Roadha Mihaaru
މާލޭގެ ސިންތެޓިކް ޓްރެކުގައި ފުރަތަމަ ގައުމީ މުބާރާތް

މާލޭގެ ސިންތެޓިކް ޓްރެކުގައި ފުރަތަމަ ފަހަރަށް ގައުމީ އެތުލެޓިކްސް މުބާރާތް

15 ނޮވެމްބަރ 2021

މާލޭގެ ކުޅިވަރު އެކުވެނީގައި ސިންތެޓިކް ޓްރެކް އެޅި ފަހުން ބާއްވާ ފުރަތަމަ ގައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕް އަންނަ ބުރާސްފަތި ދުވަހު ފަށަށް އިއުލާން ކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މާލޭގެ ކުޅިވަރު އެކުވެނީގައި ސިންތެޓިކް ޓްރެކް އެޅި ފަހުން ބާއްވާ ފުރަތަމަ ގައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕް އަންނަ ބުރާސްފަތި ދުވަހު ފަށަށް އިއުލާން ކޮށްފި އެވެ.

އިންޑިއާގެ އެހީގައި ކުޅިވަރު އެކުވެނީގައި އެޅި ސިންތެރިޓިކް ޓްރެކް ނިންމުމަށް ފަހު އެތަން ހުޅުވީ މި މިއަހަރު ޖެނުއަރީ މަހު އެވެ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް 2017 ވަނަ އަހަރު ހުޅުވިފަހުން އެންމެ ފަހުން ބޭއްވި ގައުމީ ޗެމްޕިއަންޝިޕްގެ ދެ މުބާރާތް ވެސް ބޭއްވީ އެތަނުގަ އެވެ. އެއީ 2018 އަދި 2019 ގަ އެވެ. ހުލުމާލޭ ޓްރެކްގައި ބޭއްވުމުން ކުޅިބަލަން ވަންނަ މީހުންނަށް ވެސް ފަސޭހަ އެވެ.

މާލޭ ޓްރެކްގައި، މުބާރާތް ބާއްވަން ނިންމުމުގައި އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ ބައެއް ކަންކަމަށް ރިއާޔަތް ކޮށްފަ އެވެ.

"އެންމެ ފުރަތަމަ ކަމަކީ މާލޭގައި ޓްރެކް ހުޅުވި ފަހުން އެތަނުގައި އެތުލެޓިކްސް މުބާރާތެއް ބޭއްވިފައި ނެތުން. މިއީ ޓްރެކް ހުޅުވުނު ފަހުން ބާއްވާ ފުރަތަމަ މުބާރާތް. އަނެއް ސަބަބަކީ އެތުލެޓިކްސް އަށް ހާއްސަ ތަނެއްގެ ގޮތުގައި ހެދި ފުރަތަމަ ބިމަކަށް އެބިން ވާތީ،" ބިން ހިއްކައިގެން ހެދި އެކުވެނި ދަނޑަަށް އިޝާރާތްކޮށް އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނަރަލް ސެކެރެޓްރީއަހްމަދު މުންތަގިމް ވިދާޅުވި އެވެ.

ޓްރެކް ހުޅުވި ދުވަހު އެ އުފާ އެންމެ ބޮޑަށް ހިއްސާ ކުރީ ކުރީގެ ދުވުންތެރިޔާ ޑރ. ހުސައިން ހަލީމް (ކުޑަ ހުސައިން) އެވެ. އޭނާގެ ކޭއެޗް ސްޕޯޓްސް މިފަހަރުގެ މުބާރާތުގައި ވެސް ވާދަ ކުރާނެ އެވެ.

ހުސެން ބުނިގޮތުގައި މާލޭގައި އަލަށް ޓްރެކެއް އަޅައިގެން މުބާރާތެއްގައި ވާދަކުރަން ފުރުސަތު ލިބުމަކީ ވާދަކުރާ އެތުލީޓުންނަށް ލިބޭނެ ހިތްހަމަޖެހުމެއް ކަމަށެވެ.

"ހަމަގައިމުވެސް ވާދަކުރާ ކުދިންނަށް ވަރަށް އެކްސައިޓް ކަމަކަށް ވާނެ،" ހުސައިން ބުންޏެވެ.

ގައުމީ އެތުލެޓިކްސް މުބާރާތް ބާއްވަނީ ދެ އަހަރަށް ފަހު އެވެ. މިދިޔަ އަހަރު ބާއްވަން އޮތް ގައުމީ ޗެމްޕިއަންޝިޕަށް ވެސް ވީ މިދިޔަ އަހަރު ކުޅިވަރުގެ ހުރިހާ މުބާރާތްތަކަށް ވެސް ވީގޮތެވެ. ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރު ބާއްވަން މަސައްކަތް ކުރި ދުނިޔޭގެ ކުޅިވަރުގެ ބޮޑެތި ހަރަކާތްތައް ހުއްޓުނު ގޮތަށް ރާއްޖޭގެ ޑޮމެސްޓިކް މުބާރާތްތައް ވެސް ހުއްޓުނީ އެވެ.

ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ޗެމްޕިއަންޝިޕްގައި 36 އިވެންޓެއްގައި 20 ޓީމު އަދި 219 އެތުލީޓުން ވާދަ ކުރާނެ އެވެ.