Roadha Mihaaru
ކޮވިޑްގައި ފިރިމީހާ މަރުވުމުން ނަރުހަކަށް ވާން ކިޔަވަނީ

ކޮވިޑްގައި ފިރިމީހާ މަރުވުމުން ނަރުހަކަށް ވާން ކިޔަވަނީ

18 ނޮވެމްބަރ 2021

ކޮވިޑް-19 ގައި ފިރިމީހާ މަރުވުމުގެ ކުރިން ހޮސްޕިޓަލްފައި ފަރުވާދިންއިރު ނަރުހުން ކުރި މަސައްކަތް ފެނި، އެ ދާއިރާ އަށް ހިތްޖެހުނު އިނގިރޭސި އަންހެނަކު ނަރުހަކަށް ވާން ކިޔަވަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19 ގައި ފިރިމީހާ މަރުވުމުގެ ކުރިން ހޮސްޕިޓަލްފައި ފަރުވާދިންއިރު ނަރުހުން ކުރި މަސައްކަތް ފެނި، އެ ދާއިރާ އަށް ހިތްޖެހުނު އިނގިރޭސި އަންހެނަކު ނަރުހަކަށް ވާން ކިޔަވަން ފަށައިފި އެވެ.

ކާޑިފްގެ ޔުނިވަސިޓީ ހޮސްޕިޓަލް އޮފް ވޭލްސްގެ އައިސީޔޫގައި ފަރުވާދެނިކޮށް ރެޗެލް އޮހީން-އެޖީގެ ފިރިމީގާ އެރިކް، 46، މަރުވީ މި އަހަރުގެ އެޕްރީލް މަހުގެ 17 ވަނަ ދުވަހު އެވެ. ކޮވިޑްގައި ފިރިމީހާ މަރުވެ، ރެޗެލް ހުވަފަތްވީ އިރު، ތިން ކުދިން ވެސް އެބަ ތިއްބެވެ. އެއީ އިސާކް، 12، އާއި ޖެކޮބް، 9، ގެ އިތުރުން އެބަނީ، 8، އެވެ. ސެކިއުރިޓީ ގާޑެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ އެރިކް އާއި ރެޗެލް ކައިވެނިކުރީ 2007 ގަ އެވެ.

މިހާރު ފިރިމީހާއާ ނުލައި ތިން ކުދިން ބަލަން ޖެހިފައިވާ މަންމަ ނަރުހަކަށްވުމުގެ މަސައްކަތް ފަށާފައި މި ފަށާފައި އޯ ލެވެލް އަށް ކިޔަވަމުންނެވެ. އެއީ އިނގިރޭސި އާއި ހިސާބުން ކުރިން ފާސްވެފައި ނުވާތީ އެވެ. ނަރުހަކަށް އެޕްލައިކުރާ އިރު އެ ދެ މާއްދާ އިން ފާސްވެފައި އޮންނަން ޖެހެ އެވެ.

"ބޭނުން ވަނީ ދެން ނަރުހަކަށްވެގެން ހިދުމަތްކުރަން." އޭނާ ބުންޏެވެ.

އެރިކް ތިން ކުދިންނާ އެކު.

އެރިކް ތިން ކުދިންނާ އެކު.

ރެޗެލް ކިޔައިދިން ގޮތުގައި ފިރިމީހާއަށް ފެބްރުއަރީ މަހު ކޮވިޑް ޖެހި މަރުވުމުގެ ކުރިން ހޮސްޕިޓަލްގެ އައިސީޔޫގައި ބާއްވައިގެން ފަރުވާދިން އިރު، ނަރުހުންގެ މަސައްކަތް ވަަރަށް ގާތުން ފެނުނެވެ. އަދި ކުރިން ނޭނގޭ ވަރަށް ގިނަ ކަންކަން ފިރިމީހާ އެޑްމިޓްކޮށްފައި އޮތް ދުވަސްކޮޅު ހޮސްޕިޓަލްގެ މަސައްކަތްތައް އެނގުމުން ނަރުހަކަށް ވެގެން ސިއްހީ ދާއިރާ އަށް ހިދުމަތްކުރުމުގެ ބޭނުންތެރިކަމާއި ޝައުގުވެރިކަން އުފެދުނު ކަމަށް ބުންޏެވެ.

"އެހާ ދުވަސްކޮށްފައި އަލުން ކިޔަވަން ނިންމީ ފިރިމީހާ ދީފައިވާ ހިތްވަރުގެ ސަބަބުން." ސެޕްޓެމްބަރު މަހު ކިޔަވަން ރެޗެލް ބުންޏެވެ.

ރެޗެލް ބުނީ ކުރިން އޭނާ އަކީ ލަދުރަކި އަދި އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ކުޑަ މީހެއް ކަމަށެވެ. އެހެންވެ އޯ ލެެވެލްގައި އިނގިރޭސި އާއި ހިސާބުން ފާސްނުވުމުން ފަހުން ކިޔެވުމާ މުޅިން ދުރުވީ އެވެ.

"އެންމެ ފަހު ވަގުތާ ހަމައަށް ވެސް ފިރިމީހާ އަކީ އަހަންނަށް އަބަދު ވެސް ކަންކަން ކުރަން ހިތްވަރު ދެމުން ދިޔަ މީހެއް. އަހަންނަށް މިހާރު އަމިއްލަ ނަފުސަށް ކުރެވޭ އިތުބާރަކީ ފިރިމީހާ ދިން ހިތްވަރު." ރެޗެލް ބުންޏެވެ.

އޭނާ ބުނީ އޯ ލެވެލް އިން ރަނގަޅު ނަތޯޖާއެއް ހޯދައި، ނަރުސްކަން ކިޔަވަން ކުރިމަތިލައިގެން އެކަން ކާމޮޔާބުކޮށްފައި ނޫނީ ހުއްޓައެއް ނުލާނެ ކަމަށެވެ.

ފިރިމީހާ އެރިކްއާ އެކު ރެޗެލް.

ފިރިމީހާ އެރިކްއާ އެކު ރެޗެލް.

"މިކަހަލަ ދާއިރާއެއްގެ ބޭނުންތެރިކަން ކިހާ ބޮޑުކަން މި ޕެންޑެމިކްގެ ތެރެއިން ވަރަށް ބޮޑަށް ވަޒަން ކުރެވިއްޖެ. އަހަރެން ވަރަށް ގާތުން ދެކުނިން ފިރިމީހާ މަރާ ހަނގުރާމަކުރަމުން ދިޔަ އިރު ނަރުހުން ކުރި މަސައްކަތް. އަދި އަހަންނަށް އެ ދަނޑިވަޅުގައި އެންމެ ބޮޑަށް ހިތްވަރުދިން ބަޔަކީ ވެސް ނަރުހުން." ރެޗެލް ބުންޏެވެ. "އެހެންވެ އެ މަސައްކަތަށް ވަރަށް ބޮޑު ގަދަރަކާއި އިހުތިރާމެއް އެބައޮތް. ނަރުހުންނަކީ ވަރަށް އޯގާތެރި ހިތްހެޔޮ ބައެއް."

އޭނާ ބުނީ ފިރިމީހާ އަށް ފަރުވާދިން ޓީމްގައި ހިމެނުނު ޑރ. ނިކް ސްޓަލާޑަކީ ވެސް އާ ކެރިއަރާއި ކުރިއަށްދާން ހިތްވަރު ދެމުން އަންނަ މީހެއް ކަމަށެވެ.

"އަހަރެން ނަރުހަކަށް ވާން ބޭނުންވާ ވާހަކަ ބުނީމަ އޭނަ އެކަމާ ވަރަށް އުފާކޮށް ހިތްވަރު ދެއްވި. ވިދާޅުވި މާ ދުރު ނޫން މުސްތަގުބަލެއްގެ ތެރޭގައި އަހަރެން ނަރުހެއްގެ ޔުނިފޯމްގައި ފެންނާނެ ކަމަށް އިންތިޒާރު ކުރަމޭ." ރެޗެލް ބުންޏެވެ.

އޭނާ މިހާރު އާ އަމާޒަކަށް، އާ ކެރިއަކަށް މަސައްކަތްކުރާ އިރު އާއިލާ އާއި ރަށްޓެހިންގެ އިތުރުން ފިރިމީހާ މަސައްކަތްކުރި ކުންފުނީގެ ފަރާތުން ވެސް ވަރަށް ބޮޑު އެހީތެރިކަމާއި އެއްބާރުލުމެއް އަންނަނީ ދެމުންނެވެ.