Roadha Mihaaru
ފާޑުކިޔާތީ ހަތް ކްލަބަކުން "މިހާރު" ބޮއިކޮޓްކޮށްފި

ފުޓްބޯޅައަށް ފާޑުކިޔާތީ ހަތް ކްލަބަކުން "މިހާރު" ބޮއިކޮޓްކޮށްފި

23 ޑިސެމްބަރ 2021

"މިހާރު" ނޫހުގައި ފުޓްބޯޅައަށް ގެއްލުންވާ ގޮތަށް ލިޔާ ކަމަށް ބުނެ، ފުރަތަމަ ޑިވިޝަންގެ އަށް ކްލަބްގެ ތެރެއިން، ހަތް ކްލަބަކުން މިއަދުގެ ޕްރެސް ކޮންފަރެންސް ބައިކޮޓް ކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

"މިހާރު" ނޫހުގައި ފުޓްބޯޅައަށް ގެއްލުންވާ ގޮތަށް ލިޔާ ކަމަށް ބުނެ، ފުރަތަމަ ޑިވިޝަންގެ އަށް ކްލަބްގެ ތެރެއިން، ހަތް ކްލަބަކުން މިއަދުގެ ޕްރެސް ކޮންފަރެންސް ބައިކޮޓް ކޮށްފި އެވެ.

ޕްރެޒިޑެންޓް ކަޕްގައި، މާދާމާ އާއި ހޮނިހިރު ދުވަހު ކުޅެން ހަމަޖެހިފައިވާ މެޗުތަކުގެ ޕްރީ މެޗް ޕްރެސް ކޮންފަރެންސަށް ހާޒިރުވެ، މީޑިއާ އަށް މައުލޫމާތު ދިނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗް އިސްމާއީލް މަހްފޫޒް (އިންމަ) އެކަންޏެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކެރެޓަރީ ހުސައިން ޖަވާޒު (ޖަވާ) ވެސް ވަޑައިގެން ހުންނެވި، ޕްރެސް ރޫމް ހޯލަށް ވަދެ ޕްރެސް ބޮއިކޮޓް ކުރާނެ ކަމަށް، އެންމެ ފުރަތަމަ އެންގީ މާޒިޔާއިންނެވެ. ޕްރީ މެޗު ޕްރެސް އަށް ހާޒިރުވެ، މާޒިޔާގެ މީޑިއާ އޮފިޝަލް ބުނީ، "މިހާރު" ނޫސް ބައިވެރިވާ އެއްވެސް ޕްރެސްއެއްގައި ބައިވެރިނުވުމަށް، ކްލަބްގެ މެނޭޖުމެންޓުން ނިންމާފައިވާ ކަމަށެވެ. އޮފިޝަލް ބުނީ، މާޒިޔާ އިން އެގޮތަށް ނިންމީ ހަގީގަތާ ހިލާފަށް ޚަބަރު ފަތުރައި ފުޓްބޯޅަ އަށް ގެއްލުންވާ ގޮތަށް އަމަލުކުރަމުން ދާތީ ކަމަށެވެ.

މާޒިޔާ އަށް ފަހު ފަހަރަކު ކްލަބަކުން ދިޔައީ މިއަދުގެ ޕްރެސް ކޮންފަރެންސްގއި ބައިވެރި ނުވާނެ ކަމަށް އަންގައިފަ އެވެ. ހުރިހާ ކްލަބަކުން ސަބަބެއްގެ ގޮތުގައި ދެއްކީ ވެސް އެއް ސަބަބެކެވެ. ޔުނައިޓެޑް ވިކްޓަރީން ޕްރެސް ބޮއިކޮޓް ކުރިކަން، އެ ކްލަބްގެ މެނޭޖްމެންޓުން އެންގީ، އެ ޓީމުގެ ކޯޗު އިހްސާން އަބްދުލް ގަނީ (ސާންތީ) ޕްރެސް ހޯލަށް ވަން ފަހުންނެވެ. ދަ ގްރާންޑޭއިން ޕްރެސް ބޮއިކޮޓް ކުރިކަން އެންގީ، އެ ޓީމުގެ ކޯޗް އަހުމަދު ނާޝިދު (ނާދު) ޕްރެސް ހޯލްގެ ދޮރުމަތީގައި ހުއްޓަ އެވެ.

އެނގިފައިވާ ގޮތުގައި "މިހާރު" ނޫހުން ކުޅިވަރު ޚަބަރުތަކުގެ ސުރުހީ ގެންނަ ގޮތާއި "މިހާރު" ގައި ކުޅިވަރާ ބެހޭ ގޮތުން ސްޕޯޓްސް މިނިސްޓްރީގެ ކުރީގެ ވެރިއެއް އަދި ކުޅިވަރުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި، އެ ދާއިރާގެ ތަޖުރިބާކާރު ބޭފުއް ކަަމަށްވާ ހާމިދު އަބްދުލްޣަފޫރު ލިޔުއްވާ ކޮލަމާ މެދު ވެސް އެ ކްލަބްތަކުން ހިތްހަމައެއް ނުޖެހެ އެވެ.

ފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި ކުޅިވަރުގެ އެކި ދާއިރާތަކުގައި އަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިގެންފައިވާ ހާމިދު ގެންދަވަނީ ރާއްޖޭގެ ފުޓުބޯޅައާ އާއި އެފްއޭއެމްގައި ހުރި މައްސަލަތަކާ ގުޅޭ ގޮތުން ކޮންމެ ހަފުތާއެއްގެ ބުދަ ދުވަހު "މިހާރު" ގައި ކޮލަމެއް ލިޔުއްވަމުންނެވެ.

ހާމިދަކީ ސްޕޯޓްސް މިނިސްޓްރީގެ ސްޕޯޓްސް ޑައިރެކްޓަރު ކަމާއި އެފްއޭއެމްގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

"މިހާރު" ނޫސް ބައިވެރިވާތީ ޕްރެސް ބޮއިކޮޓް ކުރި ކްލަބްތައް

- މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން

- ޓީސީ ސްޕޯޓްސް ކްލަބް

- ކްލަބް ވެލެންސިއާ

- ކްލަބް އީގަލްސް

- ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް

- ކްލަބް ގްރީން ސްޓްރީޓް

- ޔުނައިޓެޑް ވިކްޓަރީ