Roadha Mihaaru
ޔޫކްރޭނުން މިލިއަނަކަށް ވުރެ ގިނަ ރެފިއުޖީން ނުކުމެއްޖެ

ޔޫކްރޭނުން މިލިއަނަކަށް ވުރެ ގިނަ ރެފިއުޖީން ނުކުމެއްޖެ

03 މާޗް 2022

ޔޫކްރޭނުގެ ހަނގުރާމަ އަށް މިއަދު ހަފުތާއެއް ފުރުނު އިރު، މިހާތަނަށް އެ ގައުމު ދޫކޮށް މިލިއަނަކަށް ވުރެ ގިނަ މީހުން ރެފިއުޖީންގެ ގޮތުގައި ނުކުމެއްޖެ ކަމަށް، އދ.ގެ ރެފިއުޖީންނާ ބެހޭ ކޮމިޝަނަރު ފިލިއްޕޯ ގްރާންޑީ މިއަދު ވިދާޅުވެއްޖެ އެވެ.

ޔޫކްރޭނުގެ ހަނގުރާމަ އަށް މިއަދު ހަފުތާއެއް ފުރުނު އިރު، މިހާތަނަށް އެ ގައުމު ދޫކޮށް މިލިއަނަކަށް ވުރެ ގިނަ މީހުން ރެފިއުޖީންގެ ގޮތުގައި ނުކުމެއްޖެ ކަމަށް، އދ.ގެ ރެފިއުޖީންނާ ބެހޭ ކޮމިޝަނަރު ފިލިއްޕޯ ގްރާންޑީ މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ ރަޝިޔާގެ ހަމަލާތަކުގެ ސަބަބުން، ޔޫކްރޭންގައި ގޮތް ހުސްވެފައި ތިބި އެތައް މިލިއަން ބަޔަކަށްޓަކައި ވެސް ހަނގުރާމަ ހުއްޓައިލުމުގެ ވަގުތު ޖެހިފައިވާ ކަމަށެވެ. އަދި ހަނގުރާމައިގެ ސަބަބުން ޔޫކްރޭންގެ ތެރޭގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީގެ ސާމާނު ފޯރުކޮށްދެވޭނީ ވެސް ހަމަލާތައް ހުއްޓާލައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔޫކްރޭންގެ ތެރެއިން ލިބޭ މައުލޫމާތަށް ބަލާއިރު، މިހާރު އެންމެ ގިނަ ބަޔަކު ގެދޮރު ދޫކޮށް ރެފިއުޖީންގެ ގޮތުގައި ޔޫކްރޭނުން ބޭރަށް ދާން މަސައްކަތް ކުރަނީ، އެ ގައުމުގެ ދެ ވަނަ އަށް އެންމެ ބޮޑު ސަހަރު ކަމަށްވާ ޚަރްކީވް އިންނެވެ. އެ ސަހަރަށް ރަޝިޔާ ސިފައިން، މެދުކެނޑުމެއް ނެތި ބޮމާއި މިސައިލާއި ބޮޑުބަޑިން ހަމަލާ ދެމުން ދާތާ ތިން ދުވަސް ވެއްޖެ އެވެ.

ޔޫކްރޭނުން ނުކުތް ރެފިއުޖީންގެ ބަޔަކު ޕޮލެންޑްގެ ސަރަހައްދީ ރޮނގު ކައިރީގައި. --އޭއެފްޕީ

ޔޫކްރޭނުން ނުކުތް ރެފިއުޖީންގެ ބަޔަކު ޕޮލެންޑްގެ ސަރަހައްދީ ރޮނގު ކައިރީގައި. --އޭއެފްޕީ

ހަންގޭރީގެ އަވަށެއް ކަމަށްވާ ޒަހޮނީ އަށް އިއްޔެ ދިޔަ ރެފިއުޖީންގެ ތެރޭގައި، ޔޫކްރޭންގެ ވެރިރަށް ކިޔޭވްގައި ހުންނަ ނުކުޅެދޭ މީހުން ބަލަހައްޓާ ދެ މަރުކަޒެއްގައި ދިރިއުޅޭ 200 މީހުން ހިމެނެ އެވެ. އެ ދެ މަރުކަޒުގައި ތިބި މީހުންނާއި ކުދިން އެ ތަނުން ނެރެގެން، ހަންގެރީ އަށް ގެނައީ ގަދަ ފިނިން ސަލާމަތްވާނެ މާގިނަ ވަސީލަތްތަކެއް ވެސް ނެތި އެވެ.

ހަންގޭރީގެ ރަސްމީ އިދާރާތަކުން ބުނާ ގޮތުގައި ރެފިއުޖީންގެ ގޮތުގައި ދިޔަ ނުކުޅެދޭ މީހުންގެ ތެރޭގައި ގިނައީ، ސިކުނޑީގެ އުނިކަމާއި ޖިސްމާނީ ނުކުޅެދުންތެރިކަން ހުރި ކުދިންނެވެ.

ރަޝިޔާ އިން ފަށާފައިވާ ހަނގުރާމައިގެ ސަބަބުން، ރެފިއުޖީންގެ ގޮތުގައި މިހާތަނަށް ޔޫކްރޭނުން ނުކުތް އެއް މިލިއަން މީހުންގެ ދެ ބައިކުޅަ އެއްބަޔަށް ވުރެ ގިނަ އަދަދެއްގެ ބަޔަކު ދިޔައީ ޕޮލެންޑަށެވެ. އެއީ ގާތްގަނޑަކަށް 505،000 ރެފިއުޖީންނެވެ. ހަންގޭރީ އަށް 116،300 މީހުން ދިޔައިރު، 79،300 އަށް ވުރެ ގިނަ މީހުން ދިޔައީ މޮލްޑޯވާ އަށެވެ. އަދި އިތުރު 71،000 މީހުން ސްލޮވާކިއާ އަށާއި ޔޫރަޕްގެ އެހެން ބައެއް ގައުމުތަކަށް 69،600 މީހުން ހިޖްރަކޮށްފި އެވެ.

ޔޫރަޕްގެ ބައެއް ގައުމުތަކުން ބުނާ ގޮތުގައި ޔޫކްރޭންގައި މިހާރު ކުރިއަށްދާ ހަނގުރާމަ އަވަހަށް ނުހުއްޓައިފި ނަމަ، ޔޫރަޕުގެ ތާރީޚު ވެސް ނުދެކޭހާ ގިނަ އަދަދެއްގެ ރެފިއުޖީން ޔޫރަޕުގެ ގައުމުތަކަށް ދާނެ އެވެ.