Roadha Mihaaru
ފަހަތުންއަރައި މޮޅުވެ ލިވަޕޫލާއި ޓޮޓެންހަމް އަނެއްބުރަށް

އެފްއޭ ކަޕް: ފަހަތުން އަރައި މޮޅުވެ، ލިވަޕޫލާއި ޓޮޓެންހަމް ވެސް ހަތަރުވަނަ ބުރަށް

09 ޖެނުއަރީ 2022

ލިވަޕޫލް (ޖެނުއަރީ 9) - އިނގިރޭސި އެފްއޭ ކަޕްގައި ލިވަޕޫލާއި ޓޮޓެންހަމް ހޮޓްސްޕާ ވެސް ތިންވަނަ ޑިވިޝަނުގެ ޓީމުތަކާ އެކު ކުޅުނު މެޗް ފަހަތުން އަރައި ކާމިޔާބުކޮށް، މުބާރާތުގެ ހަތަރުވަނަ ބުރުން މިރޭ ޖާގަ ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލިވަޕޫލް (ޖެނުއަރީ 9) - އިނގިރޭސި އެފްއޭ ކަޕްގައި ލިވަޕޫލާއި ޓޮޓެންހަމް ހޮޓްސްޕާ ވެސް ތިންވަނަ ޑިވިޝަނުގެ ޓީމުތަކާ އެކު ކުޅުނު މެޗް ފަހަތުން އަރައި ކާމިޔާބުކޮށް، މުބާރާތުގެ ހަތަރުވަނަ ބުރުން މިރޭ ޖާގަ ހޯދައިފި އެވެ.

ލިވަޕޫލްގެ ދަނޑުގައި އެ ޓީމުން އީއެފްއެލް ލީގު 1 ގެ ޝްރޫސްބަރީ ޓައުންއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރީ 4-1 އިންނެވެ. ކޮވިޑަށް ޕޮޒިޓިވް ވުމުގެ ސަބަބުން ލީގުގައި ޗެލްސީއާ ދެކޮޅަށް ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗު ގެއްލުނު ލިވަޕޫލްގެ ކޯޗު ވަނީ ބަލިން ރަނގަޅުވެ މިރޭގެ މެޗުގައި ޓީމަށް އިރުޝާދު ދީފަ އެވެ.

ޒުވާން ގިނަ ކުޅުންތެރިންނާ އެކު ކުޅުނު ލިވަޕޫލާ ދެކޮޅަށް މެޗުގައި ފުރަތަމަ ލީޑު ނެގީ ޝްރޫސްބަރީންނެވެ. މެޗުގެ 27 ވަނަ މިނިޓުގައި މި ލަނޑު އެޓީމަށް ޖަހައިދިނީ ޑެނިއެލް އުޑޯ އެވެެ. ނަމަވެސް އޭގެ ހަތް މިނިޓު ފަހުން ލިވަޕޫލަށް އެއްވަރު ކޮށްދިނީ 17 އަހަރުގެ ވިންގާ ކައިޑް ގޯޑޮން އެވެ. އަދި ފުރަތަހަ ހާފު ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ފަބީނިއޯ ވަނީ ލިވަޕޫލަށް ލީޑު ނަގައިދީފަ އެވެ.

ލިވަޕޫލްގެ ކައިޑް ގޯޑޮން އެޓީމަށް އެއްވަރު ކޮށްދިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލްގެ ކައިޑް ގޯޑޮން އެޓީމަށް އެއްވަރު ކޮށްދިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލްގެ ތިންވަނަ ލަނޑު 78 ވަނަ މިނިޓުގައި ޖަހައިދިނީ ކޮވިޑުން ރަނގަޅުވެ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ރޮބާޓޯ ފިރްމީނޯ އެވެ. އިތުރު ވަގުތުގެ ވެސް އެންމެ ފަހު މިނިޓުގައި އެޓީމުގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ފަބީނިއޯ އެވެ.

އެފްއޭ ކަޕް ތިންވަނަ ބުރުގައި ޓޮޓެންހަމް އަމިއްލަ ދަނޑުގައި މޯކަމްބޭއާ ވާދަކޮށް މޮޅުވީ ވެސް ފަހަތުން އަރައި 3-1 އިންނެވެ. ޓޮޓެންހަމުން ޖެހި ތިން ލަނޑު ވެސް ޖެހީ މެޗުގެ އެންމެ ފަހު 16 މިނިޓު ތެރޭގަ އެވެ. ފުރަތަމަ ހާފުގައި މޯކަމްބޭ އަށް ލީޑު ނަގައިދިނީ އެންތަނީ އޯކޮނޯ އެވެ.

ޓޮޓެންހަމުން އެއްވަރު ކުރީ 74 ވަނަ މިނިޓުގައި މިޑްފީލްޑަރު ހެރީ ވިންކްސް ޖެހި ލަނޑުންނެވެ. އެ ޓީމުން ލީޑު ނެގީ 85 ވަނަ މިނިޓުގައި ލޫކަސް މޯރާ ޖެހި ލަނޑުންނެވެ. އަދި އޭގެ ތިން މިނިޓު ފަހުން ހެރީ ކޭން ވަނީ އިތުރު ލަނޑެއް ޖަހައި ޓީމު ހަމަޔަކަށް އަޅުވައިފަ އެވެ. މޯރާ އާއި ކޭން ވެސް ކުޅެން އެރީ ބަދަލު ކުޅުންތެރިންގެ ގޮތުގައި މެޗުގެ 69 ވަނަ މިނިޓުގަ އެވެ.

ކޭން އާއި ލޫކަސް މޯރާ ޓޮޓެންހަމް މޮޅުވި ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ކޭން އާއި ލޫކަސް މޯރާ ޓޮޓެންހަމް މޮޅުވި ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ވެސްޓް ހޭމް ޔުނައިޓެޑާއި ލީޑްސް ޔުނައިޓެޑް މިރޭ ކުޅުނު މެޗް 2-0 އިން ކާމިޔާބު ކުރީ ވެސްޓް ހޭމް އެވެ. ފުރަތަމަ ހާފުގައި މަނުއެލް ލަންޒިނީ ޖަހައިދިން ލަނޑާ އެކު މެޗު ނިމެން ދަނިކޮށް ދެވަނަ ލަނޑު ޖަހައިދިނީ ޖަރޯޑް ބޯވެން އެވެ.

ވުލްވްސް އިން ވަނީ މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގުން ރެލިގޭޓްވި ޝެފީލްޑް ޔުނައިޓެޑާ ވާދަކޮށް 3-0 އިން މެޗް ކާމިޔާބު ކޮށްފަ އެވެ. އެޓީމުގެ ޑެނިއެލް ޕޮޑެންސް މި މެޗުގައި ދެ ލަނޑު ޖެހިއިރު ނެލްސަން ސެމެޑޯ ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ.

ޕްރިމިއާ ލީގުގެ ފުލުގައި އޮތް ނޯރިޗުން ވެސް ވަނީ ތިންވަނަ ޑިވިޝަނުގައި ކުޅޭ ޗާލްޓަން އެތުލެޓިކާ 1-0 އިން ބަލިކޮށް، ހަތަރުވަނަ ބުރަށް ދަތުރު ކޮށްފަ އެވެ.