Roadha Mihaaru
އެންމެ ދުރުން ގޯލު ޖެހުމުގެ ރެކޯޑް މުގުރާލައިފި

އެންމެ ދުރުން ގޯލު ޖެހުމުގެ ރެކޯޑް މުގުރާލައިފި

23 ޖެނުއަރީ 2021

ލަންޑަން (ޖެނުއަރީ 23) - އިނގިރޭސި ހަތަރު ވަނަ ޑިވިޝަނުގެ މެޗެއްގައި ނިއުޕޯޓް ކައުންޓީގެ ގޯލްކީޕަރު ޓޮމް ކިންގް، ފުޓްބޯޅަ ތާރީހުގައި އެންމެ ދުރުން ގޯލު ޖެހުމުގެ ރެކޯޑް މުގުރާލައިފި އެވެ.

ލަންޑަން (ޖެނުއަރީ 23) - އިނގިރޭސި ހަތަރު ވަނަ ޑިވިޝަނުގެ މެޗެއްގައި ނިއުޕޯޓް ކައުންޓީގެ ގޯލްކީޕަރު ޓޮމް ކިންގް، ފުޓްބޯޅަ ތާރީހުގައި އެންމެ ދުރުން ގޯލު ޖެހުމުގެ ރެކޯޑް މުގުރާލައިފި އެވެ.

ބުދަ ދުވަހުގެރޭ ކުޅުނު މެޗުގައި ކިންގް ގޯލު ކުރިމަތިން ފޮނުވާލި ބޯޅަ މަތިން ގޮސް ގޯލަށް ވަނީ ފެނުގައި ޖެހިފައި ޗެލްޓަންހަމް ޔޯޝުއާ ގްރިފިޓްސް ބޯމަތިން ގޮހެވެ. ވައިގެ ސަބަބުން ބޯޅައިގެ ސްޕީޑް އަވަސްވިއިރު، މިއީ 96.01 މީޓަރު (315 ފޫޓު) ދުރުން ޖަހާފައިވާ ގޯލެކެވެ.

ކިންގް ޖެހި ގޯލު. -- ވީޑިއޯ: ނިއުޕޯޓް ކައުންޓީ/ ޓްވިޓާ

މީގެ ކުރިން މި ރެކޯޑް އޮތީ ކުރިން ސްޓޯކް ސިޓީ އަށް ކުޅުނު ބޮސްނިއާގެ ގޯލްކީޕަރު އަސްމީރް ބެގޮވިޗް އަތުގަ އެވެ. ސްޓޯކަށް ޕްރިމިއާ ލީގުގައި 2013 ވަނަ އަހަރު ކުޅުނު މެޗެއްގައި ސައުތެމްޓަންގެ އާޓޫ ބޮރުޗް ހުރި ގޯލަށް ބެގޮވިޗް ލަނޑު ޖެހީ 91.9 މީޓަރު (301 ފޫޓު) ދުރުންނެވެ. އެ ގޯލުގައި ވެސް ވައިގަދަވުމުގެ ސަބަބުން ބޯޅައިގެ ސްޕީޑް އަވަސްވި އެވެ.

ކިންގްގެ މި ރެކޯޑް ގޯލު ދުނިޔޭގެ ރެކޯޑްތައް ބަލަހައްޓާ ގިނިސް ވޯލްޑް ރެކޯޑްސް އިން ވަނީ އިއްޔެ ބަލައިގަނެފަ އެވެ. ގިނިސް ވޯލްޑް ރެކޯޑްސްގެ ރަސްމީ ވެބްސައިޓްގައިވާގޮތުން ކިންގް މި ގޯލު ޖެހީ 105 ޔާޑު ދުރުންކަމަށާއި މިއީ ފުޓްބޯޅަ ތާރީހުގައި ވާދަވެރި މެޗެއްގައި އެންމެ ދުރުން ޖެހި ގޯލުކަން ހުރިހާ ގޮތަކުން ކަށަވަރުވެފައިވާ ކަމަށެވެ.

ކިންގް ބުނީ މިއީ އޭނާ ގަސްދުގައި ބޭނުންވެގެން ކުރި ކަމެއް ނޫން ކަމުގައިވިޔަސް މި ރެކޯޑް މުގުރާލެވުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އެންމެ ބޮޑު އުފަލަކީ ކޮންމެވެސް ސިފައެއްގައި ފުޓްބޯޅަ ތާރީހުން ޖާގައެއް ލިބުން ކަމަށް ކިންގް ބުންޏެވެ.

އިންގްލެންޑް 17 އަހަރުން ދަށުގެ ގައުމީ ޓީމަށް މެޗެއް ކުޅެދީފައިވާ ކިންގް ނިއުޕޯޓާ ގުޅުނީ 2019 ވަނަ އަހަރު އެވެ. އެ ޓީމަށް ބަދަލުވެ އޭނާ އަންނަނީ ގަވައިދުން ފުރަތަމަ އެގާރައިގައި ކުޅެމުންނެވެ.