Roadha Mihaaru
ރަން މެޑަލް އައިނީ އަށް، ޝާޔާ އަށް ކުރިއެރުން

ޑިސްކަސް ތުރޯގެ ރަން މެޑަލް އައިނީއަށް، ޝާޔާ ކުރިއެރުން ހޯދައިފި

19 ނޮވެމްބަރ 2021

ގައުމީ އެތުލެޓިކްސް މުބާރާތުގެ ޑިސްކަސް ތުރޯ އިން އައިޝަތު އައިނީ މުހައްމަދު ރަން މެޑަލް ހޯދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ގައުމީ އެތުލެޓިކްސް މުބާރާތުގެ ޑިސްކަސް ތުރޯ އިން އައިޝަތު އައިނީ މުހައްމަދު ރަން މެޑަލް ހޯދައިފި އެވެ.

އެ އިވެންޓްގައި އިއްޔެ ވާދަކޮށް ރިހި މެޑަލް ހާސިލު ކުރި އައިޝަތު ޝާޔާ ޝަފީއު ވަނީ އޭނާ ނިންމި ގައުމީ ޓައިމް ޓްރެއަލް އަށް ވުރެ ކުރި އެރުން ހޯދައިފަ އެވެ. ޑިސްކަސް ތުރޯގެ ގައުމީ ރެކޯޑް އޮންނަނީ ޝާޔާ ޝަފީއު އަތުގަ އެވެ. މި އަހަރުގެ ޖެނުއަރީ މަހު ބޭއްވި ޓައިމް ޓްރެއަލްގައި ޝާޔާ ވަނީ 27.15 މީޓރަށް އެއްލައިފަ އެވެ. އިއްޔެ ފައިނަލުގައި އޭނާ އެއްލީ 28.21 މީޓަރަށެވެ.

ރަން މެޑަލް ހޯދި އައިނީ އެއްލީ 28.30 މީޓަރަށެެވެ. އައިނީ އާއި ޝާޔާ ތަމްސީލް ކުރި ކްލަބަކީ ޓްރެކް އެންޑް ފީލްޑެވެ. ތިންވަނަ ހޯދީ ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) ގެ ޑރ. ޝިފްލާ އަބްދުލް ލަތީފެވެ. އޭނާ އެއްލީ 23.99 މީޓަރަށެވެ.

ޝިފްލާ، އައިނީ ޝާޔާ

ޝިފްލާ، އައިނީ ޝާޔާ

ތުރޯއިންގައި ރާއްޖޭގެ އެންމެ ކާމިޔާބު އުކުރުންތެރިޔަކީ އިއްޔެ ދެ ރަން މެޑަލް ކަރުގައި އަޅުވާލި ހަސަން ޝަމްއޫން އެވެ. ގައުމީ މުބާރާތުގެ 2016 ގެ އެންމެ މޮޅު އެތުލީޓްގެ މަގާމު ހޯދި ޝަމްއޫން ވަނީ ޖެވެލިން ތުރޯއިން އަދި މެން ޝޮޓްޕުޓް އިން ރަން މެޑަލް ހޯދައިފަ އެވެ.

ޑީއެސްސީން ވާދަކުރި ޝަމްއޫން ވަނީ މެން ޝޮޓްޕުޓްގައި 10.23 މީޓަރަށް އެއްލައިފަ އެވެ. ދެވަނަ ހޯދީ ޑީއެސްސީގެ އާދަމް ހަލީމް އެވެ. އޭނާ އެއްލީ 9.37 މީޓަރަށެވެ. ތިންވަނަ ހޯދީ ކަސްޓަމް ރެކްރިއޭޝަން ކްލަބުގެ ހުސައިން ފުރުގާން އެވެ. އޭނާ އެއްލީ 8.67 މީޓަރަށެވެ.

ޝަމްމޫން

ޝަމްމޫން

ޖެވެލިން ތުރޯގައި ޝަމްއޫން އެއްވަނަ ހޯދީ 37.18 މީޓަރަށް އެއްލައިގެންނެވެ. ޓްރެކް އެންޑް ފީލްޑްގެ ޝަރުވާން އަބްދުލް ހަމީދު 36.87 މީޓަރަށެވެ. ހަމަ އެ ކްލަބުގެ އާދަމް ޝިޔާން 35.26 މީޓަރަށެވެ.

ފިރިހެނުންގެ ލޯންގް ޖަމްޕުގައި އެއްވަނަ ހޯދީ ޓްރެކް އެންޑް ފީލްޑްގެ އަހްމަދު ލަޔާން އެވެ. އޭނާ ޖަމްޕް ޖެހީ 6.38 މީޓަރަށެވެ. ދެވަނަ ހޯދީ ނުޖޫމް ހަސަން އެވެ. އޭނާ ޖަމްޕް ޖެހީ 6.10 މީޓަރަށެވެ. ތިންވަނަ ހޯދީ އިބާދުﷲ އާދަމް ޖަމްޕް ޖެހީ 6.9 މީޓަރަށް ށެެވެ.