Roadha Mihaaru
މޯލްޑިވްސްފުޓްބޯލްއާ ގުޅިގެން އެފްއޭއެމުން އެވޯޑް ދެނީ

މޯލްޑިވްސްފުޓްބޯލްއާ ގުޅިގެން އެފްއޭއެމުން އެވޯޑް ދޭން ފަށަނީ

11 ޑިސެމްބަރ 2016

މެދުކެނޑުމަކަށް ފަހު އެފްއޭއެމުން 'މޯލްޑިވްސް ފުޓްބޯލް އެވޯޑްސް" ގެ ނަމުގައި މި އަހަރު އެވޯޑް ދޭން ފަށަން ނިންމައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެދުކެނޑުމަކަށް ފަހު އެފްއޭއެމުން 'މޯލްޑިވްސް ފުޓްބޯލް އެވޯޑްސް" ގެ ނަމުގައި މި އަހަރު އެވޯޑް ދޭން ފަށަން ނިންމައިފި އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ކުޅިވަރު ހަބަރު ގެނެސްދޭ އޮންލައިން ނޫހެއް ކަމަށްވާ މޯލްޑިވްސްފުޓްބޯލް ޑޮޓް ކޮމްއާ ގުޅިގެން އެވޯޑް ދޭން ނިންމީ ރަނގަޅު ޕްރޮޕޯސަލެއް ލިބުމުން ކަމަށެވެ.

"މޯލްޑިވްސްފުޓްބޯލް އިން ރަނގަޅު ޕްރޮޕޯސަލެއް ލިބުމުން އެ ފަރާތާ ގުޅިގެން އެފްއޭއެމް އެވޯޑް ކުރިއަށް ގެންދަން މި ނިންމީ. ހަގީގަތުގައި މިއީ ކުޅުންތެރިންގެ އަގުވަޒަންކުރުމަށް އެފްއޭއެމް އަށް ކުރާ މަސައްކަތަށް ލިބިގެންދިޔަ ހިތްވަރެއް،" ބައްސާމް ވިދާޅުވި އެވެ.

މި މަހު 29 ވަނަ ދުވަހު ބާއްވާ އެވޯޑް ހަފްލާގައި މި އަހަރު ދިނުމަށް ހަމަޖެހިފައިވަނީ ހަތަރު އެވޯޑެކެވެ. އެއީ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި އެންމެ މޮޅު ކޯޗުގެ އެވޯޑާއި އެންމެ އުއްމީދީ ކުޅުންތެރިޔާގެ އެވޯޑް އަދި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔަކަށްދޭ ރަން ބޫޓެވެ.

މޯލްޑިވްސްފުޓްބޯލްގެ އެޑިޓަރު ޝިމާޒް އަލީ ބުނީ އެވޯޑަށް ކުޅުންތެރިން ހޮވާނީ މުޅި ދުނިޔޭގައި ވެސް އެކަން ކުރާ ގޮތަށް އޮންލައިން ސިސްޓަމެއް މެދުވެރިކޮށް ކަމަށެވެ. އެގޮތުން ކުޅިވަރު ނޫސްވެރިންނާއި ފުޓްބޯޅައިގެ ތަޖުރިބާކާރުން ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ޕެނަލެއްގެ ތެރެއިން ޝޯޓްލިސްޓު ކުރާ ކުޅުންތެރިންގެ ނަން ވޯޓަށް ހުޅުވާލާނެ އެވެ. ވޯޓުލާނީ ފުރަތަމަ ޑިވިޝަންގެ އަށް ޓީމުގެ ކެޕްޓަނުންނާއި ކޯޗާއި ދެ ވަނަ ޑިވިޝަންގެ ކްލަބްތަކުގެ ކޯޗުން އަދި ކުޅިވަރު ނޫސްވެރިންނެވެ.

ޕެނަލްގައި ހިމެނެނީ ކުރީގެ ކުޅުންތެރިޔާ އަބްދުﷲ އާމިރާއި 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗު މުހައްމަދު ޝާހިދު (ޝާޑު) އަދި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އިސްމާއިލް މަހްފޫޒް (އިންމަ)ގެ އިތުރުން ކުޅިވަރު ދެ ނޫސްވެރިންނެވެ.

މި އަހަރު މަދު އެވޯޑެއް ދޭން ނިންމާފައިވީ ނަމަވެސް ކުރިއަށް އޮތް އަހަރުތަކުގައި އެވޯޑްތަކުގެ އަދަދު އިތުރުކުރާނެ ކަމަށާއި ބޭނުންވަނީ ވީހާވެސް ގިނަ ގޮތްގޮތުން ކުޅުންތެރިންގެ އަގުވަޒަންކުރުމަށް ކަމަށް މޯލްޑިވްސް ފުޓްބޯލް އިން ބުނެ އެވެ.

މި އެވޯޑްގެ ހުރިހާ ހިންގުމުގެ މަސައްކަތްތަކެއް މޯލްޑިވްސް ފުޓްބޯލް އިން ކުރާއިރު އެފްއޭއެމްގެ ފަރާތުން މިކަމަށް ފޯރުކޮށްދޭނީ ޓެކްނިކަލް އެހީ އެވެ. އެވޯޑާ އެކު ފައިސާގެ އިނާމް ދޭ ގޮތަށް ހަމަޖެހިފައިނުވެ އެވެ.

"މި އެވޯޑަކީ ވަރަށް ޝަރަފްވެރިކޮށްދޭ އެވޯޑަކަށް ވާތީ ފައިސާގެ އިނާމް ދޭގޮތަކަށް ނޫން ހަމަޖެހިފައި މިއޮތީ،" ބައްސާމް ވިދާޅުވި އެވެ.

ދާދި ފަހުން އިފްތިތާހުކުރި މޯލްޑިވްސްފުޓްބޯލް އިން ބުނީ އެވޯޑް އިންސާފުވެރި ކުރުމަށް އެފްއޭއެމް އާއި ފުޓްބޯޅަ އާއިލާގެ އެންމެނާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށާއި އެވޯޑްގެ އަހަރަކަށް ވުރެ އަހަރެއް ރަނގަޅު ކުރުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރައްވާނެ ކަމަށެވެ.