17 ނޮވެމްބަރ 2022
ޔޫކްރޭނުން މަސައްކަތް ކުރަމުން ދަނީ، ރަޝިޔާ އާއި ނޭޓޯއާ ދެމެދު މަސްރަހު ގޯސްކޮށް ދެ ފަރާތުގެ މެދުގައި ފިތުނަ އުފައްދައިގެން، ތިން ވަނަ ބޮޑު ހަނގުރާމަ ފެށުމަށް ކަމަށް ރަޝިޔާ އިން ތުހުމަތު ކޮށްފި އެވެ.
ޔޫކްރޭނުން މަސައްކަތް ކުރަމުން ދަނީ، ރަޝިޔާ އާއި ނޭޓޯއާ ދެމެދު މަސްރަހު ގޯސްކޮށް ދެ ފަރާތުގެ މެދުގައި ފިތުނަ އުފައްދައިގެން، ތިން ވަނަ ބޮޑު ހަނގުރާމަ ފެށުމަށް ކަމަށް ރަޝިޔާ އިން ތުހުމަތު ކޮށްފި އެވެ.
މިދިޔަ އަންގާރަ ދުވަހު ހަވީރު ޕޮލެންޑަށް ވެއްޓުނު ގޮތް ނޭނގޭ މިސައިލަކީ ރަޝިޔާ އިން ފޮނުވައިލި މިސައިލެއް ކަމަށް ޔޫކްރޭނުން ތުހުމަތުކުރުމާ ގުޅިގެން، ރަޝިޔާ އިން ބުނި ގޮތުގައި ޔޫކްރޭނުން މަސައްކަތް ކުރަނީ، ހަނގުރާމައިގެ ތެރެއަށް ނޭޓޯ ވެއްދުމަށެވެ. މިސައިލް ވެއްޓުނު ހާދިސާއާ ބެހޭ ގޮތުން ރަޝިޔާ އިން ބުނެފައިވަނީ، އެ ގައުމުގެ އެއްވެސް މިސައިލެއް އަދި ރޮކެޓެއް ވިޔަސް ޕޮލެންޑަށް ނުވެއްޓޭ ކަމަށެވެ.
މި ހާދިސާގެ ފުރަތަމަ ތަހުގީގުތަކާ ގުޅޭ ގޮތުން، އެމެރިކާގެ ރައީސް ޖޯ ބައިޑެން ވެސް އިއްޔެ ވިދާޅުވީ ޕޮލެންޑަށް ވެއްޓުނު މިސައިލަކީ ރަޝިޔާ އިން ފޮނުވައިލި މިސައިލެއް ކަމަށް ނުބެލެވޭ ކަމަށެވެ.
ނަމަވެސް ޔޫކްރޭނުން، ބައިޑެންގެ ވާހަކަތަކަށް އިންކާރުކޮށް ނޭޓޯ އަށް ގޮވާލާފައިވަނީ، ރަޝިޔާގެ ހަމަލާތައް ހުއްޓުވުމަށް ފިޔަވަޅު އަޅައިދިނުމަށެވެ. އަދި މިއީ ނޭޓޯ އިން ފިޔަވަޅު އަޅަންވީ ވަގުތު ކަމަށް ވެސް ޔޫކްރޭނުން ވަނީ ބުނެފަ އެވެ.
ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ހާންސް ސްޓޯލެންބާގް އިއްޔެ ވިދާޅުވި ގޮތުގައި އަންގާރަ ދުވަހު ޕޮލެންޑްގެ އިރުމަތީ ސަރަހައްދަށް ވެއްޓުނު މިސައިލަކީ، ބޮޑަށް ބެލެވޭ ގޮތުގައި ޔޫކްރޭނުން ފޮނުވައިލި މިސައިލެކެވެ.
"އެންމެ ބޮޑަށް ބެލެވެނީ އެއީ، ޔޫކްރޭންގެ ވައިގެ ދިފާއީ ނިޒާމުގައި ހިމެނޭ މިސައިލެއް. މިއީ ރަޝިޔާ އިން ގަސްދުގައި ދިން ހަމަލާއެއް ކަމުގެ އެއްވެސް އިޝާރާތެއް ލިބޭކަށް ނެތް،" މިސައިލް ހާދިސާއާ ގުޅޭ ގޮތުން އެމެރިކާ އާއި ނޭޓޯ އިން މިހާރު ކުރަމުން އަންނަ ތަހުގީގުގެ މައުލޫމާތާ ހަވާލާދީ ސެކްރެޓަރީ ޖެނެރަލް ހާންސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއީ ޔޫކްރޭންގެ މިސައިލެއް ކަމަށް ވިޔަސް، މިހާރު ހިނގަމުންދާ ހަނގުރާމައަކީ ރަޝިޔާ އިން ފަށައިގެން ކުރިއަށް ގެންދާ ހަނގުރާމައަކަށް ވާތީ، އެ ހާދިސާގެ ހުރިހާ ބަދުނާމެއް އެޅިގެންދާނީ ރަޝިޔާގައި ކަމަށެވެ. ރަޝިޔާ އިން ހަނގުރާމަ ނުފެށި ނަމަ، މިފަދަ ހާދިސާތައް ވެސް ނުހިނގާނެ ކަމަށާއި، އިއްޔެ ހެނދުނުން ފެށިގެން ރަޝިޔާ އިން ޔޫކްރޭނަށް މިސައިލްގެ ވާރޭ އޮއްސަމުން ނުދިޔަ ނަމަ، ޕޮލެންޑްގެ ތެރެއަށް ވެސް މިސައިލެއް ނުވެއްޓުނީސް ކަމަށް ސެކްރެޓަރީ ޖެނެރަލް ހާންސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޔޫކްރޭނަކީ ނޭޓޯގެ މެމްބަރު ގައުމެއް ނޫން ނަމަވެސް، ރަޝިޔާގެ މިފަދަ ހަމަލާތަކުން ދިފާއުވުމުގައި ބޭނުންކުރުމަށް، މިސައިލްގެ ދިފާއީ ނިޒާމުތައް ނޭޓޯގެ ފަރާތުން ޔޫކްރޭނަށް ދޭނެ ކަމަށެވެ. ސެކްރެޓަރީ ޖެނެރަލް ހާންސް ވިދާޅުވީ ޔޫކްރޭނަށް އެހީވެދޭ ގައުމުތަކުގެ ބައްދަލުވުމެއް އިއްޔެ ބޭއްވި ކަމަށާއި، ރަޝިޔާގެ މިސައިލްތައް ވައިގެ ތެރޭގައި ގޮއްވައިލުމަށް ބޭނުންކުރާނެ ޒަމާނީ ދިފާއީ ނިޒާމުތަކެއް ޔޫކްރޭނަށް ދިނުމަށް އެ ގައުމުތަކުން އެއްބަސްވެފައިވާ ކަމަށެވެ.
ޕޮލެންޑަށް ވެއްޓުނު މިސައިލަކީ، ޔޫކްރޭންގެ މިސައިލެއް ކަމަށް ތުހުމަތު ކުރެވުނު ނަމަވެސް، ޔޫކްރޭނުން ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ. ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވީ ޕޮލެންޑަށް ވެއްޓުނީ ޔޫކްރޭންގެ މިސައިލެއް ނޫން ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށާއި، މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު، އެއީ ރަޝިޔާގެ މިސައިލެއްކަން އެނގިފައިވާ ކަމަށެވެ.
ޔޫކްރޭނުން ބުނާ ގޮތުގައި މިއަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، މިހާތަނަށް އެންމެ ވަރުގަދަ އަދި އެންމެ ގިނަ މިސައިލް ހަމަލާތައް ދިނީ، މިދިޔަ އަންގާރަ ދުވަހު އެވެ. ރަޝިޔާގެ މިސައިލްތައް އަންނަން ފެށުމާއެކު، ޔޫކްރޭންގެ ދިފާއީ މިސައިލް ނިޒާމު ތައްޔާރީ ހާލަތަށް ގެނެސް، ރަޝިޔާގެ ގިނަ މިސައިލްތަކެއް ވައިގެ ތެރޭގައި ގޮއްވައިލި ކަމަށް ވެސް ޔޫކްރޭނުން ބުންޏެވެ.
ޕޮލެންޑަކީ ނޭޓޯގެ މެމްބަރު ގައުމަކަށް ވާއިރު، ނޭޓޯގެ ޗާޓަރު ބުނާ ގޮތުން އެ ޖަމާއަތުގެ މެމްބަރު ގައުމަކަށް ދޭ ހަމަލާއަކީ އެ ޖަމާއަތުގެ ހުރިހާ މެންބަރުންނަށް ދޭ ހަމަލާއެއް ކަމަށް ބެލެވޭނެ އެވެ. އެފަދަ ހާލަތެއްގައި އެ ގައުމެއްގެ ހިމާޔަތުގައި މެންބަރު ހުރިހާ ގައުމަކުން ތެދުވެ، އަސްކަރީ ހަމަލާއެއް ދޭން ޖެހިއްޖެ ނަމަ ހުރިހާ ގައުމުތައް ބައިވެރިވެގެން ހަމަލާ ވެސް ދޭނެ އެވެ.
ބައިޑެން ޔޫކްރޭނަށް ކުރެއްވި ސިއްރު ދަތުރު
ޔޫކްރޭނަށް އެފް-16ގެ ބޯޓެއް ނުދޭނަން: ބައިޑެން
ޔޫކްރޭން އަމާން ދިނުމުން ހަނގުރާމަ ހުއްޓިދާނެ: ރަޝިޔާ
ކޮންމެ ދުވަހަކު ޔޫކްރޭނުން 100 ސިފައިން މަރުވޭ
ޔޫކްރޭނަށް ހަތިޔާރު ފޮނުވުން ހުއްޓައިލުމަށް ގޮވާލައިފި
ރަޝިޔާގެ ރޮކެޓް ހަމަލާތަކެއް ޔޫކްރޭންގެ ހުޅަނގަށް
އެދެނީ ނޭޓޯ ހަތިޔާރުގެ އެންމެ ޕަސެންޓަކަށް: ޔޫކްރޭން
ނޭޓޯއާ އިންޗިއަކަށް ވެސް ކައިރިނުވާތި: ބައިޑެން
"ނޭޓޯއާ ގުޅެން ކުރާ މަސައްކަތް ހުއްޓާލަން ތައްޔާރު"
އެމެރިކާއިން ޔޫކްރޭނަށް އިތުރު ހަތިޔާރު ދެނީ