Roadha Mihaaru
މޯޑާއި ފަޒީލް: ގައުމީ މުބާރާތުން ބޮޑު ވާދަވެރިކަމެއް

މޯޑާއި ފަޒީލް: ގައުމީ މުބާރާތުން ފެނުނު ވަރުގަދަ ވާދަވެރިކަމެއް

22 ނޮވެމްބަރ 2021

ނިމިގެން ދިޔަ ގައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕުން ފެނުނު އެންމެ ބޮޑު މަންޒަރަކީ ފިރިހެން ސްޕްރިންޓް އިވެންޓްތަކުގައި ހަސަން ސާއީދު ބީޓް ކޮށްލެވޭނެ ދެވަނަ ދުވުންތެރިޔަކު ނެތް ކަމެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ނިމިގެން ދިޔަ ގައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕުން ފެނުނު އެންމެ ބޮޑު މަންޒަރަކީ ފިރިހެން ސްޕްރިންޓް އިވެންޓްތަކުގައި ހަސަން ސާއީދު ބީޓް ކޮށްލެވޭނެ ދެވަނަ ދުވުންތެރިޔަކު ނެތް ކަމެވެ.

އެކަމަކު ދިގު ދުވުމުގެ އިވެންޓްތަކުގައި އޮތް ވާދަވެރިކަން ބޮޑު ކަމެވެ. ދިގު ދުވުމުގެ ދެ އިވެންޓުން ރަން މެޑަލް ހޯދި މުހައްމަދު ރަޝީދު (މޯޑް) އާއި އެ ދެ އިވެންޓްގައި ރިހި މެޑަލް ހޯދި ހުސައިން ފަޒީލް ހާރޫން (ފްލޭޝް)ގެ ވާދަވެރިކަން ބޮޑުވި އެވެ.

ގައުމީ އެތުލެޓިކްސް މުބާރާތުން ފެނުނު މޯޑް އާއި ފްލޭޝްގެ ވާދަވެރިކަމަކީ ރާއްޖޭގެ ދިގު ދުވުމުގައި އޮތް ފޯރި ހާމަކޮށްދޭ ކަމެކެވެ. އަދި އެ ދެ އެތުލީޓުންނާ އެކު ހުސައިން ރިޒާ ވަނަ ހޯދުމަކީ ދިގު ރާސްތާ ދުވުންތަކުގައި އެކަކަށް ޑޮމިނޭޓް ނުކުރެވޭނެކަން ސާބިތުކޮށްދިން ކަމެކެވެ. ކުޅިވަރުގައި ވާދަވެރިކަން އޮތުމަކީ މަގުބޫލް ސިފަ އެކެވެ. ތިން ރޭހުގައި ވެސް ފަޒީލްގެ ކުރީގައި މޯޑް އޮންނަން ޖެހުމުން ދިގު ރާސާތާ ދުވުމުގައި އާ ވާދަވެރިކަމެއް އުފައްދައިފި ކަމަށް ފެނެ އެވެ.

ފަޒީލް ކުރިން ވާދަކުރި ރޭހެއްގައި

ފަޒީލް ކުރިން ވާދަކުރި ރޭހެއްގައި

ރޯޑް އިވެންޓްތަކަށް ހާއްސަ މޯޑް ވަނީ 10،000 މީޓަރާއި 5،000 މީޓަރުގެ ރޭހުން ރަން މެޑަލް ހޯދައިފަ އެވެ. އެ ދެ ރޭހުގައި ވެސް ދެވަނައިގައި އޮތީ ފަޒީލެވެ. އެ ދެ އެތުލީޓުންނަށް ވެސް ކުރި ނުލިބުނު 1،500 މީޓަރުގެ ރޭހުގައި އެއްވަނަ ހޯދީ ހުސައިން ރިޒާ (ކުޑަ ރިޒާ) އެވެ. އެ ރޭހުގެ ދެވަނަ މޯޑް އަށެވެ. ތިންވަނަ ފަޒީލް އަށެވެ. އެކަމަކު މޯޑް ވެސް އަދި ފަޒީލް ވެސް ބުނެފައި ވަނީ އެ ދެ އެތުލީޓުންގެ ދެމެދުގައި ވާދަވެރިކަމެއް ނެތް ކަމަށެވެ.

"ދެ މީހުން ވެސް ވާދަކުރަނީ އެއް ޓީމަކުން. އެހެންވީމަ ތިބުނާ ވަރުގެ ވާދަވެރިކަމެއް ނޯންނާނެ،" ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) އިން ގައުމީ މުބާރާތުގައި ވާދަ ކުރި ފަޒީލް ބުންޏެވެ. ""ޓީމުން ކޮންމެ މީހަކު މޮޅު ވިޔަސް އަހަރެމެން އެންމެންނަށް ހިތްހަމަ ޖެހުން ލިބޭނެ."

މޯޑްގެ ވެސް ވާހަކަތައް ހުރީ އެކަހަލަ ރާގެއްގަ އެވެ. އޭނާ ބުނިގޮތުގައި އޭނާގެ ވާދަވެރިޔަކީ ފަޒީލެއް ނޫނެވެ. އޭނާގެ ވާދަވެރިންގެ ގޮތުގައި ތިބީ ޝިފާޒް މުހައްމަދު އާއި އަހްމަދު ޝަރަފެވެ.

"ސަބަބަކީ އަޅުގަނޑަކީ ރޯޑް އިވެންޓްތަކަށް ހާއްސަ މީހެއް،" މިފަހަރު ގައުމީ މުބާރާތުގައި ޓްރެކް އިވެންޓްތަކުން ކާމިޔާބު ހޯޯދި މޯޑް ބުންޏެވެ.

މޯޑް ކުރިން ވާދަ ކުރި ރޭހެއްގައި --- ފައިލް ފޮޓޯ

މޯޑް ކުރިން ވާދަ ކުރި ރޭހެއްގައި --- ފައިލް ފޮޓޯ

އެކަމަކު ގައުމީ މުބާރާތުގެ ކާމިޔާބަކީ މޯޑަށް ހާއްސަ އުފަލެއް ލިބުނު މުބާރާތެކެވެ. އޭގެ ސަބަބެއް ކަމަށް އޭނާ ބުނީ ގައުމީ މުބާރާތުގައި ލިބުނު ފުރަތަމަ ރަން މެޑަލް އަށް ވާތީ އެވެ.

ގައުމީ މުބާރާތުގައި މޯޑް އާއި ފަޒީލް އެކުގައި ވާދަކުރި އިވެންޓްތައް

- 10،000 މީޓަރު

މުހައްމަދު ރަޝީދު އެއްވަނައިގައި ރޭސް ނިންމީ 35:19.50 އިން

ފަޒީލް ދެވަނައިގައި ރޭސް ނިންމީ 35:47.64 އިން

- 5،000 މީޓަރު

މުހައްމަދު ރަޝީދު އެއްވަނައިގައި ރޭސް ނިންމީ 16:46.35 އިން

ފަޒީލް ދެވަނައިގައި ރޭސް ނިންމީ 16:57.90 އިން

- 1500 މީޓަރު

މުހައްމަދު ރަޝީދު ދެވަނައިގައި ރޭސް ނިންމީ 4:25.96 އިން

ފަޒީލް ތިންވަނައިގައި ރޭސް ނިންމީ 4:31.13

ގައުމީ މުބާރާތުގައި ފްލޭޝް ދުވަނީ

ގައުމީ މުބާރާތުގައި ފްލޭޝް ދުވަނީ

"ޑޮމެސްޓިކް މުބާރާތެއް ވެއްޖެ ނަމަ ކޮންމެ ކުޅިވަރެއްގައި ވާދަކުރާ މީހަކަށް ވެސް އެންމެ ހާއްސަ ވާނީ ގައުމީ މުބާރާތް. އެ މުބާރާތުން ފުރަތަމަ މެޑަލް ލިބުނީމަ ހާއްސަ އުފަލެއް އަޅުގަނޑަށް ލިބޭ،" މޯޑް ބުންޏެވެ.

"ތިއީ ތެދެއް މިއީ އަޅުގަނޑަށް ފަޒީލް އަށް ވުރެ ކުރި އެރުނު ފުރަތަމަ ފަހަރު. އެކަމަކު އެއީ ކޮންމެހެން ވަކި މީހަކު ބީޓްކުރެވިގެން ލިބޭ އުފަލެއް ނޫން. ގައުމީ މުބާރާތުން މެޑަލް ލިބުނީމަ އެ އުފާވެރިކަން އަންނާނެ."

އެކަމަކު ރޯޑް ރޭސްތަކުގައި ދުވާ މީހަކު ޓްރްކް އިވެންޓަށް ހާއްސަ ދުވުންތެރިން ބަލި ކުރުމަކީ ކުޑަ ކަމެއް ނޫނެވެ. ރަން މެޑަލް ނުލިބުނު 1،500 މީޓަރުގެ ރޭހުގެ އެންމެ ފަހު 150 މީޓަރާ ހަމައަށް ދިޔައިރު ވެސް މޯޑް އޮތީ ކުރީގަ އެވެ. އެ އިވެންޓްގެ ރޭހަށް ހާއްސަ ރިޒާ ކުރި ހޯދީ އެހާހިސާބުންނެވެ.

މޯޑް މެޑަލްއާ އެކު

މޯޑް މެޑަލްއާ އެކު

ތިން ރަން މެޑަލް ލިބުނު ނަމަ ފަހަރެއްގައި މުބާރާތުގެ އެންމެ މޮޅު އެތުލީޓްގެ މަގާމަށް މޯޑް، ސާއިދުއާ ވާދަކުރީހެެވެ. އެކަމަކު އޭނާ ދެކެނީ މި އަހަރު ކުރެވުނު މަސައްކަތާ ބަލާއިރު ގައުމީ މުބާރާތުން ލިބުނު ކާމިޔާބު ރަނގަޅަ ކަމަށެވެ.

ރޯޑް ރޭސްތަކުގައި މިދިޔަ ދެ މަހަކީ މޯޯޑް އަށް ބިޒީ ދެ މަހެވެ. އޭނާ ވަނީ ބާލިން މެރެތަން އާއި އިސްތަންބޫލް މެރަތަންގައި ވާދަކޮށްފަ އެވެ. ބާލިން މެރެތަންގައި މޯޑް ވަނީ ނޭޕާލްގެ މެރެތަން ޗެމްޕިއަން ގޯޕީ ޗަންދަރަ ޕާކީ އަށް ވުރެ އަވަހަށް ރޭސް ނިންމައިފަ އެވެ. ބާލިން މެރެތަންގައި ޕާކީ ރޭސް ނިންމީ 2:46:29 އިންނެވެ. މޯޑް ރޭސް ނިންމީ، 2:42:27 އިންނެވެ.