Roadha Mihaaru
ބެއާ ގްރިލްސް ރާއްޖެއާ ބެހޭގޮތުން ހެދީ ހުސް ދޮގު

ބެއާ ގްރިލްސްގެ ޑޮކިއުމެންޓްރީގައި ރާއްޖެއާ ބެހޭގޮތުން ހުސް ދޮގު

12 ޑިސެމްބަރ 2021

އިނގިރޭސި ވިލާތުގެ ސަވައިވަލް އެކްސްޕާޓް ބެއާ ގްރިލްސްގެ ޑޮކިއުމެންޓްރީ ސީރީޒްގެ އެންމެ ފަހުގެ އެޕިސޯޑުގައި ރާއްޖެއާ ބެހޭގޮތުން ދޮގު ވާހަކަތަކެއް ގެނެސްދީފައި ވާތީ ގިނަ ބައެއްގެ ފާޑުކިޔުން އޭނާ އަށް އަމާޒުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިނގިރޭސި ވިލާތުގެ ސަވައިވަލް އެކްސްޕާޓް ބެއާ ގްރިލްސްގެ ޑޮކިއުމެންޓްރީ ސީރީޒްގެ އެންމެ ފަހުގެ އެޕިސޯޑުގައި ރާއްޖެއާ ބެހޭގޮތުން ދޮގު ވާހަކަތަކެއް ގެނެސްދީފައި ވާތީ ގިނަ ބައެއްގެ ފާޑުކިޔުން އޭނާ އަށް އަމާޒުވެއްޖެ އެވެ.

ބޮލީވުޑްގެ މަޝްހޫރު ސްޓާރުންނާ އެކު ބެއާ ގްރިލްސް ގެނެސްދެމުން އަންނަ "އިންޓު ދަ ވައިލްޑް" ގެ އެންމެ ފަހުގެ އެޕިސޯޑުގެ މެހެމާނަކީ ހިންދީ ސިނަމާގައި މިހާރު ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އެކްޓަރު ވިކީ ކޯޝަލް އެވެ.

"އިންޓު ދަ ވައިލްޑް ވިތު ބެއާ ގްރިލްސް އެންޑް ވިކީ ކޯޝަލް" ގެ މަންޒަރުތަކެއް.

"އިންޓު ދަ ވައިލްޑް ވިތު ބެއާ ގްރިލްސް އެންޑް ވިކީ ކޯޝަލް" ގެ މަންޒަރުތަކެއް.

ޑިސްކަވަރީ ޕްލަސް އިން މިއަދު ސްޓްރީމް ކުރަން ފެށި މި ޑޮކިއުމެންޓްރީގެ އެޕިސޯޑުގައި ރާއްޖޭގެ ދެ ލޮކޭޝަނެއް ދައްކަ އެވެ. އެއް ތަނަކީ މާލެ އަތޮޅު ހުރާގެ ކުޅި އެވެ. ދެން ދައްކަނީ ޓޫރިސްޓުންގެ މެދުގައި މިހާރު ވަރަށް މަގުބޫލު ތަނެއް ކަމަށްވާ ވ. އަތޮޅުގެ "ޝިޕްރެކް" ސަރަހައްދެވެ. އެކަމަކު މި 40 މިނެޓުގެ އެޕިސޯޑު ނިމުނުއިރު، ރާއްޖޭގެ ނަން ވެސް ނުކިޔަ އެވެ. ބުނީ މިއީ އިންޑިއާ ކަނޑުގެ މެދުތެރެ ކަމަށެވެ.

ހުރާ ކުޅީގައި ކިނބުލާއި ހަރުފަ އުޅޭ

ވިކީ ބުނި ގޮތުގައި، މިއީ އޭނާ މޫދަށް އެރުނު ފުރަތަމަ ފަހަރެވެ. މޫދަށް އެރުމަކީ އޭނާ ވަރަށް ބިރު ގަންނަ ކަމެކެވެ. އެކަމަކު މި ޑޮކިއުމެންޓްރީ ނިމުނުއިރު، އޭނާގެ އެ ބިރު ކަނޑުވާލި އެވެ. ނަމަވެސް ބެއާ ހެދި ދޮގުތައް އޭނާ އަށް ރޭކާލީހެނެއް ހިއެއް ނުވެ އެވެ.

"އިންޓު ދަ ވައިލްޑް ވިތު ބެއާ ގްރިލްސް އެންޑް ވިކީ ކޯޝަލް" ގެ މަންޒަރެއް،

"އިންޓު ދަ ވައިލްޑް ވިތު ބެއާ ގްރިލްސް އެންޑް ވިކީ ކޯޝަލް" ގެ މަންޒަރެއް،

އެމްއެންޑީއެފްގެ ކޯސްޓް ގާޑު އުޅަނދެއްގައި އެ މީހުން ފުރަތަމަ ކައިރިކުރީ ހުރާ ކުޅިއަށެވެ. އެ ތަނަށް ކައިރި ކުރަމުން ވިކީ ގާތު ބެއާ ބުނަނީ އެ ކުޅި ތެރޭގައި ކިނބުލާއި ހަރުފަ ކަހަލަ ވަރަށް ނުރައްކާތެރި ޖަނާވަރުތައް އުޅޭ ކަމަށާއި އެހެންވެ، އެ މީހުން ތިބެން ޖެހޭނީ ވަރަށް ހުށިޔާރު ވެގެން ކަމަށެވެ. އަދި އެ ކުޅީގައި ތިން މޭލުގެ ދިގުމިން ހުންނަ ކަމަށް ބުނެ އެވެ. އެހާ ބޮޑު ކުޅިއެއް ރާއްޖޭގައި ނޯވެ އެވެ.

ދެން ދައްކާލީ "ހުރާ ކުޅީގެ" މެޕެކެވެ. ނަމަވެސް އެ މެޕުން އެއީ ރާއްޖޭގެ ކުޅިއެއް ނޫން ކަން އެނގެ އެވެ.

ވ. އަތޮޅުގެ ޝިޕްރެކް އޮންނަނީ މި މެޕުން ދައްކާ ގޮތުގައި އެ ކުޅިއާ އެއް މޭލު ދުރުގަ އެވެ. އެކަމަކު ވ. ކެޔޮދޫ ފަޅު ތެރޭގައި އޮންނަ އެ ޝިޕްރެކާ ކައިރި ހިސާބެއްގައި ކުޅިއެއް ނުވެސް އޮވެ އެވެ. އަދި ހުރާ ކުޅިއާ، މި ޝިޕްރެކްއާ ދެމެދު 60 މޭލުގެ ދުރުމިން ހުރެ އެވެ.

"އިންޓު ދަ ވައިލްޑް ވިތު ބިއާ ގްރިލްސް އެންޑް ވިކީ ކޯޝަލް" ގެ މަންޒަރުތަކެއް: އޭގައި ދައްކާ މެޕް.

"އިންޓު ދަ ވައިލްޑް ވިތު ބިއާ ގްރިލްސް އެންޑް ވިކީ ކޯޝަލް" ގެ މަންޒަރުތަކެއް: އޭގައި ދައްކާ މެޕް.

ނަމަވެސް ޝޯގައި ދައްކަނީ ހުރާ ކުޅިން، ވާވު ޝިޕްރެކަށް އެ މީހުން ފަތާފައި ދަނިކޮށެވެ.

ޝިޕްރެކް ކައިރީގައި ވިކީ އާއީ ބެއާ ފީނިއިރު، މޫދު އަޑިން މަސްދަޅެއް ނެގި އެވެ. ބެއާ ބުނި ގޮތުގައި، އޭތި އެތާ އަޑީގައި އޮންނަތާ ވިއްސަކަށް އަހަރު ވެދާނެ އެވެ. އޯޕަން ކޭން މަތިގަނޑެއްގައި އިންނަ އެ މަސްދަޅު ކަނޑައިފައި އޭނާ ބުނީ އެއީ ބުޅާގެ ކެއުން ކަމަށެވެ. އެކަމަކު އޯޕަން ކޭން މަތިގަނޑާ އެކު ރާއްޖޭގައި މަސްދަޅު ހަދަން ފެށިތާ އަދި މާ ގިނަ އަހަރުތަކެއް ވެސް ނުވެ އެވެ.

"އިންޓު ދަ ވައިލްޑް ވިތު ބިއާ ގްރިލްސް އެންޑް ވިކީ ކޯޝަލް" ގެ މަންޒަރުތަކެއް.

"އިންޓު ދަ ވައިލްޑް ވިތު ބިއާ ގްރިލްސް އެންޑް ވިކީ ކޯޝަލް" ގެ މަންޒަރުތަކެއް.

މީގެ ކުރިން، ބޮލީވުޑްގެ ސްޓާރު އަޖޭ ދޭވްގަންއާ އެކު ބެއާ ރާއްޖޭގައި ޝޫޓްކުރި، ހަމަ މި ޑޮކިއުމެންޓްރީގެ އެޕިސޯޑެއްގައި ވެސް ރާއްޖެއާ ބެހޭ ގޮތުން ދޮގު މައުލޫމާތުތަކެއް ހުރުމުން ފާޑުކިޔުން އަމާޒުވި އެވެ. އެ އެޕިސޯޑު ނެގީ ވ. އަތޮޅުގެ ފަޅު ރަށެއްގަ އެވެ. އޭގައި ދެއްކީ ފަޅު ރަށެއްގައި ތާށިވުމުންނާއި ކަނޑުވުމުން ދެން ސަލާމަތްވާން މަސައްކަތްކުރާނެ ގޮތެވެ.

އެ އެޕިސޯޑްގައި ވެސް އެ ރަށުގައި ހަރުފަ އުޅޭ ކަމަށް ބުނެ އެވެ. އަދި އެ ރަށާ ކައިރީގައި މީހުން އުޅޭ އެއްވެސް ތަނެއް ނޯންނަ ކަމަށް ބުންޏަސް ވަށައިގެން ހުރީ ރަށްތަކެވެ. އެ ރަށުގައި މަސް ހިފަން، ރާޅު ޖަހާ ހިސާބު ތިލަ ތަނުގައި ކުކިން އޮއިލް ހަމަކަށް ބަރަވެލި އަޅައި ޓްރެޕެއް ހެދުމަށް ފަހު ބާއްވާފައި ދެން އަންނައިރު އޭގެ ތެރޭ އޮންނަނީ ފަލަ ރަތްމަހެކެވެ.

ބެއާ ވަނީ މިދިޔަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ވެސް ސަވައިވަލް ޑޮކިއުމެންޓްރީއެއް ގެނެސްދީފަ އެވެ.