Roadha Mihaaru
ހަރުކަށިފިކުރު މީހުންގެ މައުލޫމާތު ހިއްސާކުރަން އެދިއްޖެ

ހަރުކަށި ފިކުރު ފަތުރާ މީހުންގެ މައުލޫމާތު ހިއްސާކޮށްދޭން އެދިއްޖެ

24 ޑިސެމްބަރ 2019

ހަރުކަށި ފިކުރު ފަތުރާ މީހުންގެ މައުލޫމާތު ސަލާމަތީ ހިދުމަތްތަކަށް ފޯރުކޮށްދިނުމަށް ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން މިރޭ އެދިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހަރުކަށި ފިކުރު ފަތުރާ މީހުންގެ މައުލޫމާތު ސަލާމަތީ ހިދުމަތްތަކަށް ފޯރުކޮށްދިނުމަށް ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން މިރޭ އެދިއްޖެ އެވެ.

ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރަން އުފައްދާފައިވާ ސެންޓަރުން މިގޮތަށް އެދުނީ، މުޅި ރާއްޖޭގެ ސަލާމަތީ ފިޔަޅުތައް ސިފައިން މިރޭ ވަރުގަދަކޮށްފައި ވަނިކޮށެވެ. އެމްއެންޑީއެފުން ވަނީ އެލާޓް ސްޓޭޓަސް މައްޗަށް ޖައްސައި "ޔެލޯ 2" އަކަށް ބަދަލުކޮށްފަ އެވެ. މި އެލާޓް ނެރެނީ، ގައުމުގެ ސުލްހަމަސަލަސްކަމާއި އަމަންއަމާންކަމަށް ބުރޫއަރާ ފަދަ ކަމަކާ ކުރިމަތިވާނެ ކަމަކަށް ބެލެވުމުން ނުވަތަ އެފަދަ މައުލޫމާތެއް ލިބުމުންނެވެ.

އެންސީޓީސީން ނެރުނު ބަޔާނުގައި ބުނީ ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ މުޅި އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށެވެ. އެއީ އަންނަން އޮތް ޖީލުތައް ކުރިއަރައި ދިއުމާއި ގައުމީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރަން ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ބުންޏެވެ.

"ހަރުކަށި ފިކުރު ފަތުރާ މީހުން ރެ އާއި ދުވާލު އިންޓަނެޓުގެ ވަސީލަތްތަކާއި ސޯޝަލް މީޑިއާގެ ވަސީލަތްތަކާއި ސިއްރިއްޔާތުގައި އެބައިމީހުންގެ ފަނާކުރަނިވި ފިކުރު ފަތުރަން ގިނަގުނަ ރޭވުންތައް ރާވާ އެބައިމީހުންގެ ފިކުރު ފެތުރުމަށްޓަކައި މަސައްކަތް ކުރަމުން ދެ އެވެ،" ބަޔާނުގައި ބުންޏެވެ.

އެހެންވެ އެކަންކަމަށް ސަމާލުކަން ދިނުމަށް އެންސީޓީސިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ރާއްޖޭގައި ސަލާމަތީ ފިޔަވަޅުތައް މި ވަރުގަދަކުރި އިރު، ހައްދުފަހަނާޅާފައިވާ ފިކުރާ ދެކޮޅަށް ސަރުކާރުގެ މުއައްސަސާތަކުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މުޅި ރާއްޖޭގައި އެ ފިކުރުގެ ނުރައްކާ އޮތް މިންވަރާއި މީހުން މަރަން ފަސް ނުޖެހޭ ދަރަޖައަށް ހައްދުފަހަނާޅާފައިވާ 1400 އެއްހާ ދިވެހިން ތިބި ކަން ސަލާމަތީ ޚިދުމަތްތަކުން ވަނީ ހާމަކޮށްފަ އެވެ.

މި ފިކުރުގެ ނުރައްކާ ކުޑަކުރަން، މިދިޔަ ހަފުތާގައި ސަލާމަތީ ޚިދުމަތްތަކުން ވަނީ ރ. މަޑުއްވަރީގައި އޮޕަރޭޝަނެއް ހިންގައި ތިން މީހަކު ހައްޔަރުކޮށްފަ އެވެ.