Roadha Mihaaru
ތަރިއަކީ އިބާދުﷲ، 800 މީޓަރު ފަސޫހާ އާއި ފަޒީލަށް

ތަރިއަކީ އިބާދުﷲ، 800 މީޓަރު ފަސޫހާ އާއި ފަޒީލަށް

06 ސެޕްޓެމްބަރ 2024

ރާއްޖޭގެ ސްޕްރިންޓްގެ ގައުމީ ރެކޯޑް އޮންނަ ހަސަން ސާއިދު، ވާދަވެރި ފައިނަލެއްގައި ބަލިކޮށް އިބާދުﷲ އާދަމް 100 މީޓަރުގެ ރޭސް ކާމިޔާބުކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ރާއްޖޭގެ ސްޕްރިންޓްގެ ގައުމީ ރެކޯޑް އޮންނަ ހަސަން ސާއިދު، ވާދަވެރި ފައިނަލެއްގައި ބަލިކޮށް އިބާދުﷲ އާދަމް 100 މީޓަރުގެ ރޭސް ކާމިޔާބުކޮށްފި އެވެ.

އިއްޔެ ފެށި ގައުމީ މުބާރާތާ ހަމައަށް، ޑޮމެސްޓިކް މުބާރާތެއްގެ ފައިނަލުގައި ދިވެއްސެއްގެ އަތުން ސާއިދު ބަލިވެފައެއް ނުވެ އެވެ. އެކަމަކު އިއްޔެ އޮތް 100 މީޓަރު ފައިނަލުގައި އޭނާ ދިޔައީ ދެވަނަ އަށެވެ.

އިބާދުﷲ އެއްވަނަ ހޯދީ 10:59 ސިކުންތުން ރޭސް ނިންމައިގެންނެވެ. ސާއިދު އަށް ރޭސް ނިންމުނީ 10.67 ސިކުންތުންނެވެ. ތިންވަނަ ހޯދީ މުހައްމަދު މިންހާލް ޝާމިން އެވެ. އޭނާ ރޭސް ނިންމީ 10.74 ސިކުންތުންނެވެ.

އިއްޔެ ހަވީރުގެ ފައިނަލުގެ ކުރިން 100 މީޓަރުގެ ޕްރިލިމިނަރީ ބުރުގައި ސާއިދު އެއްވަނަ ހޯދި އެވެ. އެ ބުރުގައި އިބާދުﷲ ދިޔައީ ހަ ވަނަ އަށެވެ. ހުރިހާ ދުވުންތެރިން ވެސް އެ ބުރުގައި ދުވީ އާދައިގެ މިންވަރަކަށެވެ. އެއީ އެތުލެޓިކްސްގެ ތަޖުރިބާކާރުން ބުނާ ގޮތުންނަމަ ފައިނަލް އިވެންޓަށް ވަރުބަލި ނުވެ ދިއުމުގެ ގޮތުންނެވެ.

އަންހެނުންގެ 100 މީޓަރުގެ ޗެމްޕިއަންކަން ހޯދީ އަހްނާ ނިޒާރެވެ. އޭނާ ރޭސް ނިންމީ 12:33 ސިކުންތުންނެވެ. މީގެ ކުރިން ސްޕްރިންޓް އިވެންޓްތަކުން ވަނަ ހޯދި އާއިޝަތު ހިމްނާ ހަސަން ދިޔައީ ތިންވަނަ އަށެވެ. ދެވަނަ ހޯދީ އާއިޝަތު ޝަބާ ސަލީމެވެ. ކަސްޓަމް ރެކްރިއޭޝަން ކްލަބުން ވާދަކުރި ޝަބާ ދެވަނަ ހޯދީ 12.40 ސިކުންތުން ރޭސް ނިންމައިގެންނެވެ. ހިމްނާ ރޭސް 12.58 ސިކުންތުންނެވެ.

މިއަދު އޮތް 800 މީޓަރު ފައިނަލް އިވެންޓްތައް ކާމިޔާބު ފަސޫހާ އަހްމަދާއީ ހުސައިން ފަޒީލް ހާރޫނެވެ.

ފަސޫހާ ރޭސް ނިންމީ 2 މިނެޓާއި 15.96 ސިކުނތުންނެވެ. ތަޖުރިބާކާރު ދުވުންތެރިޔާ ޝަމްހާ އަހްމަދު ވެސް އެ ރޭހުގައި ވާދަކުރި އެވެ. އޭނާ ދިޔައީ ތިންވަނަ އަށެވެ. އިއްޔެ އޮތް 5000 މީޓަރު ފައިނަލުގައި ނޭޕާލްގެ ޝުރެސްތާ އާ ވާދަކޮށް ޝަމްހާ ދިޔައީ ދެވަނަ އަށެވެ. އަށްސަތޭކަ މީޓަރު ފައިނަލުގައި ދެވަނަ ހޯދީ ޒީކް އަޝްރަފް ރަޝީދެވެ.

ފިރިހެނުންގެ 800 މީޓަރުގެ އިތުރުން ފަޒީލް ވަނީ އިއްޔެ 5000 މީޓަރުގެ ރޭސް ވެސް ކާމިޔާބުކޮށްފަ އެވެ. އިއްޔެ ހެނދުނު އޮތް 5000 މީޓަރުގެ ފައިނަލުގައި ފަޒީލާ އެންމެ ގާތުން ވާދަކުރީ މުހައްމަދު ރަޝީދު (މޯޑް) އެވެ. އޭނާ ދިޔައީ ދެވަނަ އަށެވެ. މުހައްމަދު އިރުފާން ދިޔައީ ތިންވަނަ އަށެވެ.

މިއަދު ހެނދުނު އޮތް 800 މީޓަރު ފައިނަލުގައި ފަޒީލްއާ ވާދަކުރީ އަހްމަދު ވިސާމް އެވެ. ތިންވަނަ ހޯދީ އަބްދުﷲ އިކުރާމެވެ.

މިއަދު ހަވީރު 1،500 މީޓަރު އިވެންޓްގެ ފައިނަލް ވެސް އޮންނާނެ އެވެ.