Roadha Mihaaru
މިފްކޯއިން 22 ޒުވާނުންނަށް ތަމްރީން ދެނީ

މިފްކޯއިން 22 ޒުވާނުންނަށް ތަމްރީން ދެނީ

01 ޑިސެމްބަރ 2021

ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވެ މިފްކޯ އިން ވެސް ޒުވާނުން ތަމްރީނުކުރަން ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވެ މިފްކޯ އިން ވެސް ޒުވާނުން ތަމްރީނުކުރަން ނިންމައިފި އެވެ.

އެ ކުންފުނިން ވަނީ މި ޕްރޮގްރާމް ފެށުމަށް ޔޫތު މިނިސްޓްރީއާ އެކު އެމްއޯޔޫއެއްގައި އިއްޔެ ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީ އެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއިލެވެ.

މި އެއްބަސްވުމުގެ ދަށުން މިފްކޯއިން ހަ ދާއިރާއަކުން 22 ޒުވާނުން ތަމްރީން ކުރާނެ އެވެ. މީގެ ތެރޭގައި ހިމެނޭނީ މިފްކޯއަށް އެންމެ ބޭނުންތެރި އަދި މަސައްކަތުގެ ހުނަރު ބޭނުންވާ ދާއިރާތައް ކަމަށް އެ ކުންފުނިން ބުންޏެވެ.

މިފްކޯއިން ތަމްރީނުދޭ ދާއިރާތައް

- އިލެކްޓްރިކަލް އިންސްޓަލޭޝަން އެންޑް މެއިންޓަނަންސް

- ވެލްޑިން ޓެކްނިކްސް

- އޮޓޯމޯޓިވް މެއިންޓަނެންސް

- މެރިން މެކޭނިކް

- ރެފްރިޖަރޭޝަން އެންޑް އެއާ ކޮންޑިޝަނިން މެކޭނިކް

- ފިޝް ޕްރޮސެސިން އެންޑް ކުއަލިޓީ ކޮންޓްރޯލް

މި ދާއިރާތަކުން ތަމްރީން ހޯދާ މީހުންނަށް އެ ދާއިރާއަކުން ވަޒީފާގެ މާހައުލުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ދަސްވާނެ ކަމަށް މިފްކޯއިން ބުންޏެވެ. މި ޕްރޮގްރާމް ނިންމާ މީހުންނަށް ލެވެލް 3ގެ ސެޓްފިކެޓް ލިބޭނެ އެވެ. އެހެންވެ، މި ޕްރޮގްރާމުގައި މިފްކޯގައި މިވަގުތު ތިބި ލެވެލް 3ގެ ސެޓްފިކެޓް ނެތް މީހުންނަށް ވެސް ބައިވެރިވެ، އެ ސެޓްފިކެޓް ހާސިލް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އެ ކުންފުނީގައި މަސައްކަތްކުރާ ހަތް މީހަކަށް މި ފުރުސަތު ދޭން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން މި ޕްރޮގްރާމުގައި ބައިވެރިވާ މީހުންނަށް ތަމްރީން ކުރިއަށްދާ މުއްދަތުގައި 3،000ރ. ގެ އެލަވެންސެއް ވެސް ލިބޭނެ އެވެ. އަދި މި ޕްރޮގްރާމް ނިންމާ މީހުންނަށް މިފްކޯ އިން ވަޒީފާގެ ފުރުސަތު ވެސް ހުޅުވާލާނެ އެވެ.

ހަ މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ނޭޝަނަލް ކޮމްޕިޓެންސީ ސްޓެންޑަޑްތަކާ އެއްގޮތަށެވެ.