓީމުގެ ކޯޗު އިސްމާއީލް އާސިފް (ކުޑަހީނާ) ބުނެފި އެވެ.

ރ. އަލިފުށީގައި ކުޅޭ ފައިނަލްގެ ޖާގަ އެންމެ ފުރަތަމަ ކަށަވަރުކުރީ ވެލެންސިއާ އިންނެވެ. މާޒިޔާއާ ދެކޮޅަށް ރޭ ކުޅުމުގެ ކުރިން ވެލެންސިއާ އަށް ފައިނަލްގެ ޖާގަ ކަށަވަރުވީ އިއްޔެ ހަވީރު، ކްލަބް އީގަލްސް އަތުން ގްރީން ސްޓްރީޓްސް ބަލިވުމުންނެވެ. މާޒިޔާ ބަލިކޮށް ވެލެންސިއާ އިން ވަނީ ގުރޫޕްގެ އެއްވަނަ ރޭ ކަށަވަރުކޮށްފަ އެވެ. އަދި މާޒިޔާ ފައިނަލަށް ދިޔައީ ލަނޑުގެ ފައިދާއިން ގްރީން އަށް ވުރެ ކުރި ލިބުމުންނެވެ.

ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ އިން ވެލެންސިއާ ބަލިކުރީ 5-0 ގެ ބޮޑު ނަތީޖާ އަކުންނެވެ. އެކަމަކު ރޭ ކުޅުނު މެޗުގައި ވެލެންސިއާ ކައިރީގައި މާޒިޔާ އަށް ކުރީގެ ކުޅުމެއް ނުދެއްކުނެވެ.

"ވަރަށް ގިނަ މީހުން އަހަރެން ކައިރީގައި ވެސް ބުނި މާޒިޔާ ބަލި ކުރަން އުނދަގޫވާނެޔޭ. އެކަމަކު އަހަރެމެން ކުޅެން ބޭނުންވާ ގޭމް އަހަރެމެންނަށް ކުޅެވުނު،" ހީނާ ބުންޏެވެ.

"އަހަރެމެންނަށް އެނގޭ އޯޕަން ޗާންސްތަކެއް އުފައްދަން ފުރުސަތު ނުދީފިއްޔާ އަހަރެމެން ބޭނުންވާ ގޭމް ކުޅެގެން މޮޅު ވެވޭނެކަން. މެޗު ބެލި ބަޔަކަށް ވިއްޔާ އެނގޭނެ ވެލެންސިއާ ބޭނުންވާ ގޭމް ކުޅެގެންކަން ވެލެންސިއާ މެޗުން މި މޮޅުވީ. އެއްވަނައިގައި ފައިނަލަށް ދެވުމުން ޓީމުގެ ރޫހް ރަނގަޅުވެއްޖެ."

ރޭގެ މެޗުގެ އެންމެ ފަހު ވަގުތު ވެލެންސިއާއިން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ އެޓީމުގެ އަހްމަދު ސިޒާން (ސިއްޕެ) އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. ފައިނަލަށް އޭނާ ސަސްޕެންޑްވުމުން، އެ މަގާމު ފޫބެއްދުމަށް ހައްލުތަކެއް ހޯދޭނެ ކަމަށް ހީނާ ބުންޏެވެ.

"މިހާރު ވެސް މިދަނީ އެތަން ރިޕްލޭސް ކުރާނެ ގޮތަކާ މެދު ވިސްނަމުން،" 2016 ގެ އެފްއޭ ކަޕްގެ ޗެމްޕިއަންކަން ވެލެންސިއާ އަށް ހޯދައިދިން ކޯޗު ބުންޏެވެ.

ލީޑު ފުޅާކުރަން ވެލެންސިއާ އަށް ޕެނަލްޓީއެއް ވެސް ލިބުނެވެ. އެކަމަކު ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ޕެނަލްޓީ މާޒިޔާގެ ކީޕަރު ކިރަން ޝެމެޝޮން ހުއްޓުވި އެވެ. ހީނާ ބުނީ ސެންޓޭ ޕެނަލްޓީ ވައްދާލި ނަމަ ވެލެންސިއާ އަށް ނަތީޖާ ތަފާތު ކުރެވުނީސް ކަމަށެވެ.

"ވަރަށް ރަނގަޅަށް ޕެނަލްޓީ ވައްދާލައި މީހެއް ސެންޓޭއަކީ. އާންމުކޮށް ގޯލްގެ މަތީ ކަނަށް ޕެނަލްޓީ ޖަހާ މީހަކު ތިރިން ޖެހީ ކީއްވެބާއެއް އަހަރެން ވެސް ހިތަށް އެރި،" ހީނާ ބުންޏެވެ. "އެ ޕެނަލްޓީ ވައްދާލިނަމަ އިތުރު ގޯލްތަކެއް ޖަހަން ވެސް ފުރުސަތު ހޯދުނީހޭ އަހަރެން ބުނާނީ."

އަލިފުށީގައި ފައިނަލް މެޗު ކުޅޭނީ އަންނަ އާދިއްތަ ދުވަހުގެ ހަވީރު އެވެ.