Roadha Mihaaru
ބެލަރޫސްގެ ރެފިއުޖީން ޕޮލެންޑް ބޯޑަރަށް ތޮއްޖެހެނީ

ބެލަރޫސްގެ ރެފިއުޖީން ޕޮލެންޑް ބޯޑަރަށް ތޮއްޖެހެނީ

10 ނޮވެމްބަރ 2021

ބެލަރޫސް އިން ޕޮލޭންޑަށް ހިޖްރަކުރާ މީހުންނާއި، ރެފިއުޖީންގެ ގޮތުގައި ޕޮލެންޑަށް އެތެރެވާން ދިޔަ އެތައް ބަޔަކަށް ޕޮލެންޑަށް އެތެރެ ނުވެވި، މައްސަލަ ހޫނުވެއްޖެ އެވެ.

ބެލަރޫސް އިން ޕޮލޭންޑަށް ހިޖްރަކުރާ މީހުންނާއި، ރެފިއުޖީންގެ ގޮތުގައި ޕޮލެންޑަށް އެތެރެވާން ދިޔަ އެތައް ބަޔަކަށް ޕޮލެންޑަށް އެތެރެ ނުވެވި، މައްސަލަ ހޫނުވެއްޖެ އެވެ.

ޔޫރަޕިއަން ކޮމިޝަނުން ބުނި ގޮތުގައި ދެ ގައުމު ގުޅޭ ސަރަހައްދީ ރޮނގު ކައިރިއަށް ރެފިއުޖީންނާއި ހިޖްރަކުރާ މީހުން ފޮނުވަނީ ބެލަރޫސް ސަރުކާރުން ރާވައިގެންނެވެ. ވިލާތުގެ އިއްތިހާދުގެ ތެރެއަށް ފަސޭހަ އިން ވަދެވޭނެ ކަމަށް ބުނެ، ޕޮލެންޑުގެ ސަރަހައްދީ ރޮނގު ކައިރިއަށް މީހުން ފޮނުވުމަށް ބަލަރޫސް ސަރުކާރުން ކުރާ މަސައްކަތަކީ ވަރަށް ލާއިންސާނީ އަދި ގޭންގު މީހުން ކުރާ ޒާތުގެ ކަމެއް ކަމަށް ޔޫރަޕިއަން ކޮމިޝަނުން ސިފަކުރެ އެވެ.

ދެ ގައުމު ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި މިހާރު ވެސް 2،000 އަށް ވުރެ ގިނަ މީހުން، ތޮއްޖެހިފައި އެބަތިއްބެވެ. އެ މީހުން ބެލަރޫސްގެ އެކި ހިސާބުތަކުން ޕޮލެންޑްގެ ސަރަހައްދީ ރޮނގު ކައިރިއަށް އައުމުން، ބެލަރޫސް ސިފައިން އެމީހުން ޕޮލެންޑާ ދިމާއަށް ގަދަކަމުން ފޮނުވާ ކަމަށް ޔޫރަޕިއަން ކޮމިޝަންގެ ތަރުޖަމާނު ޕީޓާ ސްޓަނޯ ވިދާޅުވި އެވެ.

ނޮވެމްބަރު 9، 2021؛ ބެލަރޫސް އާއި ޕޮލެންޑް ގުޅޭ ސަރަހައްދީ ރޮނގު ކައިރިން، ބެލަރޫސްގެ ތެރޭގައި ތިބި ރެފިއުޖީންތަކެއްގެ ކައިރީގައި ބެލަރޫސް ސިފައިން ސަލާމަތީ ކަންތައް ބަލަހައްޓަނީ. --އޭއެފްޕީ

ނޮވެމްބަރު 9، 2021؛ ބެލަރޫސް އާއި ޕޮލެންޑް ގުޅޭ ސަރަހައްދީ ރޮނގު ކައިރިން، ބެލަރޫސްގެ ތެރޭގައި ތިބި ރެފިއުޖީންތަކެއްގެ ކައިރީގައި ބެލަރޫސް ސިފައިން ސަލާމަތީ ކަންތައް ބަލަހައްޓަނީ. --އޭއެފްޕީ

"ހިޖްރަކުރާ މީހުންނާއި ރެފިއުޖީން އެ ހިސާބަށް ޖަމާވުމުން، ބެލަރޫސް ސިފައިން މިކުރާ ކަމަކީ ބާރުގެ ބޭނުންކޮށް، އެމީހުން މިފޮނުވަނީ ގަވާއިދާ ހިލާފަށް ވިލާތުގެ އިއްތިހާދުގެ ތެރެއަށް އެތެރެވާން،" ޕީޓާ ވިދާޅުވި އެވެ.

ނަމަވެސް ބެލަރޫސްގެ ރައީސް އެލެގްޒެންޑާ ލުކަޝެންކޯ ވިދާޅުވީ ޔޫރަޕިއަން ކޮމިޝަނުން ކުރާ ތުހުމަތުގެ އެއްވެސް އަސާސެއް ނެތް ކަމަށެވެ.

ވިލާތުގެ އިއްތިހާދުގައި އަދި ނޭޓޯގައި ހިމެނޭ ޕޮލެންޑާއި ލިތުއޭނިޔާ އާއި ލެތުވިއާ އަށް އެތެރެވުމަށް، ބެލަރޫސްގެ ތެރެއިން އަންނަ މީހުންގެ އަދަދު މިފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މި ތިން ގައުމަކީ ވެސް ބެލަރޫސްއާ އިންވެގެން އޮންނަ، އެއްގަމުން ގުޅިފައިވާ ގައުމުތަކެވެ.

ބެލަރޫސްގެ ތެރެއިން މި ގައުމުތަކަށް އެތެރެވާން ބޭނުންވާ މީހުންގެ ތެރޭގައި ގިނައީ މެދުއިރުމަތީގެ ގައުމުތަކުންނާއި އޭޝިޔާގެ ގައުމުތަކުން އަންނަ ޒުވާން ފިރިހެނުންނެވެ. ނަމަވެސް އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ކޮންމެވެސް ވަރަކަށް ހިމެނެ އެވެ.

ނޮވެމްބަރު 9، 2021؛ ބެލަރޫސް އާއި ޕޮލެންޑް ގުޅޭ ސަރަހައްދީ ރޮނގު ކައިރިން، ބެލަރޫސްގެ ތެރޭގައި ތިބި ރެފިއުޖީންތަކެއްގެ ހަރަކާތްތަކަށް ޕޮލެންޑްގެ ސިފައިން ސަމާލުވެގެން. --އޭއެފްޕީ

ނޮވެމްބަރު 9، 2021؛ ބެލަރޫސް އާއި ޕޮލެންޑް ގުޅޭ ސަރަހައްދީ ރޮނގު ކައިރިން، ބެލަރޫސްގެ ތެރޭގައި ތިބި ރެފިއުޖީންތަކެއްގެ ހަރަކާތްތަކަށް ޕޮލެންޑްގެ ސިފައިން ސަމާލުވެގެން. --އޭއެފްޕީ

އެ ތިން ގައުމުގެ ތެރެއިން، ބެލަރޫސް އިން އެންމެ ގިނަ ރެފިއުޖީން މިހާތަނަށް އެތެރެވީ ޕޮލެންޑަށެވެ. ޕޮލެންޑަށް އެތެރެވުމަށް ސަރަހައްދީ ރޮނގު ކައިރިއަށް އައިސް ތިބި މީހުން ބުނާ ގޮތުގައި، އެ ސަރަހައްދަށް އެމީހުން އައުމުން ބެލަރޫސްގެ ސިފައިން ވަނީ އެމީހުންގެ ފޯނުތައް އަތުލައިފަ އެވެ. އަދި މީހުންތައް ކޮއްޕާފައި، ދެ ގައުމުގެ ސަރަހައްދީ އިމުގައި ދަމާފައިވާ ކަށިނަރުތަކާ ދިމާލަށް ފޮނުވި އެވެ.

ޕޮލެންޑަށް އެތެރެ ނުވެވި ތިބޭތާ އެތައް ހަފުތާއެއްވީ މީހުން ވެސް އެ ސަރަހައްދުގައި މިހާރު ވެސް އެބަތިއްބެވެ. އެ ސަރަހައްދުގައި ރޭގަނޑު ފިނިހޫނުމިން ހުންނަނީ ސުމަކަށް ވުރެ ވެސް ދަށުގައި ކަމަށްވާތީ، މިދިޔަ ހަފުތާ ބަންދުގެ ތެރޭގައި ވެސް، ގަދަ ފިނީގެ ސަބަބުން ބައެއް މީހުން ވަނީ މަރުވެފަ އެވެ.

ދެ ގައުމުގެ ސަރަހައްދު ވަކިކުރުމަށް ދަމާފައިވާ ނަރުދާގަނޑު ކޮށާލައިގެން، ޕޮލެންޑުގެ ތެރެއަށް ވަނުމަށް މިދިޔަ ހޯމަ ދުވަހު ބަޔަކު މަސައްކަތް ކުރުމާ ގުޅިގެން، ޕޮލެންޑުގެ އިތުރު ސިފައިން ވަނީ އެ ސަރަހައްދަށް ފޮނުވައިފަ އެވެ. މިދިޔަ ހުކުރު ދުވަހުން ފެށިގެން މިހާތަނަށް 300 ވަރަކަށް ފަހަރު، ނަރުދާގަނޑު ހަލާކުކޮށްލައިގެން ޕޮލެންޑަށް އެތެރެވާން މަސައްކަތް ކޮށްފައިވެ އެވެ.

ޕޮލެންޑްގެ ގައުމީ ސަލާމަތާ ބެހޭ އިދާރާގެ ވެރިޔާ ސްޓަނިސްލޯ ޒަރީން ވިދާޅުވި ގޮތުގައި، ގަވާއިދާ ހިލާފަށް ޕޮލެންޑަށް ވަންނަން މަސައްކަތް ކުރާ މީހުންތައް ތިބީ ބެލަރޫސްގެ އިމުގެ ތެރޭގައި ބެލަރޫސް ސިފައިންގެ ބެލުމުގެ ދަށުގަ އެވެ. އަދި ބެލަރޫސް ސިފައިން މަސައްކަތް ކުރަނީ، ބަޑި ޖަހައި ބަޔަކު ޒަހަމްކޮށްލައިގެން ނަމަވެސް، ދެ ގައުމު ގުޅޭ ސަރަހައްދީ އިމުގައި ހަމަނުޖެހުންގަނޑެއް އުފައްދަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.