Roadha Mihaaru
ހިޔާ ފްލެޓް ސަރަހައްދުގައި ޖެހުނު ތާކަށް ކުނިއަޅަނީ

ހިޔާ ފްލެޓް ސަރަހައްދުގައި ޖެހުނު ކޮންމެ ތާކަށް ކުނި އަޅަނީ

04 ނޮވެމްބަރ 2021

ހިޔާ ފްލެޓްތަކުގައި އުޅޭ މީހުން ކުނި އެޅުމަށް އެ ސަރަހައްދުގައި ވަކި ތަންތަން ކަނޑައަޅާފައި ހުއްޓަސް އެކަމަށް ބެލުމެއް ނެތި އަދިވެސް އެކި ތަންތަނަށް ކުނިއެޅުމާއި މާލެއިން ގެންދާ ކުނި ވެސް ހިޔާ ފްލެޓް ސަރަހައްދަށް އަޅާ މައްސަލަ ބޮޑުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހިޔާ ފްލެޓްތަކުގައި އުޅޭ މީހުން ކުނި އެޅުމަށް އެ ސަރަހައްދުގައި ވަކި ތަންތަން ކަނޑައަޅާފައި ހުއްޓަސް އެކަމަށް ބެލުމެއް ނެތި އަދިވެސް އެކި ތަންތަނަށް ކުނިއެޅުމާއި މާލެއިން ގެންދާ ކުނި ވެސް ހިޔާ ފްލެޓް ސަރަހައްދަށް އަޅާ މައްސަލަ ބޮޑުވެއްޖެ އެވެ.

ފްލެޓްތައް ކައިރީ ގާކުނޑި އެޅުމަށް ވަކި ސަރަހައްދުތަކެއް ކަނޑައަޅާފައި ހުއްޓަސް އެތަނުގެ ވަކި ސަރަހައްދުތަކެއްގައި ކުނިވާ ޒާތުގެ ކުނި އެޅުމަށް ޑަސްބިން ވެސް ބަހައްޓާފައި އެބަހުއްޓެވެ.

އެކަމަކު ފްލެޓްތައް ކައިރިއަށް ކުނިއެޅުން މަނާކޮށް އެކަން އަންގަން ބޯޑުތައް ހަރުކޮށްފައި ހުއްޓަސް އެ ތަންތަނަށް ވެސް ކުޅި އަޅަ އެވެ. މި ހަފްތާގެ ކުރީކޮޅު ނަގާފައިވާ ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި ކުނިވާ ޒާތުގެ ކުންޏާއި ކަރުދާސް ފޮށިތަކާ އެކު މިގޮތަށް ބޮޑު ކުނި ފުންޏެެއް ޓަވަރެއްގެ ކައިރީގައި ހުއްޓެވެ.

ކުރިން ވެސް، ފްލެޓް ހަދަން ގެންދާ މުދާތައް ހުސްކުރުމަށް ފަހު އުކާލާ ކުނިތަކުގެ ބޮޑެތި ކުނި ފުނިތައް އުފެދިފައި ހުއްޓާ އެތަންތަން އެޗްޑީސީން ވަނީ ސާފުކޮށްފަ އެވެ.

އެޗްޑީސީން ބުނީ އެތަނުގައި ހަރުކޮށްފައި ހުރި ނިޝާންތަކަށް ބެލުމެއް ނެތި ބައެއް މީހުން ކުނި އަޅަމުންދާކަން ވަރަށް ބޮޑަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި މާލެއިން މުދާ ގެނައުމަށް ފަހު އަޅާފައި ހުންނަ ކުނިތައް ވެސް ފާހަގަކުރެވޭ ކަމަށް ބުންޏެވެ.

އެޗްޑީސީން ބުނި ގޮތުގައި ކުނި އެޅުމަށް ވަކި ތަންތަން ކަނޑައަޅާފައި ހުރީ ފަސޭހަކުރުމަށާއި އެއީ ރައްކާތެރި ގޮތްކަމަށްވާތީ އެވެ.

"އެޗްޑީސީން މި މަސައްކަތްކުރަނީ އެތަން އަބަދުވެސް ސާފުކޮށް ބޭއްވުމަށް. އެހެންވީމާ އަދިވެސް އެންމެ ބޮޑު އިލްތިމާސަކީ ކަނޑައަޅާފައިވާ ވަކި ސަރަހައްދުތަކަށް ކުނި އެޅުން،" އެޗްޑީސީގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

މިހާރު ފްލެޓްތަކަށް 700 އެއްހާ އާއިލާ ބަދަލުވެފައިވާއިރު އެންމެ ފުރަތަމަ މީހުން އެތަނަށް ބަދަލުވިއިރު ކުނި އަޅާނެ އެއްވެސް އިންތިިޒާމެއް އެތަނަކު ނެތެވެ. އޭރު ކުނިވާ ޒާތުގެ ކުނިތައް މީހުން ނެރެނީ ފްލެޓްތަކުގެ އެންމެ ތިރިއަށެވެ. އެތަނުން ކުނި ނަގާނެ ބަޔަކު ނުވެ، ކުނި ކޮތަޅުގައި ފުޅަ އަޅާފައި ވެސް ހުއްޓެވެ.

މިހާރު ވެސް ބައެއް މީހުން ފްލެޓުތައް ކައިރިއަށް ކުނި އަޅަމުން ދިޔަ ނަމަވެސް ބައެއް ޓަވަރުތަކުގައި އުޅޭ މީހުން އަމިއްލައަށް އިސްވެ އެ ޓަވަރުތައް ސާފުކުރުމުގެ ހަރަކާތްތައް ވެސް ދޭތެރެއަކުން ކުރިއަށް ގެންދެ އެވެ.