Roadha Mihaaru
އެމްއޭސީއެލްގެ އާ ސީއޯއޯ އަކަށް އިނގިރޭސި ރައްޔިތެއް

އެމްއޭސީއެލްގެ އާ ސީއޯއޯއަކަށް އިނގިރޭސި ވިލާތުގެ ބޭފުޅަކު ހަމަޖައްސައިފި

10 ނޮވެމްބަރ 2021

ރާއްޖޭގެ މައި އެއާޕޯޓް ހިންގާ ކުންފުނި، އެމްއޭސީއެލްގެ އާ ޗީފް އޮޕަރޭޝަންސް އޮފިސަރު (ސީއޯއޯ) ގެ މަގާމަށް އިނގިރޭސި ވިލާތުގެ ބޭފުޅަކު ހަމަޖައްސައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގެ މައި އެއާޕޯޓް ހިންގާ ކުންފުނި، އެމްއޭސީއެލްގެ އާ ޗީފް އޮޕަރޭޝަންސް އޮފިސަރު (ސީއޯއޯ) ގެ މަގާމަށް އިނގިރޭސި ވިލާތުގެ ބޭފުޅަކު ހަމަޖައްސައިފި އެވެ.

އެއާޕޯޓް އޮޕަރޭޝަންސްގެ ދާއިރާގައި 20 އަހަރުގެ ތަޖުރިބާ ހޯއްދަވާފައިވާ، އާ ސީއޯއޯ ޑެރެން ވިލިއަމްސް އެމްއޭސީއެލްގެ މަސައްކަތްތަކަށް މިއަދު ނުކުމެވަޑައިގެންފައިވާ ކަމަށް އެ ކުންފުނިން ނެރުނު ބަޔާނެއްގައި ވެ އެވެ.

އޭނާ ވަނީ ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުގައި 10 އަހަރު ވަންދެން މަސައްކަތް ކުރައްވައިފަ އެވެ. އެ އެއާޕޯޓުގައި އޭނާ މަސައްކަތް ކުރެއްވީ އެއާސައިޑް ވައިސް ޕްރެޒިޑެންޓުގެ ގޮތުގަ އެވެ.

ދުބާއީ އެއާޕޯޓަކީ ދުނިޔޭގެ އެންމެ ބިޒީ އެއާޕޯޓު ކަމަށް ވާއިރު، އިނގިރޭސި ވިލާތުގެ އެބަޑީން އެއާޕޯޓާއި ލަންޑަން ސްޓޭންސްޓެޑް އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް ޑެރެން ވިލިއަމްސް މަސައްކަތް ކުރެއްވި އެވެ.

އޭނާ އެންމެ ފަހުން އަދާކުރެއްވީ ބްރިޓިޝް ހެލިކޮޕްޓާ އޮޕަރޭޓިން ކޮމްޕެނީގެ ޑިރެކްޓަރު އޮފް އޮޕަރޭޝަންސްގެ މަގާމެވެ.

އެމްއޭސީއެލްގެ ސީއޯއޯގެ މަގާމުުގައި ހުންނަވައިގެން، އެ ކުންފުނީގެ އޮޕަރޭޝަންތައް ހިންގާ ގޮތް އޭނާ ބަލަހައްޓަވާނެ އެވެ. އޭގެ ތެރެއިން ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ އޮޕަރޭޝަންގެ ކަންކަން އެންމެ އިސްކޮށް ބަލަހައްޓާނީ ޑެރެން ވިލިއަމްސް ކަމަށް އެމްއޭސީއެލުން ބުނެ އެވެ.

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން އަދާކުރައްވަނީ އިނގިރޭސި ވިލާތުގެ ބޭފުޅެއް ކަމަށްވާ ގޯޑަން އެންޑްރޫ އެވެ.