Roadha Mihaaru
މުއިއްޒުގެ ވާހަކަތައް އެންސީޓީސީން ދޮގުކޮށްފި

ސަލްމާން މިސްކިތަށް ކައުންޓަ ޓެރަރިޒަމް ސެންޓަރު ބަދަލުކުރަން އުޅޭ ވާހަކަ ދޮގުކޮށްފި

11 ޖެނުއަރީ 2022

ކިންގް ސަލްމާން މިސްކިތަށް، ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ބަދަލުކުރަން އުޅޭ ކަމަށް ވިދާޅުވެ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަ އެ ސެންޓަރުން މިއަދު ދޮގުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކިންގް ސަލްމާން މިސްކިތަށް، ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ބަދަލުކުރަން އުޅޭ ކަމަށް ވިދާޅުވެ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަ އެ ސެންޓަރުން މިއަދު ދޮގުކޮށްފި އެވެ.

ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި މުއިއްޒު ރޭ ވިދާޅުވީ، ސަލްމާން މިސްކިތުގައި ގުރުއާނާ ބެހޭ މަރުކަޒަށް ދޭން އޮން ޖާގަ އަށް މިސްކިތާ ނުވެސް ގުޅޭ ކައުންޓާ ޓެރަރިޒަމްގެ ސެންޓަރު ބަދަލުކުރަން އުޅޭ ކަމުގެ މައުލޫމާތު ސަރުކާރުގެ ބައެއް އިދާރާތަކުގެ ތެރެއިން އޭނާ އަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.

އެކަމަކު މޭޔަރުގެ މި ވާހަކަ ދޮގުކުރައްވައި، އެންސީޓީސީގެ ޑިރެކްޓަ ޖެނެރަލް ޒަކަރިއްޔާ މަންސޫރު "މިހާރު" އަށް ވިދާޅުވީ އެފަދަ ނިންމުމެއް އަދި މަޝްވަރާއެއް ވެސް އެއްވެސް ލެވެލެއްގައި މިހާތަނަށް ކޮށްފައި ނުވާ ކަމަށެވެ. އެއީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން ކަމަށް ވިދާޅުވި އެވެ.

"އެއީ ހަމަ ކަނޑައެޅިގެން ދޮގެއް. ޓެރަރިޒަމްގެ ކަންކަން ބަލަހައްޓާ ސެންޓަރަކާއި މިސްކިތަކާ ގުޅުވައިގެން މިފަދަ ދޮގު ވާހަކަތައް އާންމުންގެ ތެރޭގައި ނުތަނަވަސް ކަން އުފެދޭ ފަދަ ގޮތަކަށް ދެއްކުމަކީ ވަރަށް ދެރަ ކަމެއް،" ސިފައިންގޭގައި 37 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު، ޑިސެމްބަރު 9، 2021 ގައި ރިޓަޔާ ކުރައްވާފައިވާ ކުރީގެ ބްރިގޭޑިއާ ޖެނެރަލް ވިދާޅުވި އެވެ.

އެންސީޓީސީ މިހާރު ހިންގަމުން އަންނަނީ ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށީގަ އެވެ.

މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ޖަލްސާއެއްގައި ވާހަކަދައްކަވަނީ.-- ފައިލް ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ޖަލްސާއެއްގައި ވާހަކަދައްކަވަނީ.-- ފައިލް ފޮޓޯ: މާލެ ސިޓީ ކައުންސިލް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އިމާރާތް ކުރަން ފެށި ސަލްމާން މިސްކިތް ހުޅުވުން ލަސްވުމާ ގުޅިގެން، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، މުއިއްޒު ރޭ ވިދާޅުވީ މާލޭގައި ހުންނަ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ އިމާރާތް މިހާރު ހުރީ "ބޮލަށް ވެއްޓޭ" ހިސާބުގައި ކަމަށާއި ސަލްމާން މިސްކިތަށް ބަދަލުކުރަން އެންމެ ރަނގަޅު ވާނީ އެ މަރުކަޒު ކަމަށެވެ. އެކަމަކު އޭގެ ބަދަލުގައި އެންސީޓީސީ އެތަނަށް ބަދަލުކުރަން އުޅޭ ތުހުމަތު ކުރެއްވި އެވެ.

"އިސްލާމީ ބިނާއެއްގެ ތެރޭގައި ހިނގަން ނުޖެހޭ އެތައް ކަމެއް އެތާ ހިނގާނެ ކަން ނޭނގޭ. އެއީ ވަރަށް ނުބައި މަގްސަދެއްގެ ތެރޭގައި ނޫނީ ނުވާނެ ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،" އޭނާ ވިދާޅުވި އެވެ.

ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ކަމާ ގުޅުން ހުރި އިދާރާތައް ގުޅިގެން މަސައްކަތްކުރާ މައި ހަބް، ޖޮއިންޓް އިންޓަ އޭޖެންސީ އޮޕަރޭޝަން ސެންޓަރު (ޖަޔޮކް) ވެސް މިދިޔަ މަހު ވަނީ ހުޅުވައިފަ އެވެ. ގައުމީ ސަލާމަތަށް ނުރައްކާވާ ހާލަތްތަކުގައި، ހުރިހާ މުއައްސަސާއެއް ގުޅިގެން މަސައްކަތްކުރާނެ މި ސެންޓަރު ވެސް ގާއިމު ކޮށްފައި ވަނީ ބަންޑާރަކޮށީގަ އެވެ.