Roadha Mihaaru
ކުއްޖަކު ރަހީނުކޮށް މަރާލުން: ދައުވާލިބޭ ކުއްޖާ ގެއަށް

ކުއްޖަކު ރަހީނުކޮށް މަރާލުން: ދައުވާލިބޭ ކުއްޖާ ގޭ ބަންދަށް

11 ނޮވެމްބަރ 2021

ހުޅުމާލޭގައި ކުޑަކުއްޖަކު ރަހީނުކޮށް މަރާލި މައްސަލާގައި ދައުވާލިބޭ 17 އަހަރުގެ ކުއްޖާ ޖުވެނައިލް ކޯޓުން ގޭ ބަންދަށް ބަދަލުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހުޅުމާލޭގައި ކުޑަކުއްޖަކު ރަހީނުކޮށް މަރާލި މައްސަލާގައި ދައުވާލިބޭ 17 އަހަރުގެ ކުއްޖާ ޖުވެނައިލް ކޯޓުން ގޭ ބަންދަށް ބަދަލުކޮށްފި އެވެ.

މިދިޔަ ޖޫން މަހު އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް، މަރާލުމަށްފަހު ފޮއްޓަކަށް ލާފައި އެއްލާލާފައި އޮއްވާ ފެނުނު މައްސަލާގައި ޖުވެނައިލް ކޯޓުގައި ދައުލަތުން ދައުވާކުރާ 17 އަހަރުގެ ކުއްޖާގެ ޝަރީއަތް ދަނީ ކުރިއަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ދައުވާ ލިބޭ ކުއްޖާ ގޭ ބަންދަށް ބަދަލުކުރަން ޖުވެނައިލް ކޯޓުން މިދިޔަ ހަަފުތާގައި އަމުރުކުރީ ކުޑަކުދިން ބައިތިއްބަން އެކަށީގެންވާ ޖަލެއް ނެތް ކަމަށް މިވަގުތު ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފައިވާތީ އެކަމަށް ރިއާޔަތްކޮށް ކަމަށެވެ.

އެހެންވެ، ކުޑަކުދިން ބޭތިއްބޭނެ އެކަށީގެންވާ ޖަލެއް ގާއިމް ކުރެވޭނެ މުއްދަތެއް އަންގައިދޭން ހޯމް މިނިސްޓްރީގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިހާރު އެދިފައިވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

އެ މައްސަލާގައި ދައުވާލިބޭ ކުއްޖާ ގޭ ބަންދަށް ބަދަލު ކުރިއިރު، ގއ. މާމެންދޫގައި އަހުމަދު އުދައްޔު މަރާލި މައްސަލާގައި ދައުވާލިބޭ ކުއްޖާ ވެސް މިދިޔަ ހަފުތާގައި ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.