19 ނޮވެމްބަރ 2021
ގައުމީ އެތުލެޓިކްސް މުބާރާތުގައި ތިން ރަން މެޑަލް ހޯދައި ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) ގެ ހަސަން ޝަމްއޫން، 2016 ގައި އޭނާ ހޯދި ކާމިޔާބާ އެއްވަރުކޮށްފި އެވެ.
ގައުމީ އެތުލެޓިކްސް މުބާރާތުގައި ތިން ރަން މެޑަލް ހޯދައި ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) ގެ ހަސަން ޝަމްއޫން، 2016 ގައި އޭނާ ހޯދި ކާމިޔާބާ އެއްވަރުކޮށްފި އެވެ.
ގައުމީ މުބާރާތުގެ 2016ގެ އެޑިޝަންގައި ޝަމްއޫން ވަނީ ތިން ރަން މެޑަލް ހޯދައި އެ އަހަރުގެ މުބާރާތުގެ އެންމެ މޮޅު އެތުލީޓުގެ މަގާމު ހޯދައިފަ އެވެ. މިފަހަރު ވެސް އޭނާ ވަނީ ތިން ރަން މެޑަލް ހޯދައިފަ އެވެ. އޭނާ ތިންވަނަ މެޑަލް ހޯދީ މިއަދު ބޭއްވި ޑިސްކަސް ތުރޯގެ ފައިނަލުގައި 28.80 މީޓަރަށް އެއްލައިގެންނެވެ. އެ އިވެންޓްގެ ދެވަނަ މަގާމު ހޯދީ ޓްރެކް އެންޑް ފީލްޑުން ދެވަނަ ހޯދި ޝަރްވާން އަބްދުލް ހަމީދު އެވެ. އޭނާ އުކީ 27.26 މީޓަރަށެވެ. ނަސީރު ސްޕޯޓްސްއިން ވާދަކުރި އިބްރާހިމް މާޒިން ތިންވަނަ ހޯދީ 24.10 މީޓަރަށް އެއްލައިގެންނެވެ.
އިއްޔެ ޝަމްއޫން ވަނީ މެން ޝޮޓްޕުޓް އަދި ޖެވެލިން ތުރޯއިން އެއްވަނަ ހޯދައިފަ އެވެ. މިފަހަރުގެ މުބާރާތުގައި އޭނާ ހޯދި ތިން ރަން މެޑަލްއާ އެކު ގައުމީ މުބާރާތުގައި އޭނާ ހޯދި މެޑަލްގެ އަދަދު 27 އަށް އެރީ އެވެ. އެއާއެކު އޭނާ ވެފައި ވަނީ ފީލްޑް އިވެންޓްގައި އެންމެ ގިނަ މެޑަލް ހޯދި އެތުލީޓަށެވެ.
ޝަމްއޫން ބުނީ ގައުމީ މުބާރާތުގެ ފީލްޑް އިވެންޓްތަކުގައި އެންމެ ގިނަ މެޑަލް ހޯދި އެތުލީޓަކަށް އޭނާ ވާނެ ކަމަށެވެ. ގައުމީ މުބާރާތުގައި އޭނާ ވާދަކުރަން ފެށީ 2002 ވަނަ އަހަރު އެވެ. މިދިޔަ 19 އަހަރު ތެރޭ ހަތަރު އަހަރު ފިޔަވައި އޭނާ ވަނީ ކޮންމެ އަހަރަކު ވެސް މުބާރާތުގައި ވާދަކޮށްފަ އެވެ.
"އެންމެ ބޮޑު އުފަލަކީ މިހާރުވެސް އެތުލީޓެއްގެ ގޮތުގައި ގައުމީ މުބާރާތުގައި ވާދަ ކުރެވޭތީ. އަދި ބައިވެރިވި ކޮންމެ ފަހަރަކު ވެސް މެޑަލް އަކާއެކު ނިންމާލަމުން ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ،" ވޯލްޑް އެތުލެޓިކްސް ކޯޗިން ލެވެލް 1 އަދި 2 ވެސް ފުރިހަމަ ކުރި ޝަމްއޫން ބުންޏެވެ.
"އޭރު [2002 ގެ] ގައުމީ މުބާރާތުގައި ވާދަކުރި ގިނަ މީހުން ރިޓަޔާ ވެސް ކޮށްފި. އެކްޓިވްކޮށް އެތުލެޓިކްސް ތެރޭގައި ނުވެސް އުޅޭ. އެކަމަކު އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމަކީ މިހާރު ވެސް އެތުލީޓެއްގެ ގޮތުގައި ގައުމީ މުބާރާތުގައި ވާދަކުރެވުން."
ގައުމީ މުބާރާތުގައި އޭނާ ވާދަކުރަން ފެށީ އުމުރުން 15 އަހަރުގަ އެވެ. އެފަހަރުގެ މުބާރާތުގައި އޭނާ ވަނީ ޑިސްކަސް އުކުމުން ގައުމީ ރެކޯޑް ހަދައިފަ އެވެ. އެ ރެކޯޑް އެހެން އެތުލީޓަކު މުގުރާ ނުލާ އޮތުމަށް ފަހު އޭނާ އެ ރެކޯޑް އަލުން މުގުރާލީ އޭގެ 12 އަހަރު ފަހުން، 2014 ގެ ގައުމީ މުބާރާތުގަ އެވެ. ޖެހިގެން އައި ދެ މުބާރާތް ވެސް ވީ ޝަމްއޫން އަށް ކާމިޔާބު މުބާރާތަކަށެވެ. ޝޮޓްޕުޓް އިން 2015 ގައި ރެކޯޑް މުގުރާލި އެވެ. އަދި 2016 ގެ އެންމެ މޮޅު އެތުލީޓްގެ މަގާމު ހޯދި އެވެ.
ޑިސްކަސް ތުރޯގައިި ޝްމްއޫން އާ ވާދަކޮށް ދެވަނަ ހޯދި ޝަރްވާން ވަނީ ހައި ޖަމްޕްގައި ރަން މެޑް ހޯދައިފަ އެވެ. ހައި ޖަމްޕް ފައިނަލުގައި އޭނާ ވަނީ 1.79 މީޓަރު އުސްމިނުގައި ޖަމްޕް ޖަހައިފަ އެވެ. ދެވަނަ ހޯދި މުހައްމަދު ޖައިލަމް ވަނީ 1.55 މީޓަރު އުސްމިނަށް ޖަމްޕް ޖަހައިފަ އެވެ. ތިން ވަނަ ހޯދީ އަހްމަދު މުއާފް އެވެ. އޭނާ ޖަމްޕް ޖެހީ 1.50 މީޓަރު އުސްމިނުގަ އެވެ.
ފީލްޑް އިވެންޓްގެ އަންހެނުންގެ ޖެވެލިން ތުރޯގައި ކަސްޓަމްސްގެ އާމިނަތު ޝިއުރާ އަބްދުލް ބާރީ ވަނީ 25.47 މީޓަރަށް އެއްލައި ރަން މެޑަލް ހޯދައިފަ އެވެ. ދެވަނަ ހޯދި އާނާ އިބްރާހިމް އެއްލީ 22.34 މީޓަރަށެވެ. ތިންވަނަ ހޯދި ނީޝާ ހަލީމް އެއްލީ 21.83 މީޓަރަށެވެ. އަންހެނުންގެ ޝޯޓްޕުޓްގައި އެއްވަނަ ހޯދީ އައިޝަތު ޝާޔާ ޝަފީއު އެވެ. އޭނާ ވަނީ 8.92 މީޓަރަށް އެއްލައިފަ އެވެ. ދެވަނަ ހޯދީ އައިޝަތު އައިނީ މުހައްމަދު އެވެ. އޭނާ އެއްލީ 8.57 އަށެވެ. ތިންވަނަ ހޯދި ޑރ. ޝިފްލާ އަބްދުލް ލަތީފް އެއްލީ 7.85 މީޓަރަށެވެ.
ސާއިދު އަތުން މޮޅު އެތުލީޓްގެ އެވޯޑް ދޫވެ އިބާދުﷲއަށް
ރެކޯޑަކާ އެކު އެންމެ މޮޅު އެތުލީޓްގެ އެވޯޑް ފަސޫހާއަށް
މޯޑާއި ފަޒީލް: ގައުމީ މުބާރާތުން ބޮޑު ވާދަވެރިކަމެއް
އެންމެ މޮޅު އެތުލީޓުންނަކީ ސާއިދާއި ހިމްނާ
ރަން މެޑަލް އައިނީ އަށް، ޝާޔާ އަށް ކުރިއެރުން
މާލޭގެ ސިންތެޓިކް ޓްރެކުގައި ފުރަތަމަ ގައުމީ މުބާރާތް
ތަރިއަކީ އިބާދުﷲ، 800 މީޓަރު ފަސޫހާ އާއި ފަޒީލަށް
އެސްއޭ ގޭމްސްގެ ދެ ރަން މެޑަލިސްޓުން ގައުމީ މުބާރާތަށް
އުފަން ދުވަހު، ފަސޫހާ ގައުމީ ރެކޯޑް މުގުރާލައިފި
އޮލިމްޕިކްސްއަށް ފޮނުވުމުގައި ބޭއިންސާފެއް ނުވަން