Roadha Mihaaru
ނޭނގޭ މިސައިލެއް ޕޮލެންޑަށް، ވެރިން ކަންބޮޑުވެފައި

ގޮތް ނޭނގޭ މިސައިލެއް ޕޮލެންޑަށް، ވެރިން ކަންބޮޑުވެފައި

16 ނޮވެމްބަރ 2022

ނޭޓޯގެ މެމްބަރު ގައުމެއް ކަމަށްވާ ޕޮލެންޑްގެ އިރުމަތީ ސަރަހައްދަށް، އިއްޔެ ހަވީރު ގޮތް ނޭނގޭ މިސައިލެއް ވެއްޓި ދެ މީހަކު މަރުވުމާ ގުޅިގެން، ނޭޓޯގެ އިސް ވެރިންގެ ކުއްލި ބައްދަލުވުމެއް ރޭ ބާއްވައިފި އެވެ.

ނޭޓޯގެ މެމްބަރު ގައުމެއް ކަމަށްވާ ޕޮލެންޑްގެ އިރުމަތީ ސަރަހައްދަށް، އިއްޔެ ހަވީރު ގޮތް ނޭނގޭ މިސައިލެއް ވެއްޓި ދެ މީހަކު މަރުވުމާ ގުޅިގެން، ނޭޓޯގެ އިސް ވެރިންގެ ކުއްލި ބައްދަލުވުމެއް ރޭ ބާއްވައިފި އެވެ.

ޔޫކްރޭންގެ ހުޅަނގުން އޮންނަ ޕޮލެންޑަށް ވެއްޓުނު މިސައިލަކީ ކޮން ބަޔަކު ދިން ހަމަލާއެއްކަން މިހާތަނަށް ކަށަވަރުނުވިޔަސް އެއީ ރަޝިޔާގައި އުފައްދާފައިވާ މިސައިލެއް ކަމަށް ޕޮލެންޑް ސަރުކާރުން ބުނެ އެވެ. މި ޚަބަރު ލިބުމާއެކު، އެންމެ ބޮޑަށް ތަރައްގީވެފައިވާ ގައުމުތަކުގެ (ޖީ7) ވެރިންނާއި ވިލާތުގެ އިއްތިހާދުގެ ކުއްލި ބައްދަލުވުމެއް، އިންޑޮނީޝިޔާގެ ބާލީގައި ރޭ ބޭއްވި އެވެ.

އެ ބައްދަލުވުމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން، އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކް، ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ، ފަރަންސޭސި ރައީސް އިމަނުއެލް މެކްރޯން، ޖަރުމަނުގެ މުސްތަޝާރު އޮލާފް ޝޯލްޒް، އިޓަލީގެ ބޮޑުވަޒީރު ޖިއޯޖިއޯ މެލޯނީ އަދި ޖަޕާނުގެ ބޮޑުވަޒީރު ކިޝީޑާ ފުމިއޯ ބައިވެރިވެވަޑައިގަތެވެ. އެ ބޭފުޅުންނާ އެކުގައި ވިލާތުގެ އިއްތިހާދުގެ ރައީސް އުރްސުލާ ވޯން ދޭލަޔާން ވެސް، މި މައްސަލައިގައި މަޝްވަރާ ކުރެއްވި އެވެ.

މި ބޭފުޅުން މިވަގުތު ބާލީގައި ތިއްބެވީ، އިއްޔެ ބާލީގައި ފެށި، އިގްތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ 20 ގައުމު (ޖީ20)ގެ އެންމެ އިސް ވެރިންގެ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށެވެ. ދެ ދުވަހަށް ކުރިއަށް ދާ މި މަހާސިންތާގައި ވެސް އެންމެ ފުޅާ ދާއިރާއެއްގައި ވާހަކަ ދެކެވޭނެ އެއް މައްސަލައަކީ، ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ފަށައިގެން ކުރިއަށް ދާތާ 10 މަސްވީ ހަނގުރާމަ އެވެ.

ޕޮލެންޑްގެ އިރުމަތީ ސަރަހައްދަށް މިސައިލް ވެއްޓުމާއެކު، ޔޫކްރޭންގެ އޮފިޝަލުންނާ ހަވާލާދީ، ބައިނަލްއަގުވާމީ މީޑިއާގައި އެންމެ ފުރަތަމަ ވެސް ތުހުމަތުކުރީ ރަޝިޔާ އަށެވެ. ނަމަވެސް ރަޝިޔާ ސަރުކާރުން ބުނީ، އެ ގައުމުން ފޮނުވައިލި މިސައިލެއް ޕޮލެންޑަށް ނުދާނެ ކަމަށާއި އެފަދަ ހާދިސާއެއްގެ އަޑު ވެސް ނާހާ ކަމަށެވެ.

ޖީ7ގެ ވެރިންގެ ކުއްލި ބައްދަލުކުރެއްވުމަށް ފަހު، އެމެރިކާގެ ރައީސް ޖޯ ބައިޑެން މިއަދު ވިދާޅުވި ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު ޕޮލެންޑަށް ވެއްޓުނު މިސައިލަކީ، ރަޝިޔާ އިން ފޮނުވައިލި މިސައިލެއް ކަމަކަށް ނުބެލެވެ އެވެ. އެހެން ނަމަވެސް ހާދިސާގެ ހަގީގަތް ހާމަވާނީ، މިހާރު ފަށާފައިވާ ތަހުގީގު ފުރިހަމަވުމުން ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.

ޕޮލެންޑަށް މިސައިލް ވެއްޓުނު ހާދިސާއާ ގުޅިގެން ނޭޓޯގެ ޗާޓަރުގެ މާއްދާ 4، އަދި މާއްދާ 5 އަށް އަމަލުކުރުމަށް ވެސް، އެ ގައުމުތަކުގައި މިހާރު އަންނަނީ މަޝްވަރާ ކުރަމުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އޭގެ ތެރެއިން ހަތަރު ވަނަ މާއްދާގައި ބުނަނީ، މެމްބަރު ގައުމެއްގެ ސަރަހައްދީ އެއްބައިވަންތަކަމަށް، ސިޔާސީ މިނިވަންކަމަށް ނުވަތަ ސަލާމަތީ ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިވެއްޖެ ހިނދެއްގައި، މެންބަރު ގައުމުތަކުގެ މެދުގައި އެކަމާ މެދު މަޝްވަރާކުރަންޖެހޭނެ ކަމަށެވެ.

ނޭޓޯ ޗާޓަރުގެ ފަސް ވަނަ މާއްދާ އަށް މަގު ކޮށައިދޭ މާއްދާއެއްގެ ގޮތުގައި އޮތް ހަތަރު ވަނަ މާއްދާ އަށް، ނޭތޯ އުފެދުނު ފަހުން މިހާތަނަށް ހަތް ފަހަރެއްގެ މަތިން އަމަލުކޮށްފި އެވެ. އެންމެ ފަހުން ހަތަރު ވަނަ މާއްދާގެ ދަށުން މެމްބަރު ގައުމުތައް މަޝްވަރާ ކުރީ، މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމާ ގުޅިގެންނެވެ.

ނޭޓޯ ޗާޓަރުގެ ފަސް ވަނަ މާއްދާގައި ބުނަނީ، ޔޫރަޕްގެ ނުވަތަ އެމެރިކާގެ ގައުމަކަށް ނުވަތަ ގައުމުތަކަކަށް ދެވޭ ހަތިޔާރުގެ ކޮންމެ ހަމަލާއަކީ އެ ޖަމާއަތުގެ މެމްބަރު ހުރިހާ ގައުމުތަކަށް ދޭ ހަމަލާއެއް ކަމުގައި ބަލަންޖެހޭނެ ކަމަށެވެ. އެފަދަ ހާލަތެއްކަމަށް މެމްބަރު ގައުމުތަކަށް ގަބޫލުކުރެއްވިއްޖެ ހިނދެއްގައި، އދ.ގެ ޗާޓަރުގެ 51 ވަނަ މާއްދާގައި ބުނާ، އަމިއްލަ ނަފްސު ދިފާއުކުރުމުގެ ހައްގުގެ ބޭނުން ހިފުމުގައި، ހަމަލާ ދެވުނު ގައުމަށް، އެހެން ހުރިހާ ގައުމުތަކުން އެހީތެރިވެދޭންވާނެ ކަމަށް ވެސް ފަސް ވަނަ މާއްދާގައި ބުނެ އެވެ.

ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ޕޮލެންޑަށް ވެއްޓުނު ކަމަށް ބުނާ މިސައިލްގެ ދަތުރުކުރުމުގެ ރާސްތާ އަށް ބަލާއިރު، އެއީ ރަޝިޔާގެ ސަރަހައްދުން ފޮނުވައިލި މިސައިލެއް ނޫނެވެ. ޕޮލޭންޑާއި ރަޝިޔާއާ ދޭތެރޭ މެދުގައި ޔޫކްރޭން އޮންނަ އިރު، މިސައިލް ވެއްޓުނު ހިސާބުން ފެށިގެން ރަޝިޔާ އާއި ޔޫކްރޭން ގުޅޭ އިމާ ހަމައަށް ވެސް 700 ކިލޯމީޓަރު ހުރި އިރު، ވެއްޓުނު ކަމަށް ބުނާ މިސައިލަކީ، 120ކިލޯމީޓަރަށް ދަތުރުކުރެވޭ ވަރުގެ މިސައިލެކެވެ.

ޕޮލެންޑްގެ ރައީސް އަންދްރޭ ޑޫޑާ ވިދާޅުވި ގޮތުގައި އެ ގައުމުގެ އިރުމަތީ ސަރަހައްދަށް ވެއްޓުނު މިސައިލް ފޮނުވައިލީ ކޮން ބައެއްކަން އަދި ޔަގީނެއް ނުވެ އެވެ. އަދި ބޮޑަށް ލަފާކުރެވޭ ގޮތުގައި އެއީ ރަޝިޔާގައި އުފައްދާފައިވާ މިސައިލެއް ކަމަށާއި، ނަމަވެސް އެކަން ވެސް މުޅިން ކަށަވަރު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅަނގުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރަޝިޔާގެ ހަމަލާއަކުން ދިފާއުވުމަށް އެމެރިކާގެ ޕެޓްރިއޮޓިކް މިސައިލް ނިޒާމުތައް ޕޮލެންޑްގައި ގާއިމުކޮށްފައި ހުއްޓާ، އެ ނިޒާމުތަކަށް އެނގުމެއް ނުވެ، މިސައިލެއް ދަތުރުކޮށްފައި އައިސް ވެއްޓުމަކީ ސުވާލު އުފެދޭ ކަމެކެވެ.