18 ނޮވެމްބަރ 2021
މި ވެރިކަމަށް ތިން އަހަރު ވި އިރު ހިންގި ތަރައްގީގެ މަޝްރޫއެއް ނުފެނެ އެވެ. އިދިކޮޅުން އަމާޒުކުރާ މި ފާޑުކިއުމަށް ރައްދުދީ ސަރުކާރު ދިފާއުކުރާ ބައެއް މީހުންގެ ޖަވާބަކީ މި އެވެ. ތަރައްގީގެ ބޮޑު ބައި އޮތީ އަޑީގަ އެވެ. ރައްޔިތުންގެ އެންމެ އަސާސީ މަޝްރޫއުތައް ބާރަށް އެބަ ހިނގަ އެވެ.
މި ވެރިކަމަށް ތިން އަހަރު ވި އިރު ހިންގި ތަރައްގީގެ މަޝްރޫއެއް ނުފެނެ އެވެ. އިދިކޮޅުން އަމާޒުކުރާ މި ފާޑުކިއުމަށް ރައްދުދީ ސަރުކާރު ދިފާއުކުރާ ބައެއް މީހުންގެ ޖަވާބަކީ މި އެވެ. ތަރައްގީގެ ބޮޑު ބައި އޮތީ އަޑީގަ އެވެ. ރައްޔިތުންގެ އެންމެ އަސާސީ މަޝްރޫއުތައް ބާރަށް އެބަ ހިނގަ އެވެ.
އެ މީހުން ބުނާ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ މި ތިން އަހަރުގެ ތެރޭގައި ހިންގަމުން އަންނަ ގިނަ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަކީ އެހެން ސަރުކާރުތަކުން "ބިންގާ އަޅާލަ އަޅާލަ" ތިބި ފެނާއި ނަރުދަމާ އާއި ބަނދަރާއި މަގު ހެދުމާއި ކުޅިވަރު ދަނޑުތައް އެޅުމާއި ކަރަންޓު ފަދަ މަޝްރޫއުތަކެވެ.
"ސީދާ ރަށްރަށުގެ ރައްޔިތުންނާ ގުޅުން ހުރި މުހިންމު މަޝްރޫއުތަކެއް މިއީ. ނަރުދަމާ ވަޅުލުމާއި ފެނާއި ކަރަންޓު އަދި ސާފު ބޯފެން ފޯރުކޮށް ދީ ރަށްރަށުގެ ރައްޔިތުންނަށް އަޅައިލި ހަމައެކަނި ރައީސްއަކީ އިބޫ،" އެމްޑީޕީގެ އެކްޓިވިސްޓަކު ބުންޏެވެ.
އެ ވާހަކައަށް ބާރު ދެއްވަމުން، ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވެސް މިސާލު ޖެއްސެވީ ރަށްރަށުގައި ހިނގާ މަޝްރޫއުތަކުންނެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ރަށުގައި މިދިޔަ 40 އަހަރު ތެރޭ ބޭއްވި ހުރިހާ އިންތިހާބެއްގައި އެންމެ ބޮޑު އެއް ވައުދަކީ ރަށުގެ ޒުވާނުންނަށް ފުޓުބޯޅަ ކުޅޭނެ ބޮޑު ދަނޑެއް އެޅުމެވެ. އެކަންތައް ނިންމައި "ހެޔޮ ފާހަގަ ޖަހަނީ" ހަމައެކަނި މި ސަރުކާރުން ކަމަށް ޔައުގޫބް ވިދާޅުވި އެވެ.
"ކޮންމެ އިންތިހާބަކާ ދިމާކޮށް މިދިޔަ 40 އަހަރު ތެރޭގައި ފުޓުބޯޅަ ދަނޑެއްގެ ވާހަކަ ދައްކާ. އޭރު އޮންނަ ރާކާފް ކޮމިޓީ އިންތިހާބަކަސް ދައްކާނީ ހަމަ އެ ފުޓުބޯޅަ ދަނޑު އަޅާ ވާހަކަ. މި ސަރުކާރުން މިހާރު އެ ނިންމަނީ އެ މަޝްރޫއު. އެއީ ތަފާތަކީ،" އޭނާ ވިދާޅުވި އެވެ.
ރައީސް ފުޓުބޯޅަ ދަނޑެއް ހުޅުވައި ދެއްވަނީ: މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ހިންގި ތަރައްގީގެ މަޝްރޫއެއް ނުފެންނަ ކަމަށް އިދިކޮޅުގެ ފާޑުކިއުން ބޮޑު. -- ފޮޓޯ/ ރައީސް އޮފީސް
މިދިޔަ ތިން އަހަރުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ނަމްބަރުން ބަލާ ނަމަ ނޮވެމްބަރު 17، 2018ގެ ފަހުން ފެށި ފެނާއި ނަރުދަމާގެ 56 މަޝްރޫއެއްގެ މަސައްކަތް އެބަ ހިނގަ އެވެ. އިތުރު 62 މަޝްރޫއެއް ވަނީ އެކި ކުންފުނިތަކާ ހަވާލު ކޮށްފަ އެވެ. މީގެ އިތުރުން 25 ބަނދަރެއް ހަދައި ނިންމި އިރު 39 ބަނދަރެއްގެ މަސައްކަތް ވެސް ކުރިޔަށް އެބަދެ އެވެ. އަދި އިތުރު ނުވަ ބަނދަރެއް ހަދަން ވަނީ ބަޔަކާ ހަވާލު ކޮށްފަ އެވެ.
ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ކަށަވަރު ކޮށްދިނުމަށްޓަކައި އިންޖީނުގެ އިމާރާތް ކުރުމުގެ 22 މަޝްރޫއެއް ފެނަކަ މެދުވެރިކޮށް ހިންގާފައިވެ އެވެ. އަދި ޖަނަރޭޓަރު ފޯރު ކޮށްދިނުމާއި ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ 378 މަޝްރޫއެއް ވަނީ ނިންމާފަ އެވެ.
ތިން އަހަރު ތެރޭގައި ކުރީގެ ހުރިހާ ސަރުކާރުތަކުން ހިންގާފައިވާ މަޝްރޫއުތަކަށް ވުރެ މި ސަރުކާރުން ހިންގި މަޝްރޫއުތައް ނަމްބަރު ބަލާއިރު ގިނަ ވާނެ. -- އޮފިޝަލެއް
ކުޅިވަރުގެ ދާއިރާ އިން މި ސަރުކާރުން ފެށި 109 މަޝްރޫއެއް ނިންމާފައިވާ އިރު އެ ދާއިރާގެ އިތުރު 77 މަޝްރުއެއްގެ އަމަލީ މަސައްކަތް ކުރިޔަށް ދާ ކަމަށް ރައީސް އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. އަދި 10 މަޝްރޫއެއް ވަނީ ބަޔަކަށް ކޮންޓްރެކްޓް ކޮށްފަ އެވެ.
"ތިން އަހަރު ތެރޭގައި ކުރީގެ ހުރިހާ ސަރުކާރުތަކުން ހިންގާފައިވާ މަޝްރޫއުތަކަށް ވުރެ މި ސަރުކާރުން ހިންގި މަޝްރޫއުތައް ނަމްބަރު ބަލާއިރު ގިނަ ވާނެ،" ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި އެވެ.
އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަފާތު ދެއްކި ކަމަކީ ގިނަ ބަޔަކު ދެކޭ ގޮތުގައި ކޮވިޑް-19 ގެ އުނދަގޫ ދުވަސްތަކުގައި ވެސް ގައުމު ހުއްޓުވާފައި ނުބޭއްވުމެވެ. މުޅި ކޮވިޑް ހަމަޔަކަށް އަޅުވަމުން ބައެއް ރަށްރަށް މޮނިޓަރިންނަށް ލަމުން ވެސް ތަރައްގީގެ މަޝްރޫއުތައް ހިނގުމެވެ.
"އެހެން ސަރުކާރެއް ނަމަ ވަރަށް ފަސޭހައިން ބޯ ދަމައިގަނެވިދާނެ އެވަރުގެ ޕެންޑަމިކެއް އައީ އޭ ކިޔާފައި. ކޮވިޑަކީ އުޒުރެއް، އެކަމަކު މި ސަރުކާރުން އެކަމަށް ނުބަލާ މަޝްރޫއުތައް މަޑުޖައްސާ ނުލައި އަސާސީ ހައްގުތަކާ ގުޅޭ ޕީއެސްއައިޕީ ޕްރޮޖެކްޓުތައް ހުއްޓުމެއް ނެތި ކުރިޔަށް ގެންދިޔަ،" ޔައުގޫބް ވިދާޅުވި އެވެ.
ޔައުގޫބް ވިދާޅުވި ގޮތުގައި އިގްތިސާދު ހިފަހައްޓަން ރައީސް ކުރެއްވި ގިނަ މަސައްކަތްތަކަކީ ގިނަ ބަޔަކު ހީވެސް ނުކުރާ ވަރުގެ ބޮޑު މަސައްކަތެކެވެ.
ރައީސް ރަށަކަށް ކުރެއްވި ޒިޔާރާތުގައި: ކޮވިޑުގައި މަޝްރޫއުތައް ހުއްޓާނުލައި ސަރުކާރުން ކުރިއަށް ގެންދިޔަ. -- ފޮޓޯ: ރައީސް އޮފީސް
އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއަށް އާމްދަނީ ލިބޭ ހަމައެކަނި ދޮރު ބަންދު ކޮށްފައި އޮތް ނަމަވެސް އެކި ދިމާދިމާލުން އެހީތައް ހޯދައި، ފައިސާ ނެރޭނެ ގޮތްތައް މަގުފަހިކޮށް ގިނަ ރައްޔިތުންތަކަކަށް ވަނީ ކޮވިޑްގެ ދަތިތަކުން އަރައިގަތުމަށް އެހީތެރިކަން ވެސް ދެއްވެވި އެވެ.
"މިއީ ލޮލަށް ނުފެނުނަސް ހައްތަހާވެސް ތަރައްގީ. ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި އެޅި ފިޔަވަޅުތައް،" ޔައުގޫބް ވިދާޅުވި އެވެ.
ރައީސަށް ތާއީދު ކުރާ ބައެއް މީހުން ކޮވިޑާ ހެދި އަދި ލިބުނީ ދެ އަހަރު ކަމަށް ބުނެ އެވެ. ނަމަވެސް ކޮވިޑްގެ ދަތި ދުވަސްވަރު ރަށްރަށުގައި ބަހާލައިގެން މީހުން ނެރެ މަސައްކަތްތައް ހިންގާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ކޮމެންޓު ކުރި މީހަކު ބުންޏެވެ.
މި ސަރުކާރަށް ބާކީ އޮތީ ދެ އަހަރެވެ. ކޮވިޑްގެ ބަނަކަން އަދި މުޅިން ފިލައިގެން ނުދާއިރު "ސިޔާސީ ވައިރަސް" ތަކެއް ވެސް އަންނާނެ ކަމަށް މަސްރަހު ކައިރިން ބަލާ މީހުން ލަފާ ކުރެ އެވެ. ނަމަވެސް ސަރުކާރުން ވަނީ އުމްރާނީ ތަރައްގީގެ ބޮޑެތި ބިޔަ މަޝްރޫއުތަކެއް ހިންގަން ވިސްނައިފަ އެވެ. ބޯހިޔާވަހިކަމާއި ބްރިޖު ފަދަ ބޮޑެތި އެތައް ކަމެއް ރައީސްގެ ލިސްޓުގައި ހިމެނެ އެވެ. ދެން ސުވާލަކީ މި ސްޕީޑަށް ރައްޔިތުން ދޭނީ ކިތައް މާކްސް ހެއްޔެވެ؟
މަޝްރޫއުތަކަށް އެއް ބިލިއަން ހަރަދުކޮށްފިން: ސަރުކާރު
4 އަހަރުގެ ބިޔަ މަޝްރޫއަކީ "ގަދަރުވެރި ރައްޔިތެއް"!
ކުރިން ނުކޮށްދެވޭ ވަރުގެ މަސައްކަތް ކުރެވިއްޖެ: ރައީސް
މަޝްރޫއުތަކެއް ފެއްޓެވުމަށް ރައީސް ހުވަދޫގެ 3 ރަށަކަށް
ގިރާވަރު ފަޅު ތަރައްގީ ކުރާނެ އިންވެސްޓަރުން ހޯދަނީ
4 އަހަރު: މުޅި ނިޒާމާއި ތަރައްގީއަށް ބޮޑު ބަދަލެއް
ފިނޭ ވަށާލާފައި އޮތީ 40އަހަރުން ނުލިބުނު އުފާވެރިކަން
ދަތުރުފަތުރުގެ އިންގިލާބީ ބަދަލު އިފްތިތާހްކޮށްދެއްވައިފި
ފިނޭގެ ބޮޑު ތިން މަޝްރޫއު ނިންމައި ހިދުމަތް ފަށައިފި
އެންމެ ބޮޑު ވައުދުގައި ނައިވާދޫ ވެސް ހިމެނިއްޖެ:ރައީސް