Roadha Mihaaru
މަހްލޫފް މައްސަލަ ނިންމަން އެންމެފަހުން ތާރީހެއް!

މަހްލޫފް މައްސަލަ ނިންމަން އެންމެފަހުން ތާރީހެއް!

14 ނޮވެމްބަރ 2021

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުވާ އުފުލައިދޭން އެދި މިދިޔަ ޖޫން މަހު ފޮނުވާފައިވާ މައްސަލައިގައި އަންނަ ހަފުތާގެ ތެރޭގައި ގޮތެއް ނިންމޭނެ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުވާ އުފުލައިދޭން އެދި މިދިޔަ ޖޫން މަހު ފޮނުވާފައިވާ މައްސަލައިގައި އަންނަ ހަފުތާގެ ތެރޭގައި ގޮތެއް ނިންމޭނެ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

މަހްލޫފްގެ މައްޗަށް ދައުވާކުރަން ފޮނުވީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ތަހުގީގީ އިދާރާތަކުން ގުޅިގެން ހިންގާ ތަހުގީގަށް ފަހު އެވެ. ހިޔާނާތުގެ ދައުވާ އުފުލައިދޭން ޕީޖީ އޮފީހަށް ފޮނުވުމާ އެކު އޭނާ މަގާމުން އެކަހެރި ކުރި އެވެ. އެކަމަކު ދައުވާކުރުމާ މެދު ގޮތެއް ނުނިމި ޕީޖީ އޮފީހުގައި އެ މައްސަލަ ދިގުލައިގެން ދިއުމުން ރައީސް އޮފީހުން މިދިޔަ މަހުގައި ވަނީ މަހްލޫފްގެ ސަސްޕެންޝަން އުވާލައިފަ އެވެ.

ޕީޖީ އޮފީހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މަހްލޫފަށް ދައުވާ ކުރަނީ ކޮން އިރަކުތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޕީޖީ ވިދާޅުވީ އެ މައްސަލައިގައި އަންނަ ހަފުތާގެ ކުރީކޮޅަށް ގޮތެއް ނިންމޭނެ ކަމަށެވެ. މަހްލޫފްގެ މައްސަލަ ލަސްވަނީ ނުފޫޒާ ހެދި ކަމަށް އުފައްދާ ސުވާލަށް ޖަވާބު ދެއްވަމުން މިއަދު ވެސް ވިދާޅުވީ އެއްވެސް ނުފޫޒެއް އެއްވެސް މައްސަލައެއްގައި ނެތް ކަމަށެވެ.

"އަޅުގަނޑަކަށް އެއްގޮތަކަށް ވެސް ނުފޫޒެއް ނެތް. ސަރުކާރުން އަޅުގަނޑަކަށް ނުފޫޒެއް ނުފޯރުވާ،" ޕީޖީ ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ހިންގާ ޖޮއިންޓް ތަހުގީގަށް ފަހު މަހްލޫފްގެ މައްޗަށް ދައުވާކުރަން ފޮނުވީ 33،000 ޑޮލަރު ރިޝްވަތުގެ ގޮތުގައި ލިބުނު ކަމަށް ބުނާ މައްސަލައިގައި ޖޫން، 9، 2021 ގަ އެވެ. މި މައްސަލައިގައި ގޮތެއް ނުނިމި ޕީޖީ އޮފީހުގައި ތާށިކޮށްފައި އޮތް މައްސަލައިގައި މަހްލޫފް ވެސް ވަނީ ފާޑުވިދާޅުވެފަ އެވެ.

ޕީޖީ އޮފީހުން ކުރިން ބުނަމުން އަންނަނީ މި މައްސަ ލަސްވަނީ ތަހުގީގީ އިދާރާތަކުން ލިއުންތަކެއް ހަމަނުވެގެން ކަމަށެވެ. އެހެން މައްސަލަތަކެކޭ އެއްގޮތަށް މަހްލޫފް މައްސަލައިގައި ވެސް ދައުވާ ކުރާނީ އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދާފައި ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.

މަހްލޫފްގެ މައްސަލައިގައި އޭސީސީން ނެރުނު ބަޔާނުގައި ބުނީ އެމްއެމްޕީއާރުސީގެ ފައިސާ އިން މަނީ ލޯންޑްރިން ހިންގި ކުންފުނި އެސްއޯއެފުން މަހްލޫފަށް ޖަމާކޮށްދިން 33،000 ޑޮލަރަކީ ސިޔާސީ ގޮތުން ބޭނުންވި ވަކި މަގްސަދުތަކެއް ހާސިލްކުރުމުގެ މުގާބިލްގައި ދީފައިވާ ފައިސާއެއްކަން ތަހުގީގަށް އެނގިފައިވާ ކަަމަށެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި ސްޕްޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލްގައި ލިބިފައިިވާ ފައިސާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

އޭސީސީން ބުނި ގޮތުގައި މެލޭޝިއާގައި ހުންނެވުމަށް ފަހު މަހްލޫފް ރާއްޖެ ވަޑައިގަތީ އެސްއީޒެޑް ބިލް ފާސްކުރަން އޮތް ދުވަހު ސީދާ ވޯޓަށެވެ. އެ ބިލް ފާސްކުރީ އޮގަސްޓް 27، 2014، ގަ އެވެ.

އެ ކޮމިޝަނުން ބުނެފައިވާ ގޮތުގައި އެ ވޯޓަށް ފަހު އަދީބު އާއި މަހްލޫފްއާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް، އަހްމަދު މަހްލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީހްތަކާއި ގުޅުވުމުން، އަހްމަދު މަހްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ އިސްވެ ދެންނެވުނު ފައިސާއަކީ، އަހްމަދު އަދީބު، އަހްމަދު މަހްލޫފަށް ދީފައިވާ ރިޝްވަތުގެ ފައިސާކަން ތަހުގީގުން އެނގެ އެވެ.

ތުހުމަތުތަކުން ދިފާއުވުމަށް މަހުލޫފު ކުރިން ވިދާޅުވީ، އެ ފައިސާ ލިބުނު މުއާމަލާތަކީ ޑޮލަރު ގަތުމުގެ ސައްހަ މުއާމަލާތެއް ކަމަށެވެ. ފައިސާ ދިން އެސްއޯއެފުން ބޭނުންކުރީ އެމްއެމްޕީއާރުސީގެ ފައިސާކަން އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އެ މުއާމަލާތާ ގުޅިގެން މަހްލޫފް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި އޮތީ، "އެއީ އަޅުގަނޑުގެ އާއިލާއިން ދަ ޖީންސްގެ ނަމުގައި ފިހާރައެއް ހިންގި އިރު އަޅުގަނޑުގެ އެއްބަފާ ކޮއްކޮ އަލީ މުބީން ގ. ހާފްސީ މެދުވެރިވެގެން ކޮށްފައިވާ ސައްހަ ކަރަންސީ އެކްސްޗޭންޖްގެ މުއާމަލާތެއް" ކަމަށެވެ. އެކަމުގައި އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ ސިޔާސީ ކަމެއް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.