Roadha Mihaaru
ހިޔާގެ މުވައްޒަފުން ވަކިކުރަން ދިން ނޯޓިސް ބާތިލްކޮށްފި

ހިޔާގެ 21 މުވައްޒަފަކު ވަކިކުރަން ދިން ނޯޓިސް ބާތިލްކޮށްފި

18 ޑިސެމްބަރ 2021

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ވަޒީފާ އަދާކުރަމުން އައި 21 މުވައްޒަފަކު ވަކިކުރަން ދިން ނޯޓިސް ޖެންޑާ މިނިސްޓްރީން މިއަދު ބާތިލްކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ވަޒީފާ އަދާކުރަމުން އައި 21 މުވައްޒަފަކު ވަކިކުރަން ދިން ނޯޓިސް ޖެންޑާ މިނިސްޓްރީން މިއަދު ބާތިލްކޮށްފި އެވެ.

ހިޔާގައި ބަލަހައްޓަމުން ދިޔަ ކުދިން ރަށްރަށުގައި ގާއިމްކޮށްފައިވާ އަމާން ވެށިތަކަށް ބަދަލުކުރުމުން، އެ މަރުކަޒުގެ މުވައްޒަފުން ކުރަމުންދިޔަ މަސައްކަތްތައް ވަނީ ހުއްޓިފަ އެވެ. އެހެންވެ، އެހެން ވަޒީފާތަކަށް ބަދަލުވާން ފުރުސަތު ދިނުމަށް ފަހު، ބާކީ ތިބި 21 މީހުންނަށް ނޯޓިސްދީ ވަޒީފާއިން ވަކިކުރަން މިދިޔަ މަހުގެ 30 ގައި ނޯޓިސް ފޮނުވި އެވެ.

ނަމަވެސް އެކަމުގެ ކަންބޮޑުވުންތައް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ހުށަހެޅުމުން، އެ ކޮމިޝަނުން ވަނީ މުވައްޒަފުން ވަކިކުރުމުގެ ނޯޓިސް ބާތިލްކުރަން ޖެންޑާ މިނިސްޓްރީއަށް އަންގައިފަ އެވެ.

ސީއެސްސީގެ ނައިބު ރައީސް އިބްރާހިމް ރަޝީދު "މިހާރު" އަށް މިރޭ ވިދާޅުވީ މުވައްޒަފުން ވަކިކުރުމުގެ ޕްރޮސެސް ގެންދިއުމުގައި އިޖުރާއަތްތައް ޖެންޑާއިން އެންމެ ރަނގަޅަށް ފުރިހަމަކޮށްފައިނުވާ ކަމަށެވެ. އެކަންކަން ބެލުމަށް ފަހު ނިންމީ، އެ މުވައްޒަފުން ގުޅޭ ކަންކަން ކޮމިޝަނުން ކުރިއަށްގެންދާ ގޮތަށެވެ.

"ރިޑަންޑަންޓު ކުރެވޭ މުވައްޒަފު ދޫކޮށްލުމުގެ ކުރިން ސިވިލް ސާވިސް އެހެން އޮފީހަކުން ވަޒީފާ ހޯދައިދިނުމަށް ކޮމިޝަުން މަސައްކަތް ކުރާނެ. ކުރިން އެކަން އެންމެ ރަނގަޅަށް ކުރެވިފައި ނެތް ކަމަށް ކޮމިޝަނަށް ފާހަގަކުރެވުނީ،" އިބްރާހިމް ވިދާޅުވި އެވެ.

ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ކުރިން ވިދާޅުވީ ހިޔާގެ 43 މުވައްޒަފަކު އެކި ތަންތަނުގައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަމިއްލައަށް ބޭނުންވެގެން ހަތް މުވައްޒަފަކު ވަޒީފާއިން ވަކިވެފައިވެ އެވެ. އަދި ބާކީ 21 މީހުން ވަޒީފާއިން ވަކިކުރަން ނޯޓިސް ފޮނުވީ ސިވިލް ސާވިސްގެ އުސޫލުގެ ދަށުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިވިލް ސާވިސް އިން އެ ބޭފުޅުން ވަކިކުރުމަށް ލިސްޓު ފޮނުވީމާ އެކަމުގެ ނޯޓިސް މިއަދު މި ވަނީ ދީފައި. މިއީ ކުއްލިއަކަށް ނިންމި ނިންމުމެއް ނޫން. މީގެ އަހަރެއް ކުރިން ފެށިގެން އެކަމާ ގުޅިގެން ދެން ހެދޭނެ ގޮތްތައް އައީ ބަލައި މަޝްވަރާކުރަމުން،" އޭނާ ވިދާޅުވި އެވެ.