Roadha Mihaaru
ދުރަށް ބޯޅަ އެއްލައިގެން ކީޕަރަކަށް ރެކޯޑެއް

އެންމެ ދުރަށް ބޯޅަ އެއްލައިގެން އީރާންގެ ކީޕަރަކަށް ރެކޯޑެއް

29 ނޮވެމްބަރ 2021

މިހާތަނަށް ރަސްމީ ފުޓްބޯޅަ މެޗެއްގައި ކުޅުންތެރިޔަކު އަތުން އެންމެ ދުރަށް ބޯޅަ އެއްލާލައިގެން ހެދި ރެކޯޑް އިރާނުގެ ކީޕަރަކަށް ގިނިސް ވޯލްޑް ރެކޯޑުން ކަށަވަރުކޮށް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިހާތަނަށް ރަސްމީ ފުޓްބޯޅަ މެޗެއްގައި ކުޅުންތެރިޔަކު އަތުން އެންމެ ދުރަށް ބޯޅަ އެއްލާލައިގެން ހެދި ރެކޯޑް އިރާނުގެ ކީޕަރަކަށް ގިނިސް ވޯލްޑް ރެކޯޑުން ކަށަވަރުކޮށް ދީފި އެވެ.

އެ ގައުމުގެ ހުނަރުވެރި ގޯލް ކީޕަރެއްގެ ގޮތުގައި މަޝްހޫރުވި އަލީ ރިޒާ ބެއިރަވަންދު، ،29، އަށް ރެކޯޑް ކަށަވަރުކޮށްދީ، ރަސްމީކޮށް މިދިޔަ ހަފުތާގެ ފަހުކޮޅު ރެކޯޑް ހަވާލުކުރީ އޮކްޓޯބަރު 11، 2016 ގައި ދެކުނު ކޮރެއާއާ ދެކޮޅަށް ތެހެރާންގެ އަރާދީ ސްޓޭޑިއަމްގައި އިރާން ކުޅުނު މެޗްގައި ބޯޅަ ކޮންޓްރޯލްކޮށް، އަލުން ބޯޅަ އެއްލި އިރު 61 މީޓަރާއި 26 މިލިމީޓަރު (200 ފޫޓާއި 1.57 އިންޗި) ދުރަށް ބޯޅަ އެއްލައިގެންނެވެ.

ރަސްމީ މެޗެއްގައި މިހާތަނަށް ކުޅުންތެރިޔަކު އަތުން އެންމެ ދުރަށް ބޯޅަ އެއްލުމުގެ ރެކޯޑް ރަސްމީކޮށް ހަވާލުކުރީ އެ މެޗް ކުޅުނުތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.

އެހާ ދުވަސްކޮށްފައި އަލީ ރިޒާ އަށް ރެކޯޑްގެ ސެޓްފިކެޓް ހަވާލުކުރުމުން އޭނާ މިހާރު ކުޅެމުން އަންނަ ޕޯޗްގަލްގެ ބޯވިސްޓާ އެފްސީން ވެސް އެ ވާހަކަ ޓްވީޓްކޮށް މަރުހަބާ ކިޔާފައިވެ އެވެ. އަދި އިރާންގެ މީޑިއާތަކުން ވެސް އަލީރިޒާ އަށް ލިބުނު ކާމިޔާބީ އަށް މަރުހަބާ ކިޔައި ޓްވީޓްކޮށްފައިވެ އެވެ.

މި ކާމިޔާބީ އޭނާ އަށް ލިބުނު އިރު މިދިޔަ އަހަރު ބެލްޖިއަމްގެ ޓީމެއް ކަމަށްވާ ކުލަބެއް ކަމަށްވާ އެންޓްވާޕް ރޯޔަލްއާ އެކު ތިން އަހަރުގެ އެގްރިމަންޓެއް ހަދާފައިވެ އެވެ. އަލީ ރިޒާ މިހާރު ކުޅޭ ބޯވިސްޓާ އަކީ ދެ ކުލަބްގެ މެދުގައި ހަދާފައިވާ އެއް އަހަރު ދުވަހުގެ ލޯން އެއްބަސްވުމެއްގެ ދަށުން ކުޅެމުން އަންނަ ޓީމެކެވެ. އެ އެއްބަސްވުން ހެދީ މި އަހަރުގެ ޖުލައި 10 ގަ އެވެ.

ވޯލްޑް ކަޕްގައި 2018 ގައި އިރާންގެ ޓީމަށް ކުޅުނު ކީޕަރަކީ ޕްރޮފެޝަނަލްް ފުޓްބޯޅަ ކުޅުންތެރިއަކަށް ވުމަށްޓަކައި ފުރާވަރު އުމުރުގައި ވަރަށް ހާލުގައި އުޅުނު މީހެކެވެ. އެގޮޮތުން އުފަން އަވަށް ސަރޭ ޔާސް އިން ފިލައިގެން ތެހެރާނަށް ގޮސް އެކި ކަހަލަ މަސައްކަތްތައް ކޮށްގެން ކައިބޮއި އުޅުނެވެ.

ފުޓްބޯޅަ ކުޅުންތެރިއަކަށްވުމަށް ކުރަމުން އައި ހުވަފެންތަކުގައި އަލީ ރިޒާ އަށް ކުލަޖައްސަން ފަހިވި ފުރަތަމަ ފުރުސަތަކީ 2011 ގައި އިރާންގެ ކުލަބެއް ކަމަށްވާ ނަފްތާން އެފްސީން ޖާގަ ލިބުމެވެ. އަދި އޭގެ ތިން އަހަރު ފަހުން އޭނާ އަށް އެ ގައުމުގެ ގައުމީ ޓީމުން ފުރުސަތު ލިބުނެވެ.

ވޯލްޑް ކަޕްްގައި އިރާން ތަމްސީލު ކުރުމުގެ އިތުރަށް އަލީ ރިޒާ އަކީ 2015 އާއި 2019 ގެ އޭއެފްސީ އޭޝިއަން ކަޕްގައި ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ. އޭނާ އަކީ މިހާތަނަށް ބެސްޓް ފީފާ ފުޓްބޯޅަ އެވޯޑަށް ނޮމިނޭޓްވި އިރާންގެ ހަމައެކަނި ކުޅުންތެރިޔާ ވެސް މެ އެވެ. އެއީ 2017 ގަ އެވެ. ދެހާސް ނަވާރައިގައި އަލީ ރިޒާ އަށް އިރާންގެ އަހަރުގެ ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ވެސް ލިބިފައިވެ އެވެ.