Roadha Mihaaru
"އަޑުގަދަކަމުން" ވަކިކުރި ލެކްޗަރާއަކަށް 136,000 ޑޮލަރު

"އަޑުގަދަކަމުން" ޔުނިވަސިޓީއަކުން ވަކިކުރި ލެކްޗަރާއަކަށް ބަދަލަށް 136,000 ޑޮލަރު ދޭން އަމުރުކޮށްފި

20 ޖެނުއަރީ 2022

"އަޑުގަދަކަމުން" އެކަމާ ކުޅަދާނަ ނުވެގެން އިނގިރޭސިވިލާތުގެ ޔުނިވަސިޓީއަކުން ވަކިކުރި ލެކްޗަރާ އަކު އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން ލިބުނު ގެއްލުމުގެ ބަދަލަށް 100،000 ޕައުންޑް (136,356 ޑޮލަރު) ދޭން އަމުރުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

"އަޑުގަދަކަމުން" އެކަމާ ކުޅަދާނަ ނުވެގެން އިނގިރޭސިވިލާތުގެ ޔުނިވަސިޓީއަކުން ވަކިކުރި ލެކްޗަރާ އަކު އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން ލިބުނު ގެއްލުމުގެ ބަދަލަށް 100،000 ޕައުންޑް (136,356 ޑޮލަރު) ދޭން އަމުރުކޮށްފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި "ބޭއިންސާފުން ހައްގަކާ ނުލައި" އެގްޒެޓާ ޔުނިވަސިޓީގެ ލެކްޗަރާއެއްގެ މަގާމުން 2019 ގެ އެޕްރީލްގައި ވަކިކުރީ އެތަނުގައި 30 އަހަރު މަސައްކަތްކުރައްވާފައިވާ ޑރ. އެނެޓް ޕްލޯޓް، 60، އެވެ. އޭނާ އަކީ އެ ޔުނިވަސިޓީގެ ފިޒިކްސް ޑިޕާޓްމަންޓްގައި އިސްކޮށް މަސައްކަތްކުރައްވަމުން ގެންދެވި ލެކްޗަރާއެކެވެ.

އެގްޒެޓާ ޔުނިވަސިޓީން ބުނި ގޮތުގައި އެނެޓް ވަކިކުރީ އޭނާ ކިޔަވައިދެއްވި ޕީއެޗްޑީ ދަރިވަރުންގެ ފަރާތުން ތަކުރާރުކޮށް ލިބެމުން ދިޔަ ޝަކުވާތަކާ ހެދި އެވެ. ޓްރައިބިއުނަލް މަރުހަލާގައި ޔުނިވަސިޓީން ވަނީ އެނެޓް "މާމައިޓްއެއް" ގެ ގޮތުގައި ސިފަކޮށް އޭނާ ވާހަކަ ދައްކާ އިރު، އަޑު ބާރުކަމުން ބޮލަށް އުނދަގޫވެ، ފިލާވަޅު ނަގައިގަތުމަށް ދަތިވާކަމުގެ ޝަކުވާތައް ވެސް ދަރިވަރުންގެ ފަރާތުން ވަރަށް ބޮޑަށް ލިބެމުން އައި ކަމަށް ބުނެފަ އެވެ.

މިކަމާ ގުޅިގެން މެދުއިރުމަތީގެ ޔަހޫދީ އާއިލާއަކަށް ނިސްބަތްވާ އަދި ދެވަނަ ބޮޑު ހަނގުރާމައިގެ ކުރިން އާއިލާއާ އެކު ޖަރުމަނަށް ހިޖުރަކޮށް އެތަނުގައި އުޅެބޮޑުވި އެނެޓް ވިދާޅުވެފައި ވަނީ އޭނާ އަޑުގަދައީ ނޫން ކަމަށާއި އެއީ ގުދުރަތީ ގޮތުން ވެސް އަޑު ހުންނަ ގޮތް ކަމަށެވެ. އަދި އެކަމާ ގުޅުވައިގެން އޭނާ ވަޒީފާ އިން ވަކިކުރާނެ ކަމުގެ އިންޒާރު ވެސް ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި ދީފައިވާ ކަމަށް އެނެޓް ވިދާޅުވި އެވެ.

މި މައްސަލާގައި އެކްޒެޓާ ޔުނިވަސިޓީގެ މައްސަލަ ޓްރައިބިއުނަލަށް އޭނާ ހުށަހެޅީ ނަސްލީ ގޮތުންނާއި ޖިންސީ ގޮތުން ވެސް ތަފާތު ތަފާތުކުރުމުގެ އަމަލެއްގެ ގޮތުގަ އެވެ. އަދި މަގާމުން ވަކިކުރި އިރު، އަޑުގައި ހުންނަ "ބާރުކަމާއި ހަރުކަށި ކަމަށް" ފަރުވާ ވެސް ހޯދަން ފާއިތުވި ތަނުގައި ވަރަށް ބޮޑަށް މަސައްކަތްކުރެއްވި ކަމަށް އެނެޓް ވިދާޅުވި އެވެ. ޓްރިބިއުނަލް އިން އޭނާ އެއްކޮޅަށް މައްސަލަ ނިންމީ އެކަން ކަމަށް ބެލުމަށް ފަހު އެވެ.

އެނެޓަށް ބަދަލުދޭން އެގްޒެޓާ ޔުނިވަސިޓީ އަށް އަމުރުކުރި ނަމަވެސް، ޓްރައިބިއުނަލް އިން ވަނީ މިކަމަކީ ނަސްލީ ގޮތުންނާއި ޖިންސީ ގޮތުން ޔުނިވަސިޓީން އެޅި ފިޔަވަޅެއް ނޫން ކަމަށް ނިންމައިފަ އެވެ.

އެގްޒެޓާ ޔުނިވަސިޓީން ބުނީ ބަދަލު ދޭން އެންގި އެންގުން އިސްތިއުނާފުކުރަން ނިންމާފައިވާ ކަމަށެވެ.