Roadha Mihaaru
ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާގެ ޓެކްސްއެއް

ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާގެ ޓެކްސްއެއް ނަގަނީ

31 އޮކްޓޯބަރ 2021

ރާއްޖެ އަށް އެތެރެކުރާ ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާގެ ޓެކްސްއެއް ނަގަން ނިންމައި އެ ޓެކްސް އިން 48 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް އަންނަ އަހަރުގެ ބަޖެޓްގައި އަންދާޒާކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖެ އަށް އެތެރެކުރާ ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާގެ ޓެކްސްއެއް ނަގަން ނިންމައި އެ ޓެކްސް އިން 48 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް އަންނަ އަހަރުގެ ބަޖެޓްގައި އަންދާޒާކޮށްފި އެވެ.

ދައުލަތުގެ ބަޖެޓުގައި އާމްދަނީ ހޯދަން ހިމަނާފައިވާ އާ ކަންކަމުގެ ތެރެއިން އެއް ކަމަކީ ޕްލާސްޓިކް ކޮތަޅުން ޓެކްސް ނެގުމެވެ. އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ހުއްޓާލުމަކީ ސަރުކާރުން އިސްކަންދޭ ކަމެކެވެ. މިކަމަށްޓަކައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން 2020 ވަނަ އަހަރު އެކުލަވާލާފައިވާ ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭންގައި، ބައެއް ތަކެތިން ޓެކްސްއެއް ނެގުމަށް ނިންމާފައިވެ އެވެ.

ޕްލާސްޓިކް ކޮތަޅުން މި ޓެކްސް ނަގަނީ ކޮން އުސޫލަކުން ކަމެއް އަދި ކަނޑައެއް ނާޅަ އެވެ. އެހެން ކަމުން މި ޓެކްސް ނަގަނީ ފިހާރަތަކުން ކަމެއް ނުވަތަ އިމްޕޯޓު ކުރާ ފަރާތްތަކުން ކަމެއް ސާފެއް ނުވެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ކޮތަޅަކަށް 1ރ. އާއި 4ރ. އާ ދެމެދުގެ އަދަދަކުން ޓެކްސްއެއް ގިނަ ގައުމުތަކުގައި ނަގާ ކަމަށާއި، އެ ފަދަ ގައުމުތަކުގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ވަނީ 60 ޕަސެންޓާއި 90 ޕަސެންޓުގެ މިންވަރަކަށް ދަށްވެފައި ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ޓެކްސް ނެގުން އެއް ކުއާޓާ އަށް ލަސް ވެއްޖެ ނަމަ ޕްލާސްޓިކް ކޮތަޅުން ލިބޭ އާމްދަނީ 35 މިލިއަން ރުފިޔާ އަށް ދަށްވާނެ އެވެ. އަދި ތިން ވަނަ ކުއާޓާ އަށް ޓެކްސް ނެގުން ލަސްވެއްޖެ ނަމަ 23 މިލިއަން ރުފިޔާ އަށް އާމްދަނީ ދަށްވާނެ އެވެ. އަދި ހަތަރު ވަނަ ކުއާޓާއަށް މިކަން ތަންފީޒުކުރުން ލަސްވެއްޖެ ނަމަ ލިބޭނީ 10 މިލިއަން ރުފިޔާ އެވެ.

ސަރުކާރުން ވަނީ ރާއްޖޭގައި ބަޔޯޑިގްރޭޑަބަލް ކޮތަޅު ކަމަށް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތަކާއި އެ ތަކެއްޗަށް ހުއްދަ ދިނުމުގައި އަމަލުކުރާނެ ގޮތްތައް ވެސް އާންމުކޮށްފަ އެވެ. އެއް ފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ބޭނުންކުރާ ވަރު މަދުކުރަން ގިނަ ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ.